ބިންގަރާސް
ބިންގަރާސް

އާދިއްތަ ދުވަހާ ގުޅޭ

"ރާއިދު މަގޭ ދަރި ގެއަށް ފޮނުވައިލައިފި!" ނާސިހާ ބުނި އަޑުއިވުނެވެ.

ދެނެއް ނާސިހާއަކަށް ހުއްޓައެއް ނުލެވުނެވެ. ދެއްކި ވާހަކައެއް ދެއްކީ މައުސޫމާ ގާތުގައެވެ. ދިފްލާއަށް އެ ވާހަކަތައް އިވުނުނަނުދޭން ކުރެވުނު ހުރިހައި މަސައްކަތެއް ކުރަމުންނެވެ. ނާސިހާގެ ބުރަކަށީގައި މައުސޫމާ ފިރުމާ ތަނާއި ކަރުނަ ފުހެދޭތަން ވެސް ދިފްލާއަށް ފެނުނެވެ. ދިފްލާއަކަށް ނީނދެވުނެވެ. ސައިބުއިން މެދުކަނޑާލައިފައި ކޮޓަރިއަށް ވަނެވެ. އެނދުގައި ހަމަޖެހިލިއެވެ. ފުންނޭވައެއް ބޭރުކޮށްލިއެވެ. ގުޅަންވީ ކާކަށްހެއްޔެވެ؟ ދިފްލާގެ ސުވާލަކީ އެއީއެވެ. ރާއިދަށްހެއްޔެވެ؟ ނަޖްވާނަށްހެއްޔެވެ؟ ވިސްނަން އިރުކޮޅަކު އިނދެލާފައި ފުރަތަމަ ގުޅީ ރާއިދުގެ މަންމަ ފާއިޒާއަށެވެ.

"ކިހިނެއްވީ ކަނބުލޯ؟" ފާއިޒާ ފޯނު ނަގައިފައި އެހިއެވެ. "އާދޭ ސައިބޯން."

"ދެން ހަމަ ހިތަށްއެރީ ގުޅާލަންވެއްޖޭ!" ދިފްލާ ބުންޏެވެ. "ސައިބޯން މިއިނީ. ތި ގޭގަ އެއްވެސް ކަމެއްވެގެންތަ އުޅެނީ؟"

"އާނ!" މަޑުމަޑުން ފާއިޒާ ބުންޏެވެ. "ރާއިދު އެންމެ ފަހުން ނަޖޫ ގެއަށް ފޮނުވައިލައިފި. ނޭނގެ ވީ ގޮތެއް ވެސް. ރާއިދު އައިސް ބުނީ މަންމާއޭ ނަޖޫ ގެއަށް ފޮނުވާލަނީއޭ! އަހަރެން ބުނީ މަންމައަކަށް މައްސަލައެއް ނެތޭ! ނޫންތަ؟ އަހަރެންގެ ކޮން މައްސަލައެއް އޮންނަންވީ؟ ގައިމު ތަންކޮޅެއް ބޮލަށްފަސޭހަވާނެ. އެހެން ނޫނީ ކޮންމެ ދުވަހަކު އާ މައްސަލައެއް އެބަ ޖެހޭވިއްޔަ."

ނަޖްވާން މަރައިލި ގަސްތަކާއި، ނަޖްވާނަށް ހަދަން އުޅުނު ސިހުރުގެ ވާހަކައެއް ފާއިޒާ ނުބުނެއެވެ. އެއީ އާއިލާގެ ބޮޑުސިއްރުތަކެވެ.

"ދެނޯ؟" ދިފްލާއަށް ބުނެވުނެވެ. "ވަރިކުރީތަ؟"

"އެޔެއް ނުބުނޭ! އަހަންނަށް ރަނގަޅީ ދެން ގެއަށް ނުގެނައިއްޔާ!" ވަރަށް ސާބިތުކަމާ އެކުގައި ފާއިޒާ ބުންޏެވެ. "އެ ކަހަލަ އަންހެނަކާ އިނދެގެން އެކަކަށް ވެސް ނޫޅެވޭނެ. ނޫނޭވާ ކަންނެތް އަންހެނެއް އެއީ. ވެގެންވަންޏާ އެނދުގަ އޮވެފަ އޭނަ ފުރޮޅި ވެސް ނުލާނެ. މީހަކު އެ ކަން ވެސް ކޮށްދޭން ޖެހޭނީ. އާއިލާ ތެރޭގަ ފިތުނަ ފަސާދަ އުފައްދަން ވެސް އެ ވަރެއް ނެތް. ހުރިހާ ކަމެއް ކިޔައެއް ނުދެވޭނެ އެކަމަކު ހާދަހާ ވިޔާނުދާ ކުއްޖެކޭ އެއީ."

"ކޮބާ ރާއިދު؟" ދިފްލާ އެހިއެވެ.

"އެބަ އުޅޭ ކޮޓަރީގަ،" ފާއިޒާ ބުންޏެވެ. "ދިފްލާ ގުޅާފަ އަހާބަލަ ކިހިނެއްހޭވީ؟ ބުނޭ އެ ކަމުން ސަލާމަތްވާށޭ! މަންމަ ބުންޏޭ ނުބުނާތި!"

ދިފްލާ އެ ފޯނު ނިންމައިލައިފައި ރާއިދަށް ގުޅިއެވެ. ރާއިދު ފޯނު ނެގީ ދެތިން ފަހަރު ގުޅިފަހުންނެވެ. ފޯނު ނަގާފައި، ހަލޯ ކިޔާފައި އެއްޗެއް ނުބުނެ ހުރީއެވެ.

"އޭ! ކިހިނެއް ހަދައިގެން ތި އުޅެނީ؟ ކީއްވެ އަންހެނުން ގެއަށް ފޮނުވައިލީ؟" ދިފްލާ އެހިއެވެ.

ރާއިދު ވިސްނައިލަން އިރުކޮޅެއް ނެގިއެވެ. ފަށާނެ ހިސާބެއް ނޭނގިގެންނެވެ.

"އަހަރެނަށް ހަމަ ކެތްނުވީ،" އޭރު ވެސް ހިތްހަމަނުޖެހިފައިހުރި ރާއިދު ބުންޏެވެ. "އޮފީހުގަ މަސައްކަތެއް ކުރެވެނީކީ ނޫން، ގެއަށް ވަދެވެނީކީ ނޫން، ކޮޓަރިއަށް ވަދެވެނީކީ ނޫން. އަބަދާއަބަދު މި ކަމަކާ ބޯގާނަން މި ޖެހެނީ. މިއަދު ހިތަށްއެރީ އަހަންނަށް އެންމެ ބޮލަށްފަސޭހަވާނީ ނަޖޫ ގެއަށް ފޮނުވައިލިއްޔާއޭ! އެހެންވެ އަހަރެން ބުނީ އޭނަ ކައިރީގަ ޕެކްކޮށްގެން ހިނގާށޭ ގެއަށް ދާން. އޭނަ ބޭނުންވާ ހުރިހާ އެއްޗެއް ފޮށްޓަށް އެޅީމަ ގެންގޮސް ގެއަށްލާފަ މި އައީ. ހަމަ ދެންމެ މި އައީ. ކިހިނެއް ދިފްލާއަށް އެނގުނީ؟ މަންމަތަ ބުނީ؟"

އެ ސުވާލަކަށް ދިފްލާ ޖަވާބެއް ނުދެއެވެ. ދެއްކީ އެހެން ވާހަކައެކެވެ.

"އެކަަމަކު ތީ ގޮތެއް ނޫނެއްނު!" ދިފްލާ ބުންޏެވެ. "އޭނަ ވަރިކުރަންތަ ތި އުޅެނީ؟ އަޅެ ނުކުރައްޗޭ!"

"އެހެން ގޮތެއް ނެތޭ!" ރާއިދު ބުންޏެވެ. "އަހަރެން ބޭނުން އެއްވެސް ކޮލިޓީއެއް އޭނަގެ ހުރީކީ ނޫން. އޭނަ ޗޭންޖެއްވީކީ ނޫން. ދެން އަހަރެން ކިހިނެއް އެ ވަރު މީހަކާ އިނދެގެން އުޅޭނީ؟ އޭނަ މީހަކާ އަނގައިން ބުނަނީކީ ނޫން. މީހަކު އޭނަޔާ އަނގައިން ބުނަނީކީ ނޫން. ސައުވީސް ގަޑިއިރު ކޮޓަރީގަ އޭނަ އޮންނަން މި ޖެހެނީ. ޔަގީން އޭނަ ގައިގަ އަވިކޮޅެއް ނުޖެހޭތާ މިހާރު އެތައް މަހެއް ވެދާނެ. އޮފީހުގަ ނުލާހިކު ބިޒީކޮށް އުޅެފަ ގެއަށް މި އަންނަނީ. ވަދެވެނީ ކުނިކޮށްޓަކަށް. ވިސްނައިދެވިއްޖެ! ނަސޭހަތްދެވިއްޖެ! އާދޭސްކުރެވިއްޖެ! މިއަދު ހިތަށްއެރީ މީނަ ވަރިކޮށްފަ އެހެން މީހަކާ އިންނާނީއޭ. ފަހުން ގުޅާލަންތަ؟ މަންމަ އެބަ ޓަކިޖަހާ!"

އެ ހިސާބުން ފޯނުކޯލު ނިމުނެވެ. ދިފްލާ ހުރީ ދެ ކަފި މަގެއްގެ ކޮޅުގައެވެ. މަގުގެ ލޮލުކޮޅަށް އޮބާ ހިސާބުގައި ވެސް މީހަކު ފެންނާކަށް ނެތެވެ. އެންމެ ލޯބިވާ މީހާޔާ ދިފްލާޔާ ދެމެދު އޮތް ހަމަ އެކަނި ހުރަސް އެއްފަރާތްވަނީއެވެ. އެކަމަކު މަގުގައި ހުރި އަޑިގުޑަންތައް ގިނައެވެ. ދިފްލާއާއި ރާއިދު ގުޅިއްޖެ ނަމަ، ނަޖްވާން މަންމަގެ ތުހުމަތު ހަގީގަތަކަށް ބަދަލުވީއެވެ. ދެން ވެސް ދިފްލާއަކަށް ރާއިދަކާ ނީނދެވޭނެއެވެ. ދިފްލާއަށް އަށާރަ ނުފުރޭތީއެވެ. ތިން އަހަރަކީ އެއް ހާހަށް ވުރެ ގިނަ ދުވަހެވެ. އެހައި ދުވަސް ވަންދެން ދިފްލާގެ މައިންބަފައިންނާއި، އަވަށްޓެރީންގެ ހާސަރު ދިފްލާއަށް އަޑުއެހޭނެހެއްޔެވެ؟ ނަޖްވާނަށް ގުޅަން ދިފްލާ އުޅުނެވެ. އެހެނަސް ހިތްވަރެއް ނުލިބުނެވެ. ކިތަންމެ ސިއްރުންވިޔަސް ނަޖްވާންގެ ފިރިމީހާ ދެކެ ލޯބިވެވޭތީ ދިފްލާގެ އަމިއްލަ ނަފުސު ދިފްލާއަށް މަލާމާތްކުރާތީއެވެ. ބައެއް ފަހަރު ދިފްލާ ހިތަށްއަރައެވެ. އުމުރާ ނުގުޅޭ ވަރަށް ދިފްލާއަށް ކަންކަމާ މެދު ވިސްނެނީ ކީއްވެގެންހެއްޔެވެ؟ ފަނަރަ އަހަރުގެ ކުދިންނަކީ ނޭފަތަށް ވުރެ ދުރަށް ވިސްނާ ބަޔެއް ނޫނެވެ. އެކުދިން ވިސްނާނީ ކުރަންވާ ކަމެއް ކޮށް ނިންމައިފައެވެ.

ކެއުމުގެ ކަންތައް ނިންމައި، ނިދަން އޮށޯތް އިރު ވެސް ރާއިދެއް ނުގުޅައެވެ. ވީ ހުރިހައި ކަމެއް ހަނދާންނައްތާލައިފައި ނިދަން ދިފްލާ މަސައްކަތްކުރިއެވެ. ނުނިދުނެވެ. އެހެން ކަމެއް ކުރެވޭތޯ އުޅުނެވެ. އެއްވެސް ކަމެއް ކުރާ ހިތެއްނުވިއެވެ. ރާއިދު ގުޅާތޯ ފޯނަށް ބަލާބަލައި ވާޅުވިއެވެ. ފޮތެއް ނަގައިގެން ކިޔޭތޯ މަސައްކަތްކުރިއެވެ. ދިފްލާ ހިތަށްއެރިއެވެ. ރާއިދު ހާދަ އެކަނިވާނެއެވެ. ދެން އިވުނީ ވާރޭވެހެން ފެށި އަޑެވެ. ދިފްލާ ފުންމައިގެން ތެދުވެ ހެދުން ބަދަލުކޮށްލިއެވެ. މަޑުމަޑުން ކޮޓަރިން ނުކުތެވެ. އޭރު ގަޑިން ދަންވަރު ބާރަޖަހައި ބޮޑުވެއްޖެއެވެ. ދިފްލާ ބޭނުންވީ ދިފްލާ އުމުރުގެ ކުއްޖަކު ކުރާ ކަހަލަ މޮޔަކަމެއް ކުރާށެވެ. ކުޑަ ހިފައިގެން މަގުމައްޗަށް ނުކުތް އިރު، މުޅި މަގު އޮތީ ފަޅުވެފައެވެ. ރާއިދުގެ ގެ ހުންނަނީ މަގުގެ އަނެއް ފަރާތުގައެވެ. އެއީ ދެތިން މިނެޓުގެ ފައިމަގުގެ ދުރުމިނެވެ. ވާރޭ ހައްތަހާ ބޯކުރިއެވެ. ދިފްލާ ހިނގައިގަތެވެ. ރާއިދުގެ ގޭގެ ދޮރުމައްޗަށް ހުއްޓިފައި ރާއިދަށް ގުޅިއެވެ. ގުޅާ އިރަށް ރާއިދު ފޯނުނެގިއެވެ. ހީވީ އިންތިޒާރުގައި އިންހެންނެވެ.

"ހޭލާތަ ތި އުޅެނީ؟" ރާއިދު ސުވާލުކުރިއެވެ.

"ގުޅާނަމޭ ކިޔާފަ ނުވެސް ގުޅަމެއްނު!" ދިފްލާ ބުންޏެވެ. " ރާއިދު ހަނދާންވާ ވަރުން ނުވެސް ނިދުނު. ތި ގޭ ދޮރުމަތީގަ މިހިރީ."

"އޭނ؟" ސިހިފައި ރާއިދަށް ބުނެވުނެވެ. "ސީރިޔަސްކޮށް؟ މި ހުޅުވަނީ އިނގޭ!"

އިރުކޮޅަކުން ރާއިދު ދޮރު ހުޅުވިއެވެ. އެ ވަގުތު ވިދައިލިއެވެ. ގުގުރާނެކަން ޔަގީންވާތީ ދިފްލާ ދެކަންފަތުގައި އަތްއެޅިތަނާ ކުޑަ އަތުން ދޫވިއެވެ. ގަދަ ވައިރޯޅިއަކާ އެކު ވަރަށް ގަދައަށް ގުގުރައިލިއެވެ. ދިފްލާއަށް ހީވީ ރާއިދަކީ އެނދުގައި އޮންނަ ބާލީސްހެންނެވެ. ގައިގަ ހުރި ބާރެއްލައިފައި ބާލީހުގައި ބައްދައިގަތެވެ. ލޯހުޅުވުނު އިރު ދިފްލާ ބައްދާލައިގެން އޮތީ، ހަގީގަތުގައި ވެސް ބާލީހުގައެވެ. ކިޔަން ގެންގުޅުނު ފޮތް އޮތީ މޫނުމަތީގައެވެ. ފެނުނު ކުރު ހުވަފެނުގެ ސަބަބުން ދިފްލާގެ ހިތް ހީވަނީ މޭފަޅައިފައި ނުކުމެދާނެހެންނެވެ. ރަކި ހިނިތުންވުމަކާ އެކުގައި ބާލީސް މޫނުގައި އަޅައި ބާރުކޮށްލެވުނެވެ. ހިތަށްއެރިއެވެ. ރާއިދުގެ ގެއަށް ދެވޭނެ ނަމައެވެ. އުމުރާ ގުޅޭ ގޮތަށް އުޅެން ދިފްލާއަށް ކެރޭނެ ނަމައެވެ.

"ނުކެރޭނެ،" ނަޖްވާން ބުންޏެވެ. "އޭނަ ގުޅަންދެން މަޑުކުރާނީ."

ހެނދުނުގެ ވަގުތެވެ. ސައިބޯން މޭޒުދޮށުގައި ތިބި ނަމަވެސް، ނަޖްވާންގެ އަރަކުން އެކައްޗެއް ވެސް ނުދިރެއެވެ.

"އަޖައިބެކޭ!" ނަޖްވާންގެ މަންމަ ނާސިހާ ބުންޏެވެ. "އެއީ ދަރިފުޅުގެ ފިރިމީހާޔޭ! ވަރިއެއް ނުކުރެއެއްނު! ގުޅާބަލަ! އަހާބަލަ ސައިބޮއިފިންހޭ؟"

"މަންމާ! ގޭގަ އުޅުނު އިރު ނާހާ އެއްޗެއް ކުއްލިއަކަށް މިއަދު އެހޭތަ؟" ނަޖްވާން ހިތްހަމަނުޖެހިފައި ބުންޏެވެ. "އަހަންނަކީ ގޭގެ އެއްވެސް ކަމަކާ ބެހޭ މީހެއް ނޫން. އަހަންނަކަށް ނޭނގޭނެ ރާއިދު ހޭލާ ގަޑިއެއް. އޮފީހަށްދާ ގަޑިއެއް. ކޭކަމެއް ނުކާކަމެއް. އޭނަގެ މަންމަ ހުރިހާ ކަމެއް ބަލާނީ."

ބުނާނެ އެއްޗެއް ނޭނގި، ބޮލުގައި ދެއަތް އަޅައިގެން ނާސިހާ އިނެވެ. ރާއިދު ވެސް އިނީ ބޮލުގައި ދެއަތްއަޅައިގެންނެވެ. އޮފީހަށް ދާންވީ ގަޑިޖެހި އިތުރަށް ބައިގަޑިއިރު ހިނގައިފިއެވެ. މަންމަ އައިސް ދޮރުގައި ޓަކިޖަހައި، ދޮރު ނުހުޅުވައިގެން ރާއިދަށް ގުޅިއެވެ. ފޯނުނަގާކަށް ރާއިދު ބޭނުމެއް ނޫނެވެ. އެހެނަސް، މަންމަޔާ ވާހަކަނުދައްކަނީސް މަންމަ ހަމައަކަށްނޭޅޭނެކަން އެނގޭތީ ފޯނުނެގިއެވެ.

"ހޭލަޔޭ މި އުޅެނީ މަންމާ!" ފޫހިވެފައިވާ އަޑަކުން ރާއިދު ބުންޏެވެ. "މިއަދު އޮފީހަކަށް ނުދާނަން. ރެސްޓުކޮށްލާނީ."

"އެހެންތަ؟" ފާއިޒާ ބޮޑު ނޭވައެއްލައިފައި ބުންޏެވެ. "ކުރީބައިގަ ބުނެލަންވާނެއްނު ދަރިފުޅާ! މަންމަ ކިހާ ހާސްވާނެ؟"

މަންމަޔާ ވާހަކަދައްކައިލާފައި ރާއިދު ފޯނު ކަނޑައިލި ވަގުތު ދިފްލާ ގުޅިއެވެ. އެ ކޯލު ރާއިދު ވަގުތުން ނެގިއެވެ.

"ގުޅާނަމޭ ކިޔާފަ ނުވެސް ގުޅާ!" ޝަކުވާއެއްހެން ހީވާ ގޮތަށް ދިފްލާ ބުންޏެވެ. "އޮފީހުގަ ދޯ؟ ބިޒީ ގަޑިއެއްގަތަ މި ގުޅުނީ؟"

"ނުދަން އޮފީހަކަށް." ރާއިދުގެ ރާގުގައި ހުރީ، ކުރިން ވެސް ހުރި ފޫހިކަމެވެ.

"އަހަނ!" ދިފްލާ ބުންޏެވެ. "ކީއްތިކުރަނީ؟"

"ކިހިނެއް ހީވަނީ؟" ހިތްހަމަނުޖެހިފައި ރާއިދު ބުންޏެވެ. "ގޮނޑު ސާފުކުރަނީ. ދިފްލާ ހިޔެއް ނުވޭ ގަބޫލުކުރާނެހެނެއް ވެސް. ނޭފަތަށް ކަފަޖަހައިގެން މިހިރީ. އަހަންނަށް ހީވަނީ ގޮދަޑިޔާ ބެޑްޝީޓު ވެސް ޖެހޭނީ އެއްލާލަންހެން. ތަތްމުޑުވަސް ވިއްޔަ ދުވަނީ. އެހެންނުވާނީ. ބަދިގެއަކީ މީ. މަގުމައްޗަކީ ވެސް މީ. ތަންމައްޗަކީ ވެސް މީ."

"ހާދަ ފޫހިވެފަޔޭ ތިހިރީ. ކޮބައިތަ ކުރިން ނަޖޫއަށް އޮތް ލޯބިތައް؟" ދިފްލާ އެހިއެވެ.

"ނޭނގެ އަހަންނަކަށް ވެސް،" ރާއިދު ބުންޏެވެ. "މިހާރު އޭނަ ފެނުނަސް ހަމަ ފޫހިވަނީ. ރުޅިގަދަވަނީ."

ނުނިމޭ