22 ފެބުރުއަރީ 2017 - 21:06

މިއަދު ހެނދުނު ސްރީ ލަންކާގައި ގެއްލުނު ދިވެހި ފިރިހެންމީހާ މިރޭ ފެނިއްޖެ ކަމަށް އާއިލާ އިން ބުނެފި އެވެ.
މުހައްމަދު އަލީ، ފ. ފީއަލީ، 67، ގެއްލިގެން ހޯދަމުން ދިޔައީ މިއަދު ހެނދުނު 7:30 ހާއިރު ބޭރަށް ނިކުތް ފަހުން ޚަބަރެއް ނުވެގެންނެވެ.
އޭނާ ފެނުނީ، އާއިލާ އިން ބުނި ގޮތުގައި، މިރޭ ރާއްޖޭ ގަޑިން 11 ޖަހާކަންހާއިރު އެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް އާއިލާ އިން ބުންޏެވެ.
މުހައްމަދު ގެއްލުނީ، ބޮޑަށް ބެލެވޭ ގޮތުގައި، އޭނާ އަށް އެނބުރި ގެއަށް ދާން ނޭނގިގެންނެވެ. ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް އޭނާގެ މައުލޫމާތު ދިނީ ލަންކާގެ ޑްރައިވަރަކު ފޯނުން ގުޅައިގެން ކަމަށް އާއިލާ އިން ބުނެ އެވެ.
މުހައްމަދު އަލީގެ ދަނބިދަރިއެއް ކަމަށްވާ މުހައްމަދު ސޮބާހު ބުނީ ބައްޕަގެ ލަންކާގައި އުޅޭ ދެ ދަރިން ކައިރިއަށް ގޮސްގެން އުޅޭތާ މިހާރު މަހެއް ވަރު ވެދާނެ ކަމަށެވެ.
"މަންމަ އާއި ދެ މީހުން ސިޓިން ރޫމުގައި ތިބެފައި، ބައްޕަ މަންމަ ކައިރި މި ބުނީ އެބަ އަންނަމޭ ބޭރަށް ޖައްސާލާފައި،" ސޮބާހު ބުންޏެވެ.
"އޭގެ ފަހުން ޚަބަރެއް ނުވީ."
އާއިލާ އިން ދިވެހި އެމްބަސީ އަށް އެކަން އެންގުމުން، އެމްބަސީން ވަނީ އެ ސަރަހައްދުގެ ފުލުހުންނަށް މުހައްމަދާ ބެހޭ މައުލޫމާތު ދީފަ އެވެ.
މީގެ އަހަރުތަކެއް ކުރިން ހިތުގެ އޮޕަރޭޝަނެއް ކުރިއަސް، މުހައްމަދަށް ސިއްހީ ގޮތުން މާ ބޮޑު މައްސަލަތަކެއް ދިމާނުވާ ކަމަށް ސޮބާހު ބުންޏެވެ.