ބިންގަރާސް
ބިންގަރާސް

ބުދަ ދުވަހާ ގުޅޭ

"މިހާރު އޭނަ ފެނުނަސް ހަމަ ފޫހިވަނީ. ރުޅިގަދަވަނީ." ރާއިދު ބުންޏެވެ.

"ނަޖޫ މާ ބޮޑަށް ފަރުވާކުޑަކޮށްލީ،" ދިފްލާއަށް ހީވާ ގޮތް ބުންޏެވެ. "އެކަމަކު ވާހަކައެއް ބުނަން؟ އަހަރެން ލޯބިވާ މީހެއް ދެކެ ދުވަހަކު ވެސް ހިޔެއްނުވޭ ތިހާ ފޫހިވާނެހެނެއް. އަހަރެން ދެކެ އޭނަ ލޯބިނުވިޔަސް، އަހަންނަށް އޭނަ ނުލިބުނަސް، އޭނަ ދެކެ އަހަރެން ލޯބިވާނަން. ދެކޭ ހިތް ވެސް ވާނެ. ވާހަކަދައްކާ ހިތް ވެސް ވާނެ. ފެނުނީމަ އުފާ ވެސް ވާނެ."

"ތި ކަހަލަ އެއްވެސް ކަމެއް މިހާރު އަހަންނަކަށް ނުވޭ!" ޗޮކެއްކަނޑައިފައި ރާއިދު ބުންޏެވެ. "ރައްޓެހިވެގެންއުޅުނު އިރު އޭނަ ނުފެނިއްޖެއްޔާ ނުވެސް ނިދޭ! ކާހިތް ވެސް ކެނޑިފަ ހުންނަނީ. މިހާރު އޭނަ ފެންނަން ނެތީމަ ނިދެނީ. ރޭގަ އަހަރެން ނިދީ ޓައިލްސް މަތީގަ ކުލްޓު އަޅައިގެން. ވަރަށް އަރާމުކޮށް ނިދުނު. ގަޔަކު ވެސް ނުރިއްސާ. އެކަމަކު ހާދަހާ ބިރުގަންނަ ހުވަފެނެކޭ ފެނުނީ. ފާޑެއްގެ ކަޅު ހަރުފައެއް އައިސް އުޅެނީ އަހަރެންގެ ގައިގަ އޮޅާލަންވެގެން. ދުރުގަ ބޮޑު ހަރުފައެއް އޮވޭ ބަލަހައްޓައިގެން. ނަޖޫއާ އޭނަގެ މަންމަކަން ނޭނގެ."

ހުވަފެނުން ކަޅު ހަރުފަޔާއި ކަޅު ކުއްތާ ފެނުން އާންމުވުމަކީ، ސިހުރުޖެހިފައިވާކަމުގެ އަލާމާތެކެވެ. މަންމަ އެހެން ކިއި އަޑު ދިފްލާއަށް އިވިފައިވެއެވެ. އެ ހަނދާން ވެސް ވިއެވެ. އެހެނަސް، އެންމެ ހުވަފެނަކުން ސިހުރާ ގުޅުވަން ދިފްލާއަށް ނުކެރުނީއެވެ.

"ތި ކަހަލަ އެއްޗެހި ކިޔާކަށް ނުވާނެ،" ދިފްލާ ހިތްހަމަނުޖެހިފައި ބުންޏެވެ. "ނަޖޫ މަންމައަށް އިވިއްޖެއްޔާ ކިހާ ދެރަވާނެ. މިހާރު ވެސް ނުލާހިކު ދެރަވެފަ ހުރީ. ނަޖޫ ވެސް ނުވެސް ކައި. ރުއިން ނޫން ކަމެއް ނުކުރޭ!"

ރާއިދަށް ފެނިފައިހުރީ ނަޖޫގެ ގޮތްދޫނުކުރުމެވެ. އަރައިރުންވުމާއި ކަންނެތްކަމެވެ.

"އެކަމަކު މި ގެއިން ދިޔަ އިރަކު އޭނައެއް ނުރޮއި،" ރާއިދު ބުންޏެވެ. "ވަރަށް ގޮތުގަ ހުރީ. އީގޯ ހުރީ ސީލިންގަ ޖެހިފަ. ހުރިހާ ވެސް މައްސަލައަކީ އޭނަގެ ތަރުބިއްޔަތު. ދެން ތި ގެއަށް ނަޖޫގެ މަންމަ އަތުވެއްޖެއްޔާ ބުނޭ ދެން ކީއްކުރަންހޭ ރޮނީ؟ ދަރިފުޅަށް ރަނގަޅު ތަރުބިއްޔަތެއް ދެވުނު ނަމަ މިހެން ނުވެސް ވީސް ނޫންހޭ. އަހަރެންގެ މަންމަ ބުނި އެއްޗެއް ބުނަން؟ އެހެން މީހެއް ކައިރީގަ ނުބުނައްޗޭ! ޔަގީނޯ އަހަންނަށް ކޮންމެވެސް ސިހުރެއްހަދައިގެންނޯ ނަޖޫއާ ކައިވެނިކުރުވީ. އަހަންނަށް މިހާރު އެ ވާހަކަ ގަބޫލުކުރެވޭ! އަހަރެން ހުރީ ނަޖޫއާ ހެދި މޮޔަވެފަ. އޭނަގެ އެއްވެސް މިސްޓޭކެއް އޭރަކު އަހަންނަކަށް ނުފެނެއެއްނު. އެއީ ހަމަ ސިހުރޭ މަ ބުނާނީ."

"އެހެންވެއްޖެއްޔާ ނަޖޫ ދެކެ ފޫއްސެއް ނުވާނެއްނު،" ދިފްލާ ބުންޏެވެ. "ގެއަކަށް ވެސް ފޮނުވައެއް ނުލާނެއްނު! ނޫންތަ؟"

"ދެން ނޭނގެ!" ރާއިދުގެ ޖަވާބު ކުރެވެ. "އެ ކަން އެ ނިމުނީނު. ހިނގާ ދެން އެ ވާހަކަ ނުދައްކަމާ!"

ފޯނުބޭއްވުމަށް ފަހު ރާއިދު ފެށީ ކޮޓަރި އަލުން ރީތިކުރުމުގެ މަސައްކަތެވެ. ގޮދަޑިއާއި ބާލީސްތައް ޖެހުނީ އުކައިލާށެވެ. އެހައި އަގުބޮޑު ގޮދަޑިއެއް އެއްލައިލަންޖެހުނީތީ ނަސީމު ހުރީ ވަަރަށް ހިތްހަމަނުޖެހިފައެވެ. ސާމާނުތައް އުކާލަން ގެންދިޔަ އިރު، ނަޖްވާނަށް ފޫޅުނުކަނޑާ ހަމަ އެއް ކަމެއް ވެސް ނެތެވެ. އެ ކަމުގައި ފާއިޒާގެ ފުރިހަމަ އެއްބާރުލުން ނަސީމަށް ލިބުނެވެ.

ނާސިހާގެ އެއްބާރުލުން ނަޖްވާނަކަށް ނުލިބުނެވެ. ނަޖްވާން ބޭނުންވީ މަންމަ ލައްވާ ރާއިދުގެ މައިބަފައިންނަށް ގުޅުވާށެވެ. ވަރިކުރުން ހުއްޓުވައި، ނަޖްވާން އަލުން ރާއިދު ލައްވައި ގެއަށް ގެންދާށެވެ. ނާސިހާ ހަމަ ހިލައި އެ ފޯނެއް ނުކުރިއެވެ. ކޮޓަރިތެރޭގައި ދެމައިން އަރައިރުންވުމަށް ފަހު ނާސިހާ ކޮޓަރިން ނުކުމެގެން އައިސް ބޮޑުކޮޓަރީގެ ސޯފާގައި އިށީނދެ ކިރިޔާ ހަމަޖެހިލެވުނުކަމެވެ.

"މަންމާ!" މެހެރީން ހަޅޭއްލަވައިގަތް އަޑުއިވުނެވެ.

އަޑުއައީ ނަޖްވާންގެ ކޮޓަރިންނެވެ. ނާސިހާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ކޮޓަރިއަށް ވަން އިރު ނަޖްވާން އުޅެނީ، ފަންކާގައި އައްސާފައިވާ ބެޑުޝީޓުން މަޅިއެއް ހަދައިގެންނެވެ.

"ދަރިފުޅާ!" ނާސިހާ ހަޅޭއްލަވައިގެންފައި ނަޖްވާން ދުރަށް ކޮއްޕައިލިއެވެ.

ނަޖްވާން ވެއްޓުނީ އެނދުމައްޗަށެވެ. ހަމަ ވެއްޓުމާއެކު ތެދުވެ، އަނެއްކާ ވެސް މަޅިގަނޑު ތެރެއަށް ބޯމަހަން އުޅުނެވެ. އެ ފަހަރު ނާސިހާއާއި މެހެރީން ގޮސް ނަޖްވާން ގައިގައި ހިފައިގަނެގެން އެނދުމައްޗަށް ވައްޓައިލިއެވެ. ދަނޑިވަޅުބަލައިފައި މެހެރީން ފަންކާއިން ބެޑުޝީޓު މޮހައިލިއެވެ. އޭރު ނާސިހާ ރޮނީއެވެ. ނަޖްވާން ވެސް ރޮނީއެވެ. އަޑުފަޅައިގެން ނުދިޔައެއްކަމަކު މެހެރީނަށް ވެސް ހުރީ ރޮވިފައެވެ. ރާއިދުގެ ކޮޓަރި ސާފުކުރުމުގެ މަސައްކަތް ހިނގާ ގޮތް ބަލަން ދުރުގައި ހުރި ނަސީމުގެ ފޯނަށް ނާސިހާގެ ކޯލުއައީ އެ ވަގުތުއެވެ. ގުޅަނީ ނާސިހާކަން އެނގުމުން ފާއިޒާ އަތަށް ފޯނުދޭން ނަސީމު މަސައްކަތްކުރިއެވެ. ފާއިޒާ ފޯނަކު ނުހިފިއެވެ. ގަދަކަމުން ފޯނު ހަވާލުކުރުމުން ވެސް ފާއިޒާ ވާހަކައެއް ނުދެއްކިއެވެ. ފޯނުކެނޑުމުން ނާސިހާ ދެން ގުޅީ ފާއިޒާއަށެވެ. އެ ފޯނު ފާއިޒާ ނެގިއެވެ. ހަލޯ ކިޔުމުގެ ކުރިން، ގަސްދުގައި ނާސިހާއަށް އެއްޗެއް އިއްވައިލިއެވެ.

"މިހާރު އެ ގުޅަނީ އަހަންނަށް. ދެން ހަމަ މައިތިރިނުވާނެ،" އެހެން ބުނެފައި، ފާއިޒާ ކަންފަތުގައި ފޯނުޖަހައިފައި ވާހަކަދެއްކިއެވެ. "ހަލޯ!"

ނާސިހާ ފޯނުކަނޑައިލިއެވެ. އެއީ ފާއިޒާ ބޭނުންވި ގޮތެވެ. ދަރިފުޅުގެ މުސްތަގުބަލާ މެދު ކަންބޮޑުވެފައިވާ ނާސިހާއަށް ގޮތްހުސްވިއެވެ. ވިސްނަން އެތައް އިރަކު ހުރުމަށް ފަހު ނާސިހާ ދެން ގުޅީ ދިފްލާއަށެވެ. ދިފްލާ ފޯނު ނަގައިފައި ހަލޯ ވެސް ނުބުނެވިގެން އުޅެނިކޮށް ނާސިހާގެ ހިތް ބަންޑުންކޮށްލިއެވެ.

"ވަރަށް އުފާވެފަތަ ތިހިރީ؟" ހިތާމައާއި ނަފުރަތު މަސްހުނިވެފައިވާ އަޑަކުން ނާސިހާ ބުންޏެވެ. "އަހަންނަށް ދިފްލާއަށް ކޮން ކަމެއް ކުރެވިގެން އަހަރެންގެ ދަރިފުޅަށް ތިހެން ތި ހަދަނީ؟ ކައިވެނިކޮށްގެން ނުލާހިކު ރަނގަޅަށް އުޅެމުންއައި ދެމަފިރިން ތިހެން ދުރުކޮށްލާ އިރު ދިފްލާ އެއްވެސް އެއްޗެއް ހިތަކަށް ނާރާތަ؟ ދިފްލާގެ މަންމައަކީ އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް. އެހެންވެ ކޮންމެހެން ޒުވާބުކުރާކަށް ނޫން މި ގުޅީ. ދިފްލާގެ ދެފައިގަ ހިފާ އާދޭސްކުރަން މި ގުޅީ. އަހަރެންގެ ދަރިފުޅަށް ތިހެން ނަހަދާ! ކިތަންމެ ގޮތްދޫނުކުރިޔަސް ވަރަށް ހިތްބަލި ކުއްޖެއް އެއީ. އޭނަ މަރުވެދާނެ."

"އަޅޭ ނަޖޫ މަންމާ!" ދިފްލާއަށް ބުނެވުނެވެ. "އަހަރެން އެއްވެސް ކަމެއް ނުކުރަމޭ! އަހަ.."

"އެކަމަކު އަހަންނަށް އެނގޭ ރާއިދު ތި ގެއަށް ވަންނަކަން،" ނާސިހާ ބުންޏެވެ. "އަހަންނަށް ވަރަށް ގިނަ އެއްޗެހި އެނގޭ! އަހަންނަށް އެނގޭ ރާއިދު ދެކެ ދިފްލާ ކިހާ ލޯބިވާކަން ވެސް. ދެން އެ ވާހަކަ ބާއްވާ! ހީކޮށްލާ މީ މަންމައެއްގެ އާދޭހޭ! ނަޖްވާންގެ ކައިވެނި ސަލާމަތްކޮށްދީ! ދެފައިގަ ހިފާފަ މި ބުނީ."

އެ ފޯނުކޯލުން ދިފްލާއަށް ވަރަށް އަސަރުކުރިއެވެ. ކޮޓަރީގައި އެކަނިމާއެކަނި އިނދެގެން އެތައް އިރަކު ރުޔެވެ. ދިފްލާ ދެރަވީ، ދިފްލާގެ ބޮލުގައި ނާސިހާ އެޅުވި ދޮގު ތުހުމަތުގެ ސަބަބަކުން ނޫނެވެ. ނާސިހާ ބުނި އެއް ހަގީގަތުގެ ސަބަބުންނެވެ. ރާއިދު ދެކެ ދިފްލާ އިންތިހާއަށް ލޯބިވެއެވެ. ރާއިދުގެ އަންބަކަށް ވާން ވެސް ދިފްލާ ބޭނުމެވެ. އެހެނަސް އެއީ ދިފްލާއަށް އެކަނި އެނގޭ ސިއްރެކެވެ. ބިލާހަކަށް ވެފައިވާ ހުވަފެނެކެވެ. އަނެއްކާ ވެސް ދިފްލާގެ ފޯނު ރަނގަބީލުވާން ފެށިއެވެ. ފޯނަށް ބަލައިލުމުން ދިފްލާގެ މެޔަށް ހީވީ ފެންއެއްޗެއް އޮއްސައިލިހެންނެވެ. އަރާފައި އޮތީ ނަޖްވާންގެ ނަމެވެ. އޭނަޔާ ކުރިމަތިލާހައި ހަކަތައެއް ދިފްލާގެ ނެތެވެ. އެ ވަރުން ވެސް ފޯނުނެގިއެވެ.

"ހަލޯ!" ހައިރާންކަމާ އެކުގައި ދިފްލާ ބުންޏެވެ.

ނަޖްވާން ވާހަކައެއް ނުދައްކައެވެ. އެކަމަކު، އިވޭ އަޑުތަކުން އޭނަ ރޮނީކަން ދިފްލާއަށް އެނގެއެވެ.

"ހަލޯ! ނަޖޫ؟" ދިފްލާ ބުންޏެވެ.

"މަންމަ ގުޅިތަ؟" ރޮއިރޮއި ނޭފަތް ބެދިފައިވާ އަޑަކުން ނަޖްވާން ބުންޏެވެ.

"އުހުނ! ކިހިނެއްވީ؟" ދިފްލާ ބުންޏެވެ.

"މަންމަ ފިލާއިނދެގެން ވާހަކަދައްކާތީ އަހަރެން ހީކުރީ ދިފްލާއަށްކަމަށް ގުޅީ،" ނަޖްވާން ބުންޏެވެ. "އޯކޭ ބާއްވަނީ."

"މަޑުކޮށްބަލަ!" ދިފްލާ އެދުނެވެ. "ކޮން ކަމަކާ ތި ރޮނީ؟"

"ގެއަށް ފޮނުވާލީމަ ރޮވޭނެއްނު!" ނަޖްވާން ބުންޏެވެ. "އަހަރެން ދުވަހަކު ވެސް ހިތަކަށްނާރާ.."

"ތީތާ އަހަރެން ބުނި ވާހަކައަކީ،" ދިފްލާ ހަނދާންކޮށްދިނެވެ. "މިހާރު ތިހިރީ ގެއަށް ފޮނުވާލާފަ. އަދި ޑިވޯސް ވެސް ކުރާނެ. ނަޖޫ ވެއްޖެއްނު ގޮތްދޫކުރަން. މީހަކާ އިނީމަ ކުރިން އުޅޭހެނެއް ނޫޅެވޭނެ. ޑިވޯސްކުރީމަ ދެން ނުބުނާތި އަހަރެން.."

"އޯކޭ! ކިހިނެއް އަހަރެން ހަދަންވީ؟" ނަޖްވާން ގޮތްދޫކުރަން އެއްބަސްވިއެވެ. "ދިފްލާ ބުނި ކޮންމެ ކަމެއް ކުރާނަން."

ފުރަތަމަ ފަހަރަށް ނަޖްވާން ގޮތްދޫކުރިއެވެ. ފުރަތަމަ ފަހަރަށް ރާއިދުގެ ސައިކަލު ފަހަތަށް ދިފްލާ އެރިއެވެ. ދުނިދަނޑިއަކުން ދޫކޮށްލި ތީރެއްހެން ބުރިޖު މަތިން ސައިކަލު ދުވެފައިދިޔަ އިރު، ދިފްލާ އިނީ މާސްކެއް އަޅައިގެންނެވެ. ދަންނަ މީހަކަށް ދިފްލާ ފެނުނަސް ނޭނގޭ ވަރު ކޮށްގެންނެވެ. އެ ދަތުރުގެ ހަނދާންތަކުން ދިފްލާގެ ހިތަށް ފަހުން ކިހައި ތަދުކުރާނެކަން އެނގޭ އިރު ވެސް އެ ނޫން ގޮތެއް ދިފްލާއަށް ނެތުނީއެވެ. ނަޖްވާންގެ އެއްވެސް ވާހަކައެއް އަޑުއަހާކަށް ރާއިދު ބޭނުމެއް ނޫނެވެ. ސައިކަލުގައި ހުޅުމާލޭގެ ރެސްޓޯރަންޓަކަށް ދިފްލާ ހިނގައްޖެއްޔާ މެނުވީއެވެ. އެއީ ރާއިދު ނެގި ރަތްކާޑެކެވެ. އެ ކަން ދިފްލާ ނުކުރާނެކަން ޔަގީންވާތީއެވެ. ނުކުރަން ނިންމި ކަންތައް ކުރަން ދިފްލާއަށް މަޖުބޫރުވީ އެ ހިސާބުންނެވެ. އެހެން މީހުންގެ އުފަލަށް ޓަކައި ތިމާގެ ހިތް ގުރުބާންކުރުމަކީ ދިފްލާ އަލަށް ކުރާ ކަމެއް ނޫނެވެ.

ސައިކަލު މަޑުކުރީ ހުޅުމާލޭގެ ފޭސް ޓޫގެ ވެސް އެންމެ ފަޅު ހިސާބުގައި ހުރި ރެސްޓޯރަންޓެއް ކައިރިޔަށެވެ. އެތެރެއަށް ވަންއިރު ވެސް ދިފްލާ ހުރީ މާސްކުއަޅައިގެންނެވެ.

"އަހަންނަކަށް އަދިވެސް ގަބޫލެއް ނުކުރެވޭ!" ރެސްޓޯރަންޓުގެ ގޮނޑީގައި އިށީންނަމުން ރާއިދު ބުންޏެވެ. "ފިރިހެނެއްގެ ސައިކުގެ ފަހަތަށް ދިފްލާ އެރި ތަނެއް އަހަރެން ދުވަހަކު ވެސް ނުދެކެން. ހާދަހާ ބޮޑު ޝަރަފެކޭ އަހަންނަށް ތި ދިނީ. ނަޖޫއަށްޓަކާ ތިހާ ބޭކާރު ކަމެއް ކީއްކުރަން ތި ކުރީ؟ ޑިވޯސް ފޯމު މިހާރު ވެސް އޮންނާނެ ސައިކުގެ މަޑި ދަށުގަ."

"ބުނޭ ނަޖޫ ޑިވޯސްއެއް ނުކުރާނަމޭ!" ދިފްލާ ކުރީ އަމުރެކެވެ.

ނުނިމޭ