25 ޖޫން 2024 - 15:43

ހުޅުމާލެ 2 ގެ ހަޓުތައް ނެގި ފަހުން އެ ސަރަހައްދުގެ ލޮޓްތަކުގައި ވިޔަފާރި ކުރަމުންދާ ކަމަށް މައްސަލަ ފެންމަތިވެއްޖެ އެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ، ހުޅުމާލެ 2 ގެ ބީޗުގައި ގަވާއިދާ ހިލާފަށް ހަދާފައި ހުރި ހަޓުތައް ނެގުމުން އެ ސަރަހައްދުގެ އާއްމު ފަރާތްތަކުގެ ލޮޓުތަކުގެ ތެރޭގައި ވިޔަފާރިކުރަމުންދާ ކަމަށެވެ.
އެހެންވެ، ގަވާއިދާ ހިލާފަށް އެ ކަހަލަ ވިޔަފާރިކުރުމަކީ މަނާކަމަކަށް ވާތީ ލޮޓުތަކުގެ ތެރޭގައި ވެރިފަރާތުން އެ ކަމަށް ސަމާލުކަން ދިނުމަށް އެދިފައި ވެ އެވެ.
ހުޅުމާލެ 2 ގެ ރުއްގަނޑާއި ބީޗު ސަރަހައްދުގައި ގިނަ އަދަދެއްގެ ހަޓުތައް ހަދައި ކާބޯތަކެތި ވިއްކަ އެވެ. އެއީ އެއްވެސް ހުއްދައަކާ ނުލައި ކުރާ ކަމަަކަށް ވާތީ އާއި އެ ސަރަހައްދު ތަރައްގީ ކުރަން އެ ތަންތަން ހުސް ކުރަން މިދިޔަ މަހު އެންގި އެވެ.
އެޗްޑީސީން މި މަހުގެ 15 އާ ހަމައަށް ދިން މުއްދަތު ހަމަވިއިރު، ނުނަގާ ހުރި ހަޓުތައް ވަނީ ހަލާކުކޮށް، އެ ތަންތަން ހުސްކޮށްފައި ވެ އެވެ.
ހުޅުމާލެ 1 ގައި ގިނަ އަދަދެއްގެ ކިއޮސްކުގައި ވިޔަފާރި ކުރެ އެވެ. އެޗްޑީސީން އެ ތަންތަން މޮނިޓަ ވެސް ކުރެ އެވެ.