22 ޖޫން 2024 - 19:00

ފުލުހެއްގެ ގައިގައި ކާރަކުން ޖައްސައި ފިލަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން "މިހާރު" އަށް މިއަދު ވިދާޅުވީ ހޮނިހިރު ދުވަހުގެ ހަވީރު ހުޅުމާލެ 1 ގައި މާރާމާރީއެއް ހިންގައިގެން އުޅޭ ކަމަށް ރިޕޯޓުކުރުމުން، އެ ސަރަހައްދަށް ފުލުހުން ދިއުމުން ދެ މީހަކު ކާރަކަށް އަރައި ފިލައިގެން ދާން އުޅުނު ކަމަށެވެ.
ނަމަވެސް، ކާރު ކުރިމައްޗަށް އަރައި މަޑުކުރަން ބުނުމުން ކާރު މަޑުކުރުމަށްފަހު، ކާރުގެ އަރިމައްޗަށް ޖެހުނު ވަގުތު، ފުލުސްމީހާގެ ފައި މައްޗަށް އަރައިގެން ކާރު ދާން އުޅުނު ކަމަށެވެ. އެކަމަކު، ކާރު ފަހަތަށް ޖެއްސުމަށް ފަހު އޮފިސަރު ތެދުވެ ކާރުގެ ހުންގާނުގައި ހިފައި، އެ އުޅަނދު ހުއްޓުވޭތޯ މަސައްކަތް ކުރި ކަމަށް ޝިފާން ވިދާޅުވި އެވެ.
އެ ސަރަހައްދަށް އިތުރު ދެ ފުލުހުން ބީޓް ސައިކަލުގައި ކާރު ކުރިމައްޗަށް އެރުމުން ވެސް އެ ސައިކަލު ނައްޓުވާފައި ބާރު ސްޕީޑުގައި ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލައިގައި އެ ދުވަހު ފުރަތަމަ މީހާ ހައްޔަރުކޮށް ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފަ އެވެ. ދެ ވަނަ މީހާ މިއަދު ހަވީރު ވަނީ ހައްޔަރުކޮށްފަ އެވެ.