މޭޖާ ސްޓްރޯކެއް ޖެހި "މިހާރު" ގެ އެޑިޓަރު އިސްމާއިލް ނަސީރަށް ފަރުވާދެނީ
މޭޖާ ސްޓްރޯކެއް ޖެހި "މިހާރު" ގެ އެޑިޓަރު އިސްމާއިލް ނަސީރަށް ފަރުވާދެނީ

"މިހާރު" ނޫހުގެ އެޑިޓަރު އިސްމާއިލް ނަސީރަށް މޭޖާ ސްޓްރޯކެއް ޖެހިގެން ފަރުވާދޭން ފަށައިފި އެވެ.

އިސްމާއިލަށް ސްޓްރޯކެއް ޖެހުނީ އީދު ޗުއްޓީއަށް އާއިލާއާ އެކު ބ. އޭދަފުއްޓަށް ގޮސް ހުންނަވަނިކޮށް އިއްޔެ ވަގުތެއްގަ އެވެ.

އެ ރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް އިސްމާއިލް މާލެ ގެނައީ ރޭ 1:00 ހާއިރު އެއާ އެމްބިއުލާންސްގަ އެވެ.

މިވަގުތު އިސްމާއިލަށް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދާއިރު ހާލު ސީރިއަސް އެވެ.

އުމުރުން 47 އަހަރުގެ އިސްމާއިލް ނޫސްވެރިކަމުގައި ހިދުމަތްކުރައްވާތާ 28 އަހަރު ވެެއްޖެ އެވެ. ކުރިން "ހަވީރު" ނޫހުގެ މެނޭޖިން އެޑިޓަރުކަން ވެސް ކުރެއްވި އިސްމާއިލް ނަސީރު އެންމެ ފުރަތަމަ ނޫސްވެރިކަން ފެއްޓެވީ "އާފަތިސް" ނޫހުންނެވެ.

އިސްމާއިލަށް ނޫސްވެރިކަމުގެ ރޮނގުން އާއްމު ހިދުމަތުގެ އިނާމާއި "ރަން ގަލަން" ވެސް ލިބިވަޑައިގެންފައިވެ އެވެ.