26 ޖޫން 2024 - 06:15

އާދިއްތަ ދުވަހާ ގުޅޭ
"ބުނޭ ނަޖޫ ޑިވޯސްއެއް ނުކުރާނަމޭ!" ދިފްލާ ކުރީ އަމުރެކެވެ.
ބުނާނެ އެއްޗެއް ނޭނގިފައި ދިފްލާއަށް ބަލަހައްޓައިގެން އެތައް އިރަކު ރާއިދު އިނެވެ.
ނަޖްވާނަކީ ރާއިދުގެ ޑައިރީން ކަނޑައި އެއްލާލައިފައިވާ ގަނޑެކެވެ. އެއްލައިލުމުގެ ކުރިން އެ ގަނޑު ވީދައި ކުދިކުދި ވެސް ކޮށްލިއެވެ.
ރާއިދުގެ ހަޔާތަކަށް ދެނެއް ނަޖްވާނެއް ނާންނާނެއެވެ. އެ ކަން އެ ނިމުނީއެވެ. އެ ގަނޑު އަލުން ތެރަސްލައި ތަތްކުރާކަށް ރާއިދު ނުވިސްނައެވެ.
"ކީއްކުރަން ބުނަންވީ؟" ރާއިދު ވަރަށް ހަމަޖެހިލާފައި ބުންޏެވެ.
"އޭނަ ޑިވޯސްކުރަންޖެހޭ އެއް ހާސް ސަބަބު އަހަރެން ދައްކާނަން. ނުކުރަންޖެހޭ އެއް ސަބަބު ދިފްލާ ދައްކަބަލަ!"
"ރާއިދުގެ ސައިކު ފަހަތަށް އަހަރެން އެރީތީ،" ސަބަބު ދައްކަން ދިފްލާ ބޭނުންކުރީ ދިފްލާއެވެ.
"ރާއިދަށް އެއީ ވަރަށް ކުޑަ ކަމަކަށް ވިޔަސް، މުޅި ލައިފްގަ ވެސް ނުކުރާ ކަމެކޭ އަހަރެން މި ކުރީ. ރާއިދު މި ކަން އެޕްރިޝިއޭޓް ނުކޮށްފިއްޔާ އަހަރެން ވަރަށް ޑިސްއެޕޮއިންޓްވާނެ އިނގޭ."
"ފުރަތަމަ ވެސް އަހަރެން ތި ވާހަކައެއްނު މި ބުނީ،" ރާއިދު ބުންޏެވެ. "ތީ ކީއްވެގެން ކުރި ކަމެއްތަ؟ ނަޖޫ އާދޭސްކުރީތަ؟"
"ނުކުރޭ!" ދިފްލާ ވަގުތުން ބުންޏެވެ.
"އޭނަގެ މަންމަ އާދޭސްކުރީ؟" ރާއިދު އެހިއެވެ.
"ހީވޭތަ ކުރާނެހެން؟" ދިފްލާ އެހިއެވެ.
"އަހަންނަކީ ދުނިޔޭގަ މި އުޅޭ ހުރިހާ އިންސާނުންގެ ތެރެއިން ވެސް ނަޖޫ މަންމަ އެންމެ ފޫހިވާ މީހާޔޭ! ކޮންމެހެން އޭގެ ޑީޓެއިލްސްއަށް ދާނެކަމެއް ނެތް. އެޔެއް ނޫން ޕޮއިންޓަކީ. ޕޮއިންޓަކީ، ސާވަންޓެއްހެން ނަޖޫ ގެންގުޅެން ރާއިދު ނުވިސްނާށޭ! އެ ޗެޕްޓަރ ދެން ކްލޯސްކޮށްލާށޭ!"
ދިފްލާގެ ދުލުން އެހެން ބުނުމުން، އެ ކަމާ ވިސްނައިލަން ރާއިދު ބޭނުންވިއެވެ.
ރާއިދަށް އުޅެވުނީ ނަޖްވާން ނޯކަރަކަށް ހަދައިގެންހެއްޔެވެ؟ އެ ފެންވަރުގެ ކަމެއް ނަޖްވާން ލައްވައި ރާއިދު ދުވަހަކު ވެސް ކުރުވިހެއްޔެވެ؟
"ނޯކަރެއްހެން އުޅޭށެކޭ އަހަރެން ނުބުނަމޭ! ދިފްލާއަށް އެނގޭނެ އެ ކަން. އަހަރެންގެ ވާހަކައަކީ، ވައިފަކަށްވީމަ އޭނަ ވެސް ޖެހޭނޭ ކޮންމެވެސް ވަރެއް ކޮށްލަން،" ރާއިދު ބުންޏެވެ.
"އެކަމަކު ފަހަށްފަހަށް އައިސް އެއްޗެއް ބުނާ އިރަށް މި ފަށަނީ ރޯން. ކީއްކުރަންހޯ ނަޖޫ ކައިރީގަ ތި ބުނަނީ މަސައްކަތްކުރާށޭ؟ މަސައްކަތްކުރާނެ މީހުން މި ގޭގަ ނެތީހޯ؟ ގޭގަ ކަންތައްކުރާނެ މީހުން ތިބި ގެއަކަށް ނޫންހޯ އަހަރެން ގެނެއްސަ މިހިރީ. އެ ވަރުން ވެސް އަހަރެން ޖެހޭހޯ ހިންދަމައިނުލާ މި ގޭގަ މަސައްކަތްކުރަން؟ އެހެން ބުނާ އިރު އޭނައަކަށް ނުފެނޭތަ އަހަރެންގެ މަންމަ އުޅޭ ގޮތެއް؟ މިހާރު ވެސް އެބަ ހުރި ކިޗަންގަ. އެއީ ނޯކަރެއްވެގެނެއް ނޫނޭ! އަންބަކަށްވީތީ. އަންހެނަކަށްވެ ހުރެ މި ވަރު ސިންޕަލް އެއްޗެއް ކީއްވެތަ ނަޖޫއަށް ނުވިސްނުނީ؟"
އެ ވާހަކަ ދިފްލާއަށް ގަބޫލުކުރެވެއެވެ. ރާއިދުގެ މަންމަ ދޭތެރެއަކުން ބަދިގެއަށް ވަދެއެވެ.
ކައްކަން މީހަކު ހުއްޓަސް ފާއިޒާ ހުރިހައި ކަމެއް ވެސް ބަލަހައްޓައެވެ. ތެއްޔެއް، ދޭފަތެއް، އުލެއް ނުވަތަ ސަމުސަލެއް ވިޔަސް، ހުރިހައި އެއްޗެއް ހުންނަ ތަން ވެސް ފާއިޒާއަށް އެނގޭނެއެވެ.
ދިފްލާއަށް އެ މަންޒަރުތައް ވަރަށް ގާތުން ފެނިފައިވެއެވެ. ގޭތެރެ ސާފުކުރުމުގެ ހުރިހައި ކަމެއް ވެސް ހިނގާނީ ސީދާ ފާއިޒާގެ ބެލުމުގެ ދަށުންނެވެ.
އެންމެ ހިރަފުސްކޮޅެއް ވެސް ގޭތެރެއަކު ނުހުންނާނެއެވެ. ގޭގައި ގެންގުޅޭމީހުން އެއްޗެހި ދޮވެފައި ހިއްކަންއެޅީމައި ފާއިޒާ ގޮސް ދެ ފަހަރަށް ބަލާނެއެވެ. ފިރިމީހާއާއި ރާއިދުގެ ގަމީހު ގިރުވާނާއި އަތުކުރިއަށް ހާއްސަ ސަމާލުކަމެއް ދީގެން ބަލައެވެ. ރޯނުން އެއްޗެއް ނެގޭނީ ފާއިޒާ ހުއްދަދިނީމައެވެ.
އިސްތިރިކުރުން ވެސް އޮންނަނީ ފާއިޒާ ބޭނުމިއްޔާ ފާއިޒާ ކުރާ ގޮތަށެވެ. އެ ކަން ކުރަން ވެސް މީހަކު އާދެއެވެ. އެކަމަކު ރުލެއް ހުރިތޯ ފާއިޒާ ބަލާނެއެވެ. ފިރިމީހާ ލާ އަންނައުނުން އަނބިމީހާގެ ފެންވަރު ވަޒަންކުރެވޭކަމަށް ފާއިޒާ ގަބޫލުކުރެއެވެ.
ކިތަންމެ ފަހަރަކު ދިފްލާ ގާތުގައި އެހެން ބުނެފައި ވެސް އެބަ ހުއްޓެވެ. އެ ފަދަ ގެއަކަށް އަންނާނެކަމަށް ފާއިޒާ އުންމީދުކުރީ ފިސާރި ޒިންމާދާރު ކުއްޖެކެވެ.
"ކުރާމީހާއެއް ނޫން، ކުރީމަ ހުންނަ ގޮތް މުހިންމީ،" ދިފްލާ ގާތުގައި ފާއިޒާ އެހެން ބުނެފައި އެބަ ހުއްޓެވެ.
"ޒިންމާނަގާނީ އަހަރެން. ކަންކުރަން މީހުން ތިއްބަސް އަހަންނަށް ވާނުވާ އެނގޭނެ. ފާޑުކިޔަން ވެސް އެނގޭނެ."
އެ ހުރިހައި ވާހަކައެއް ވެސް ދިފްލާގެ ސިކުނޑީގައި އެނބުރުނެވެ.
"އޯކޭ! ނަޖޫ ޑިވޯސްކޮށްލާ! އަހަރެންގެ ނެތް މައްސަލައެއް،" ދިފްލާ ބުންޏެވެ.
"އެކަމަކު، މިހާރު ތި އުޅެނީ އޮފީސް ޓްރިޕެއްގަ ރާއްޖެތެރެއަށް ފުރާކަށްނު! ގޮއްސަ އައިސް ޑިވޯސްކޮށްލާ! އެ ގޮތް ކިހިނެއް؟ ލަސްކޮށްލާށޭ މި ބުނީ."
"ކޮން ތަފާތެއް އަންނާނީ؟" ރާއިދު އެހިއެވެ. "އޭނަ ނުވާނެ ޗޭންޖެއް. އަހަރެން ކިހާ ވަރަކަށް..."
"އަހަރެން ބުނީތީ!" ދިފްލާ އެދުނެވެ. "ފޯ މީ! ޕްލީޒް!"
ދިފްލާގެ އާދޭހުގައި ކޮޅުފައިން ޖަހާކަށް ރާއިދަކަށް ނުކެރުނެވެ. ދުވަހަކު ވެސް ކަމަކު ނުބުނެ ހުރެފައި، ބުނި ހަމަ އެކަނި ކަންތަކަށް ބީރުކަންފަތެއް ދޭކަށް ވެސް ނުކެރުނެވެ.
ރާއިދު ފުރައިގެންދިޔައީ ނަޖްވާން ވަރިނުކޮށެވެ. ފާއިޒާއާއި ނަސީމު އެތައް ގޮތަކަށް ވާހަކަދައްކައިގެން ވެސް ރާއިދުގެ ނިންމުން ބަދަލެއް ނުކުރިއެވެ. އެއީ ފާއިޒާ ހައިރާންވި ކަމެކެވެ.
ސިހުރުގެ ބާރު ކަކޫމައްޗަށް ތިރިކޮށްލީ ކާކުގެ ނުފޫޒެއް ރާއިދުގެ ސިކުނޑިއަށް ވެރިވެގެންހެއްޔެވެ؟
ސިކުނޑިން ތެޔޮހާނަން ސޯފާގައި އޮށޯވެލައިގެން ފާއިޒާ އޮތް އިރު ދިފްލާގެ ދެފައިގައި ހީވަނީ ރެވިތެޔޮ ވަށައިގެން އުޅޭހެންނެެވެ. ހުއްޓައިނުލައި ނަޖްވާންގެ ފޯނަށް ދިފްލާ ގުޅިއެވެ. ނަޖްވާން ފޯނެއް ނުނަގައެވެ.
ނަޖްވާންގެ ގެއަށް ވަނުމަކީ ދިފްލާގެ ސިކުނޑި ދިފްލާއަށް މަނާކުރާ ކަމެކެވެ. ނާސިހާޔާ ކުރިމަތިލާން ބޭނުން ނުވާތީއެވެ. ފޮނުވުނު ހުރިހައި ގޮތަކަށް ދިފްލާ މެސެޖު ވެސް ފޮނުވިއެވެ. އެ ގޭ ކުރިމަތިން ކުރުކާލިކެނޑިއެވެ. ކުއްލިއަކަށް ފެނުނީ ގެއާ ދިމާއަށް ނަޖްވާން އަންނަ ތަނެވެ. ދިފްލާ ދިޔަ ގޮތަށް ގޮސް ނަޖްވާންގެ އަތުގައި ހިފައިގެން ގެއާ ދުރަށް ހިނގައިގަތެވެ.
"ނަޖޫއަށް ގުޅާގުޅާ!" ދިފްލާ ބުންޏެވެ. "ފޯނު ކޮބާ؟"
"ގޭގަ!" ވަރަށް ފޫހި ގޮތަކަށް ނަޖްވާން ބުނެލިއެވެ. "އަހަންނަށް މިހާރު ފޯނު މުހިންމެއް ނޫން. ކާކު އަހަންނަށް ގުޅާނީ؟"
"ތީ އެކަމަކު ބޮޑުވަރު. ކޮންމެ ކަމެއްގަ ވެސް ކީއްވެތަ އެކްސްޓްރީމަށް ދަނީ؟" ދިފްލާ އެހިއެވެ.
"ތިއޭ މައްސަލައަކީ."
"އާނއެކޭ! އަހަންނޭ މައްސަލައަކީ. ހުރިހާ އެންމެނަށް ވެސް މައްސަލައަކީ އަހަރެން،" ނަޖްވާން ވަރަށް މާޔޫސްވެފައި ބުންޏެވެ.
"އަދި ކުޑަ ދުވަސްކޮޅަކު ކެތްކޮށްލާ! އަހަންނަށް ހީވަނީ ކައުންޓްޑައުން ފެށިއްޖެހެން. މިހާރު ވެސް މުޅި ގައިގަ އެބަ ރިއްސާ! ޑިޕްރެޝަންކަން ނޭނގެ ދޯ؟"
ދިފްލާ ހުއްޓުނެވެ. ދެން ވެސް ނަޖްވާން ހުރީ އިސްޖަހައިގެންނެވެ. ދިފްލާއަކަށް ނުބަލައެވެ.
"އަހަންނަށް ބަލާބަލަ!" ދިފްލާ އެދުނެވެ.
އެތައް އިރަކު އިސްޖަހައިގެން ހުރެފައި، ބަލަންނުބަލަން ކަހަލަ ގޮތަކަށް ދިފްލާއަށް ނަޖްވާން ބަލައިލިއެވެ. ރުއިމުގެ ސަބަބުން ރަތްވެފައިވާ ދެލޮލުންނެވެ. ދިފްލާ ކުޑަކޮށް ހައިރާންވިއެވެ. ތިމާ ވަރެއް ނެތިގެން، ގޮތްދޫނުކޮށް އުޅޭ މީހުންނަށް ކަމެއް ޖެހުނީމައި އެހައި ފިނޑިވާ ސަބަބެއް ދިފްލާއަކަށް ނުވިސްނެއެވެ.
"އަހަރެން ބުނާ ކަމެއް ކުރަން ކެރޭނެ؟" ދިފްލާ އެހިއެވެ.
"ދިފްލާ ކޮންމެ ކަމެއް ކުރިޔަސް ރާއިދު އަހަރެން ޑިވޯސްކުރާނެ،" އުންމީދު މަރުވެފައިހުރި ނަޖްވާން ބުންޏެވެ. "އަޅާލާނެކަމެއް ނެތް. އަހަރެން ކަހަލަ ގޮތްދޫނުކުރާ، ބޯހަރު މީހުންނަށް ވާނީ މިހެން. ކޮންމެ މީހަކަށް ވެސް އަހަންނާ ހެދި ވާނީ އުނދަގޫ. އެނގޭތަ؟ މަރުވާން ވެސް އުޅެފީމޭ! މަންމަޔާ ހެދި އެ ކަމެއް ވެސް ނުވި."
"ނަޖޫ!" ކޮނޑުގައި ހިފައި ތަޅުވައިގެންފައި ދިފްލާ ބުންޏެވެ. "އަމިއްލައަށް މަރުވުމަކީ އެންމެ ފިނޑިމީހުން ކުރާ ކަންތައް. ނަޖޫގެ ނަން ކިޔާ ކޮންމެ ފަހަރަކު، ތީ ބޮޑު ފިނޑިއެކޭ ބުނަންތަ ބޭނުމީ،"
ނަޖްވާން ދެއަތަކަށް ބޯހޫރައިލިއެވެ.
"އެހެންވިއްޔާ އަހަރެން މި ދައްކާ ވާހަކަ އަޑުއަހާ! ރާއިދު އެ އުޅެނީ ނަޖޫ ޑިވޯސްކުރަން. އަހަރެން އެ ކަން ހުއްޓުވާނަން. ނަޖޫ ހަމަ އެކަނި ކޮށްދޭންވީ ކަމަކީ، އަހަންނަށް ޓްރަސްޓްކުރުން. ރާއިދު މާލެއައުމުގެ ކުރިން އަހަރުމެން ވަރަށް ގިނަ ކަންތައް އެބަ ކުރަންޖެހޭ!"
ނަޖްވާން ކުރިމަތިލިއެވެ. އާ ހިތްވަރަކާ އެކުގައި އާ ދުވަހެއްގައެވެ. ކުރިމަތީގައި ހުރީ އަންނައުނު ފުންޏެކެވެ. ހަތަރު ބަޔަށް ބަހައިގެން ވެސް ނަޖްވާން ހިތްހަމަޖެހޭ ވަރަށް ކުލަ ވަކިކުރާކަށް ނޭނގުނެވެ. ފޯނު ކަންފަތުގައި ޖަހައިގެންހުރެ، ނުވާނެޔޭ އެތައް ފަހަރަކު ނަޖްވާން ބުންޏެވެ. އަނެއް ކޮޅުން ވާހަކަދައްކަންހުރި ދިފްލާ އެ ކަން ގަބޫލެއް ނުކުރިއެވެ. ވީޑިޔޯކޯލެއް ކުރަން އެދުނެވެ. ދިފްލާ ވަރަށް ފަސޭހައި ދެ ބަޔަށް ބަހައިލަދިނެވެ. ދޮންނަމެޝިނު ޖައްސާނެ ގޮތާއި، އެއްޗެހި އަޅާނެ ގޮތް ކިޔައިދިނެވެ.
"އޭ! މީ އެހާ އުނދަގޫ ކަމެއް ނޫން ދޯ؟" ނަޖްވާނަށް ބުނެވުނެވެ.
"ތީ ފަސޭހަކަމެކޭ! އުދަނގޫ ކަންތައް ވެސް ހުންނާނެ،" ދިފްލާ ބުންޏެވެ.
"ހުރިހާ އެއްޗެއް ފޯނަކުން ކިޔައެއް ވެސް ނުދެވޭނެ. އެކަމަކު އަހަރެން ތި ގެއަށް ވަންނާކަށް ނަޖޫ މަންމަ ގަބޫލެއް ނުވާނެ. މި ގެއަށް ނަޖޫ ވަދެއްޖެއްޔާ އަހަރެންގެ މަންމަ ހިތްހަމައެއްނުޖެހޭނެ. މިހާރު ވެސް ކިތަންމެ ފަހަރަކު ބުނެފި ނަޖޫގެ ކަންކަމާ ނުބެހޭށޭ!"
އިސްތިރިކުރުމުގެ "ކުލާސްތައް" ހިނގީ އެހެން ރައްޓެއްސެއްގެ ގޭގައެވެ. ގަޑިކިޔާފައި އެ ގެއަށް ދިފްލާއާއި ނަޖްވާން ދަނީއެވެ. ކެއްކުމާއި، ކޭކުއެޅުމާއި، ފެހުމުގެ ފަރިތަކުރުންތަކެއް ވެސް ކުރިޔަށްގެންދިޔައެވެ. ތަންމަތިއެޅުމާއި، މާޖެހުމާއި، ބިއްލޫރިން މާހެދުމާއި، ކޭކު ޒީނަތްތެރިކުރަން ވެސް ނަޖްވާން ދަސްކުރިއެވެ. އެ ކަންތައް ކުރީ ދިފްލާގެ ގޭގައެވެ. ދަންވަރުގަޑީގައި، މަންމައަށް ވަރަށް ސިއްރުންނެވެ.
އެ ފަދަ ރޭތަކުގެ ތެރެއިން ރެޔެކެވެ. ދަންވަރު ދޭއްޖަހަން އުޅެނިކޮށް ދިފްލާ ފާހާނާޔަށް ވަނެވެ. އެ ވަގުތު މަންމަޔަށް ނަޖްވާން ފެނިދާނެތީ ނަޖްވާން ބޭންދީ ދިފްލާގެ ކޮޓަރީގައެވެ. ފޯނު އޮތީ ދިފްލާގެ އެނދުމަތީގައެވެ. ދިފްލާގެ ފޯނަށް ރާއިދަށް ގުޅުނީ އެ ވަގުތުއެވެ. ދިފްލާ ފާހާނައިން ނުކުތް އިރު ނަޖްވާނެއް ނެތެވެ.
ނުނިމޭ