23 ޖޫން 2024 - 20:55

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން ޓްރެވެންޑްރަމަށް ނައްޓާލި މޯލްޑިވިއަންގެ އެއާބަސް މަރުކާގެ ބޯޓުގެ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން އަނބުރާ ޖައްސައިފި އެވެ.
މޯލްޑިވިއަން އިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދު މެންދުރު ފަހު މާލެއިން ޓްރިވެންޑްރަމަށް ދަތުރުކުރި ބޯޓު، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކެންސަލް ކޮށްފައިވާ ކަމަށެވެ.
އެ ފްލައިޓު ކެންސަލް ކޮށްފައިވަނީ މާލެއިން ފުރައިގެން ނައްޓާލިތާ ކުޑައިރުކޮޅެއް ފަހުން އަނބުރާ ޖެއްސުމަށް ފަހުގަ އެވެ.
މިކަމާ ގުޅިގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް "މިހާރު"އަށް ވިދާޅުވީ، ބޯޓު އަނބުރާ ޖައްސާފައިވަނީ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.
އިންޖީނުގައި އަލިފާން ރޯވި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވައި އޭނާ ވިދާޅުވީ އެފަދަ ކަމެއް ހިނގާފައިނުވާ ކަމަށެވެ.
މިކަމުގައި ފަސިންޖަރުންނަށް ދިމާވި ދަތިތަކާ ގުޅިގެން މޯލްޑިވިއަން އިން ވަނީ މާފަށް އެދިފަ އެވެ.