23 ޖޫން 2024 - 11:00

ގދ. ފިޔޯރީން ގެއްލިގެން ހޯދަމުން ދިޔަ އަށް އަހަރުގެ ކުއްޖާ ފެނުނީ، ގެ ކައިރީގައި ހުރި ފަޅު ގެއެއްގެ ތެރޭގައި ހޭނެތިފައި އޮއްވާ ކަމަށް އެ އާއިލާއިން މިއަދު ބުނެފި އެވެ.
އަށް އަހަރުގެ ކުއްޖާގެ ބައްޕަ، މުހައްމަދު ރަޝީދު ބުނީ އިއްޔެ ހަވީރު 5:00 ހާއިރު އެ ކުއްޖާ ގެއިން ނުކުތީ މަންމައާ މެދު ހިތްހަމަނުޖެހިގެން ކަމަށެވެ. މީގެ ކުރިން ވެސް ގެއިން ދިޔަ ނަމަވެސް، އެންމެ ލަސްވެގެން 6 ޖަހާއިރު ގެއަށް ވަންނަ ކަމަށް ރަޝީދު ބުންޏެވެ.
އެކަމަކު، އާއިލާ އިން ކަންބޮޑުވީ 6 ޖެހިއިރު ވެސް ގެއަށް ނައުމުންނެވެ. ފުލުހުންނަށް ރިޕޯޓްކޮށް، އާއްމުންނާ އެކު އެ ކުއްޖާ ހޯދަން ފެށީ އެ ހިސާބުންނެވެ.
ރަޝީދު ބުނި ގޮތުގައި ގެ ކައިރީގައި ހުންނަ އެ ފަޅު ގެ ދެ ފަހަރެއްގެ މަތިން ބެލި އެވެ. އެކަމަކު، ދަރިފުޅުގެ އެއްވެސް ނިޝާނެއް އޭރު ނެތް ނަމަވެސް، ރޭގަނޑު 12 ޖަހަން އުޅެނިކޮށް އެ ގޭ ތެރޭގައި ދަރިފުޅު ވެއްޓިފައި އޮއްވާ ފެނުނީ، އެ ކުއްޖާ ހޯދަން ނުކުމެ އުޅުނު ބަޔަކަށެވެ.
"ބޭރު ފުށުން އެއްވެސް އަނިޔާ އެއް ނެތް ފެންނާކަށް. ރޭގައި ފެނިގެން ވަގުތުން ހެލްތު ސެންޓަރަށް ގެންދިޔައީ. ފެން ޖެހިތަނާ ހޭ އެރި. އެކަމަކު، ރަނގަޅަށް ކިޔައި ނުދެވޭތީ ވީ ގޮތެއް އަދި ސާފެއް ނުވޭ،" ރަޝީދު ބުންޏެވެ.
އިތުރު ޓެސްޓުތައް ހަދަން އެ ކުއްޖާ މިއަދު ގދ. ތިނަދޫ ހޮސްޕިޓަލަށް ގެންގޮސް، އެ ރަށުގައި އަންނަނީ ފަރުވާ ދެމުންނެވެ.