23 ފެބުރުއަރީ 2017 - 12:03

ޕެރިސް، ފްރާންސް (ފެބްރުއަރީ 23) - ޔުރޮޕާ ލީގުގެ ތިން ވަނަ ބުރުން ރޭ މެންޗެސްޓާ ޔުނައިޓެޑް ޖާގަ ހޯދިއިރު އަންނަ އާދިއްތަ ދުވަހު އޮތް ލީގު ކަޕް ފައިނަލުގެ ކުރިން އެ ޓީމުގެ ހެންރިކް މިކްތާރްޔަން އާއި މައިކަލް ކެރިކަށް އަނިޔާވެއްޖެ އެވެ.
ރޭ ފްރާންސްގެ ސެއިން އެޓިއެން އަތުން ޔުނައިޓެޑް މޮޅުވީ 1-0 އިންނެވެ. ޔުނައިޓެޑް ތިން ވަނަ ބުރުން ޖާގަ ހޯދީ 4-0 ގެ އެގްރިގޭޓް ނަތީޖާ އަކުން ސެއިން އެޓިއެންގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފުރަތަމަ މެޗުން ޔުނައިޓެޑް މޮޅުވީ 3-0 އިންނެވެ.
މި މެޗުގައި ޔުނައިޓެޑްގެ ހަމައެކަނި ލަނޑު ޖެހީ މެޗުގެ 16 ވަނަ މިނިޓްގައި މިކިތާރްޔަން އެވެ. އެހެން ނަމަވެސް ލަނޑު ޖެހިތާ ނުވަ މިނިޓް ފަހުން ފަލަ މަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން މިކިތާރްޔަން ވަނީ ބަދަލުކޮށްފަ އެވެ.
ކެރިކްގެ ކުޑަކަޅުވަ އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ބަދަލުކުރީ މެޗުގެ 62 ވަނަ މިނިޓްގަ އެވެ.
"މިކިތާރްޔަން ފައިނަލަށް ފިޓެއް ނުވާނެ. އަދި ކެރިކަށް ވެސް ކުޅެވޭނެ ކަމެއް ބުނަން ނޭނގޭ. އެއީ މިކަހަލަ އަނިޔާ އަކީ ތިން ދުވަހުން ރަނގަޅު ކުރެވޭނެ ކަމެއް ނޫން. އެކަމަކު އުއްމީދު ދޫކޮށްނުލަން،" ރޭގެ މެޗަށް ފަހު މޮރީނިއޯ ބުންޏެވެ.
އޭނާ ބުނީ އެ ދެ ކުޅުންތެރިން ނެތްތަން ފޫބެއްދޭނެ ކުޅުންތެރިން ޔުނައިޓެޑްގައި އެބަތިބި ކަމަށެވެ.
"ފެލައިނީ އާއި ޝްވައިންސްޓައިގާ އަކީ އަހަރެމެންނަށް މަދުން ފުރުސަތު ދެވޭ ދެ ކުޅުންތެރިން. އަނިޔާގެ ސަބަބުން ކުޅުންތެރިޔަކަށް ނުކުޅެވިއްޖެނަމަ އޭގެ ބަދަލުގައި ބޭނުންކުރެވޭނެ ފެންވަރުގެ ކުޅުންތެރިން ޔުނައިޓެޑްގައި އެބަތިބި،" މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ ވަނީ ޔުނައިޓެޑާ އެކު މި ސީޒަނުގެ ޗެރިޓީ ޝީލްޑް އުފުލާލައިފަ އެވެ. އަންނަ އާދިއްތަ ދުވަހުގެރޭގެ ފައިނަލުގައި ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނީ ލިވަޕޫލް ކަޓުވާލުމަށް ފަހު މުބާރާތުގެ ފައިނަލުން ޖާގަ ސައުތެމްޓަނެވެ.