ހައްޖުން އައުމަށްފަހު ރައްކާތެރިކަމަށް ސަމާލުކަންދޭން އިލްތިމާސްކޮށްފި
ހައްޖުން އައުމަށްފަހު ރައްކާތެރިކަމަށް ސަމާލުކަންދޭން އިލްތިމާސްކޮށްފި

ހައްޖުން އެނބުރި އައުމަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

އެ އެޖެންސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ވަނީ އަރިދަފުސް ރޯގާ އާއި ވައިރަލްހުން ޖެހިފައިވާ ނަމަ ރައްކާތެރިކަން ދޭންވީ ކަންކަމާއި އެ އަލާމާތްތައް ފެންނަ ނަމަ ގޭގައި ދެވޭނެ ފަރުވާތައް ކިޔައިދީފަ އެވެ.

ބަލި ފެތުރުނަ ނުދޭން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެންމެ އިސްކަން ދިނުމަށް އެދިފައިވަނީ ކެއްސާ، ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުމާއި ޓިޝޫފަދަ ތަކެތި ބޭނުންކުރުމަށްފަހު ރައްކާތެރި ގޮތުގައި ނައްތާލުމަށެވެ. އޭގެ އިތުރުން، ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމާއި ދަތުރުމައްޗާއި ހައްޖު/އުމްރާ އަދާކުރުމުގައި އުޅޭއިރު މާސްކް އަޅައިގެން އުޅުމަށް އެދިފައިވެ އެވެ.

ރޯގާޖެހި ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން އަދި ވަކިން ހާއްސަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން އަދި ބަލިތައް ތަހައްމަލުކުރާ މީހުން އެކަންކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައިވެ އެވެ.

ހައްޖު ނުވަތަ އުމްރާއިން އެނބުރި އަންނަތާ 14 ދުވަސް ތެރޭގައި، ހުން އައިސް ކެއްސާ، ނޭވާލާން އުނދަގޫވެ، މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ މަޝްވަރާ ހޯދުމަށް ވެސް އެޗްޕީއޭއިން އެދެ އެވެ.

- ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުން

- އަރާމުކުރުން

- ހުންގަދަ ނަމަ ގައިގައި ފެން ހޭކުން

- ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް ޑޮކްޓަރެއްގެ މަޝްވަރާއާ ނުލާ ބޭނުން ނުކުރުން

ރާއްޖެއިން މި އަހަރު ހައްޖުގެ އަޅުކަމަށް 1،150 މީހުން ދިޔަ އެވެ. އެ ގްރޫޕުތައް މާދަމާ ރާއްޖެ އަންނަން ފަށާނެ އެވެ.