23 ފެބުރުއަރީ 2017 - 13:39

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހއ. ހޯރަފުށީގައި އެ ބޭންކުގެ 32 ވަނަ ބްރާންޗް މިއަދު ހުޅުވައި ޚިދުމަތް ދޭން ފަށައިފި އެވެ.

ހޯރަފުށީ ބަނދަރު ސަރަހައްދުގައި ހުޅުވި ބޭންކުގެ މި ބްރާންޗް ހުޅުއްވައިދެއްވީ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ އާއި ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލެވެ.

އާބާދީ 3400 އަށް ވުރެ ބޮޑު މި ރަށުގައި ބޭންކިންގެ ޚިދުމަތް ލިބެމުން ފެށުމާ ގުޅިގެން އެ ރަށު ކައުންސިލުން ބުނީ މިއީ ލިބިގެން ދިޔަ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. ކައުންސިލްގެ ރައީސް އަލީ އާރިފް ވިދާޅުވީ ބޭންކުގެ ހިދުމަތް ލިބެން ނެތުމުން ވަރަށް ގިނަ ދަތިތަކާ ދިމާވާ ކަމަށާއި މިއަދު މި ފުރިހަމަވީ ރައްޔިތުން ވަރަށް ގިނަ ދުވަހު ކުރަމުން އައި އުންމީދެއް ކަމަށެވެ.
"ރައްޔިތުންގެ ވަރަށް ގިނަ ދުވަހެއްގެ އިންތިޒާރަކަށް މި ނިމުން އައީ. ރަށުގެ އިގުތިސޯދަށާއި ވިޔަފާރިތަކަށް ދެން ފަސޭހަވެގެން ދާނެ،" އާރިފް ވިދާޅުވި އެވެ.
އަލީ އާރިފް ވިދާޅުވީ ހޯރަފުއްޓަކީ ގެސްޓްހައުސް ހިންގުމުގެ އިތުރުން އެކި ވިޔަފާރިތައް ފުޅާ ދާއިރާއެއްގައި ކުރާ ރަށަކަށް ވާތީ ބޭންކިންގެ ޚިދުމަތުން ރަށުގެ އިގުތިސާދަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.
ހޯރަފުށީގައި ހުޅުވި ބީއެމްއެލްގެ ބްރާންޗްގައި ސެލްފް ސާވިސް އޭޓީއެމް އެއް ހުރެ އެވެ. އަދި ބީއެމްއެލް އިން ލިބޭ އާއްމު ހިދުމަތްތަކަށް ވެސް އެދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. އެ ބްރާންޗުގައި މިވަގުތު މަސައްކަތްކުރާނީ ތިން މުވައްޒަފެކެވެ.
ބީއެމްއެލް އިން މިހާރު ވެސް 20 އަތޮޅުގައި 31 ބްރާންޗާއި 78 އޭޓީއެމް ގާއިމުކޮށްފައިވެ އެވެ. އަދި ޕީއޯއެސް ބޭނުން ކުރެވޭ 4000 ތަނަކާއި 200 ކޭޝް އޭޖެންޓުން އަދި 20 ސެލްފް ސާވިސް ބޭންކިން ސެންޓަރު ވަނީ ގާއިމްކޮށްފަ އެވެ. އަދި ބްރާންްޗް ނުހުންނަ ރަށްރަށަށް ގޮސް ބޭންކިންގެ ހިދުމަތް ދިނުމަށް ފަސް ދޯނި ބޭންކިން ޔުނިޓުގެ އިތުރުން، އޮންލައިން އަދި މޮބައިލް ބޭންކިންގެ ހިދުމަތް ވެސް އަންނަނީ ދެމުންނެވެ.