23 ފެބުރުއަރީ 2017 - 11:38

ނިއު ރޭޑިއަންޓުގެ ދައުވަތަކަށް އިންގްލެންޑުގެ ދެ ވަނަ ޑިވިޝަނުގެ ރެޑިން އެފްސީ އެކުވެރިކަމުގެ މެޗެއް ކުޅެން ރާއްޖެ އަންނަ ގޮތަށް ހަަމަޖެހިއްޖެ އެވެ.
ނިއުގެ ޗެއާމަންކަމާ މުހައްމަދު ޒިޔާދު ޖެނުއަރީ މަހު ހަވާލުވެވަޑައިގަތުމަށް ފަހު ވަނީ އިނގިރޭސި ޕްރިމިއާ ލީގު ނުވަތަ ޗެމްޕިއަންޝިޕް ކްލަބެއް އޮފް ސީޒަނުގައި ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަން އިއުލާންކުރައްވައިފަ އެވެ.
ރެޑިންގެ ޑިރެކްޓަރު އަދި އެ ކްލަބުގެ 25 ޕަސެންޓް ހިއްސާ އޮންނަ ތައިލެންޑުގެ ސުމްރީތު ތަނަކަންޖަނަސުތު މިއަދު ހެނދުނު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. އޭނާ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖުން މަރުހަބާ ދެންނެވީ ނިއުގެ ޗެއާމަން ޒިޔާދެވެ. މިއަދު ހަވީރު ގަލޮޅު ދަނޑާއި ހެންވޭރު ދަނޑާއި ޓާފް ދަނޑަށް ޒިޔާރަތްކޮށް ނިއުގެ ޕްރެކްޓިސް ކުރާތަނަށް ވެސް ތަނަކަންޖަނަސުތު ޒިޔާރަތްކުރައްވާނެ އެވެ.
މިއަދު ހަވީރު 5:30 ގައި ދެ ނަމްބަރު ޓާފް ދަނޑުގައި އޮންނަ ނިއުގެ ޕްރެކްޓިހަށް ހާއްސަ މެހެމާނެއް ޒިޔާރަތްކުރާނެ ކަމަށާއި ވީހާ ވެސް ގިނަ ސަޕޯޓަރުން ޕްރެކްޓިސް ބަލަން ދިއުމަށް އެ ކްލަބުގެ ސަޕޯޓަރުންގެ ގްރޫޕްތަކުގައި ވަނީ އެދިފަ އެވެ.
އެނގިފައިވާ ގޮތުގައި މިރޭ ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި ނިއު އާއި ރެޑިން އެފްސީން ޕާޓްނާޝިޕް އެއްބަސްވުމުގައި ސޮއިކޮށް މެޗު އިއުލާންކުރާނެ އެވެ. މި މެޗު ކުޅޭނީ އިނގިރޭސި އޮފް ސީޒަނުގައި މި އަހަރުގެ ޖުލައި ނުވަތަ އޮގަސްޓް މަހު ގަލޮޅު ދަނޑުގަ އެވެ.
އިނގިރޭސި ޗެމްޕިއަންޝިޕުގެ ހަތަރު ވަނައިގައި މިވަގުތު އޮތް ރެޑިން ވަނީ މީގެ ކުރިން ޕްރިމިއާ ލީގުގައި ވާދަކޮށް 2007 ގައި ލީގުގެ އަށް ވަނަ ހޯދައިފަ އެވެ. އެ ޓީމު ވަނީ 2015 ވަނަ އަހަރުގެ އެފްއޭ ކަޕުގެ ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ. އެ ފަހަރު ބަލިވީ ޗެމްޕިއަން އާސެނަލާ ކުޅެ އިތުރު ވަގުތުގެ ތެރޭ އާސެނަލުން ޖެހި ލަނޑުންނެވެ.
ރެޑިންގެ ކޯޗަކީ މެންޗެސްޓާ ޔުނައިޓެޑާއި އޭސީ މިލާން އަދި ނެދަލެންޑްސް ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ޔާޕް ސްޓާމް އެވެ. އެފްއޭ ކަޕުގައި އެ ޓީމު ވަނީ މިދިޔަ މަހު މެންޗެސްޓާ ޔުނައިޓެޑާ ވާދަކޮށް 4-0 އިން ބަލިވެފަ އެވެ.
ގަލޮޅު ދަނޑުގައި މީގެ ކުރިން ކުޅެފައިވާ މަޝްހޫރު ކްލަބްތަކުގެ ތެރޭގައި ޖަރުމަނުގެ ހާތާ ބާލިން އާއި ސްލޮވާކިއާގެ ޑުބްނިސާ ހިމެނެ އެވެ. މީގެ އިތުރުން 1982 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އިޓަލީގެ ކުޅުންތެރިން ހިމެނުނު ކްލަބް އިޓާލިއާ އިން ވެސް ވަނީ 1997 ގައި ގައުމީ ޓީމާ ދެކޮޅަށް ކުޅެފަ އެވެ.