21 ޖޫން 2024 - 14:48

ހުޅުމާލެ 2 ގައި ގަވާއިދާ ހިލާފަށް ހިންގާ ހަޓުތައް ނަގަން އެޗްޑީސީން ދިން މުއްދަތު ހަމަވިއިރު ވެސް އެ އެންގުމަށް އަމަލު ނުކުރުމުން އެ ތަންތަން ނައްތާލުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފި އެވެ.

ހުޅުމާލެ 2 ގެ ރުުއްގަނޑާއި ބީޗު ސަރަހައްދުގައި ގިނަ އަދަދެއްގެ ހަޓުތައް ހަދައި ކާބޯތަކެތި ވިއްކަ އެވެ. އެއީ އެއްވެސް ހުއްދައަކާ ނުލައި ކުރާ ކަމަަކަށް ވާތީ އާއި އެ ސަރަހައްދު ތަރައްގީ ކުރަން އެޗްޑީސީން މިދިޔަ މަސް ތެރޭގައި އެ ތަންތަން ހުސް ކުރަން މި މަހުގެ 15 އާ ހަމައަށް މުއްދަތެއް ދިނެވެ.
ނަމަވެސް އެޗްޑީސީން އިއުލާންކުރި ފަހުން ވެސް ބީޗު ސަރަހައްދުގައި އިތުރު ހަޓުތައް ހަދައި މީހުން ވިޔަފާރި ކުރަމުން ދިޔަ އެވެ.
އެކަމަކު، އެޗްޑީސީން މި ހަފުތާގެ ތެރޭގައި ވަނީ އެ ސަރަހައްދުގައި ހުރި ހުރިހާ ހަޓުތަކެއް ހަލާކު ކޮށްލައި ނައްތާލުމުގެ މަސައްކަތް ފަށައިފަ އެވެ. އެ ތަން ސާފުކުރުމުގެ މަސައްކަތް ވެސް އެ ކުންފުނިން ވަނީ މިހާރު ފަށައިފަ އެވެ.
މީގެ ކުރިން ހަޓުތަކެއް ބަހައްޓައިގެން ވިޔަފާރި ކުރަމުން އައީ ހިޔާ ފްލެޓު ސަރަހައްދުގަ އެވެ.
ހުޅުމާލޭގައި އެފަދަ ގޮތަކަށް ވިޔަފާރި ކުރެވޭނީ އެޗްޑީސީން ކިއޮސްކް ހިންގުމަށް އާންމުކޮށް އިއުލާން ކޮށްގެން ހުޅުވައިލުމުންނެވެ.
އެގޮތަށް ހުޅުމާލެ 1 ގައި ގިނަ އަދަދެއްގެ ކިއޮސްކުގައި ވިޔަފާރި ކުރެ އެވެ. އެޗްޑީސީން އެ ތަންތަން މޮނިޓަ ވެސް ކުރެ އެވެ.