24 ޖޫން 2024 - 14:08

ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.
މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ވައި ވަރަށް ބާރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަކޮށް އުޅެނީ،" އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖެ އަށް ވިއްސާރަކުރާނެ އެވެ. އަދި ވިއްސާރަ އަލިވާނެ ކަމަށް ލަފާކުރެވެނީ އަންނަ ބުދައިގެ ފަހުންނެވެ.
ވައިޖެހޭނީ ދެކުނާއި ހުޅަނގުދެކުނުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވެ އެވެ.
އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް މޫސުން ގޯސްވާނެތީ މިއަދު އިރުއޮއްސި 6:00 އާ ހަމަ އަށް ވަނީ ވައިޓް އެލާޓް ވެސް ނެރެފަ އެވެ.
މެޓުން އާންމުކޮށްފައިވާ ހިސާބުތަކުގައިވާ ގޮތުން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހުނީ ހދ. މަކުނުދު އަށެވެ. އެއީ 34.6 މިލިމީޓަރުގެ ވާރޭ އެވެ.
ޖޫން-ޖުލައި މަހަކީ ރާއްޖެ އަށް އާންމު ގޮތެއްގައި އެންމެ ވިއްސާރަ ދުވަސްވަރެވެ.