26 ޖޫން 2024 - 05:54

ޣައްޒާގައި އަދިވެސް ގާތްގަނޑަކަށް ބައި މިލިއަން މީހުންނަށް ފުރާނައަށް ނުރައްކާވާ ވަރުގެ ބަނޑުހައިހޫނުކަން ކުރިމަތިވެފައިވާ ކަމަށް އދ.ގެ އެހީއާ އެކު ހެދި ދިރާސާއަކުން ދައްކައިފި އެވެ.
އިންޓެގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލަސިފިކޭޝަން (އައިޕީސީ) ޕާޓްނަޝިޕުން ބުނީ ފަލަސްތީނުގެ އުތުރުގައި ބަނޑުހައިހޫނުކަން ކުރިމަތިވާނެ ކަމުގެ އިންޒާރު މާޗް މަހު އެ ޖަމިއްޔާއިން ދީފައި ވިޔަސް އެގޮތަށް ކަންތައް ވެފައި ނުވާ ކަމަށެވެ.
"ނަމަވެސް ޣައްޒާގެ ހާލަތު އަދިވެސް އޮތީ ކާރިސާގެ ހާލަތުގައި. މުޅި ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ނުރައްކާ ބޮޑު އަދި އެކަން އެގޮތުގައި ދެމި އޮންނާނެ ކަމުގެ ބިރު އެބަ އޮތް،" ރިޕޯޓުގައިވެ އެވެ.
އެ ޖަމާއަތުން ބުނީ ގާތްގަނޑަކަށް 495،000 މީހުން [އދ. އިން ލަފާކުރާ ގޮތުގައި ޣައްޒާގެ އާބާދީގެ ގާތްގަނޑަކަށް 22 ޕަސެންޓް] އަދިވެސް ތިބީ "ކާނާގެ ނުލިބުމުގެ އެންމެ ނުރައްކާ ހާލަތު" ކަމަށްވާ އައިޕީސީ ފޭސް 5 ގަ އެވެ.
އިތުރު 745،000 މީހުންނަކީ ކާބޯތަކެތީގެ ދަތިކަން ނުރައްކާތެރި ހާލަތުގައި ތިބި މީހުންގެ ގޮތުގައި ގިންތިކުރެވިފައިވާ މީހުންނެވެ.
އދ.ގެ ކާނާއާ ބެހޭ ޕްރޮގްރާމުން ބުނީ މި ރިޕޯޓުން، ޣައްޒާގައި ހައިހޫނުކަން އާންމުވެ ނުރައްކާވެފައިވާ މިންވަރު އިތުރަށް ކަށަވަރުކޮށްދޭ ކަމަށެވެ.
އިޒްރޭލުން މިދިޔަ އަހަރުގެ އޮކްޓޫބަރު 7 އިން ފެށިގެން ހަމަލާ ދެމުން ގެންދާ ޣައްޒާގެ އުތުރުގެ ސަރަހައްދުގައި އާންމުންގެ ހާލަތު ކުޑަ ތަންކޮޅެއް ރަނގަޅުވެފައި ވިޔަސް ދެކުނުގައި އަދިވެސް ދަނީ ހާލަތު ގޯސްވަމުން ކަމަށް އެ ޖަމިއްޔާއިން ދަނީ ބުނަމުންނެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާއިން މިހާތަނަށް 37،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ވާއިރު އަދިވެސް ހަމަލާތައް ދަނީ ކުރިއަށެވެ. -- އޭއެފްޕީ