23 ފެބުރުއަރީ 2017 - 09:22

ބަންގްލަދޭޝްގައި ކުރިއަށްދާ ޝެއިހް ކަމާލް މުބާރާތުގެ ސެމީގެ ޖާގައެއް ޔަގީންކޮށްފައިވާ ޓީސީ ސްޕޯޓްސް ކްލަބްގެ އަމާޒަކީ މިއަދު ދެކުނު ކޮރެއާގެ ހަަތަރު ވަނަ ޑިވިޝަންގެ ޕޮޗެއޯން ސިޓިޒެން އެފްސީ އަތުން ވެސް މޮޅުވެ ގްރޫޕްގެ އެއް ވަނަ ހޯދުން ކަމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

ޓީސީ މި ވަގުތު ގްރޫޕްގެ އެއް ވަނައިގައި އޮތީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޕޮޗެއޯން އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ތިން ވަނައިގައި ބަންގްލަދޭޝްގެ ޕްރިމިއާ ލީގުގެ ޗެމްޕިއަން ޑާކާ އަބަހާނީ އޮތީ އެއް ޕޮއިންޓް ހޯދައިގެންނެވެ. އެންމެ ފުލުގައި އޮތް ކިރްގިސްތާންގެ އަލްގާ ބިޝްކެކް ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެ ކަޓައިފަ އެވެ.
މި ގްރޫޕުން ސެމީގެ އަނެއް ޖާގަ ހޯދުމަށް ޓީސީއާ ދެކޮޅަށް ކުޅޭ މެޗުން ޕޮޗެއޯން އަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. ޕޮޗެއޯން ބަލިވެއްޖެނަމަ އަލްގާ އަތުން މޮޅުގެން ޑާކާ އަބަހާނީ އަށް ސެމީ އަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.
މެޗުގެ ކުރިން ނިޒާމްބެ ވަނީ ސެމީގެ ޖާގައެއް ކަށަވަރުވެފައި އޮތް ނަމަވެސް މި މެޗު ފަސޭހަނުކުރާނެ ކަމަށް ބުނެފަ އެވެ.
"އަމާޒަކީ މި މެޗުން ވެސް މޮޅުވެ ސެމީން ނެގެން އޮތް އެޑްވާންޓޭޖެއް ނެގުން. ޕޮޗެއޯން އަކީ ޓެކްނިކަލީ ރަނގަޅު ޓީމެއް. އެކަމަކު ޓީސީ އަށް ނަތީޖާ ނެރެވޭނެ ވަރުގެ ޓީމެއް،" ނިޒާމްބެ ބުންޏެވެ.
މި މެޗަށް ނުކުންނައިރު ޓީސީގެ ދެ ކުޅުންތެރިޔަކަށް ވަނީ އަނިޔާގެ މައްސަލަ ދިމާވެފަ އެވެ. އެއީ މިދިޔަ ދެ މެޗުގައި ވެސް އެ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅުނު ކެޕްޓަން އަލީ ނާފިއު (ކަޅޭ) އާއި ޑިފެންޑަރު މުހައްމަދު އިންޝާދު އެވެ. މި ދެ ކުޅުންތެރިންނަށް ވެސް މި މެޗުގައި ނުކުޅެވޭއިރު، ފުރަތަމަ އެގާރަ އަށް އިތުރު ބަދަލުތަކެއް ގެންނަން ވަނީ ނިންމައިފަ އެވެ.
މި ގޮތުން މިއަދުގެ މެޗުގައި އެ ޓީމުގެ ފުރަތަމަ އެގާރައިން ތަޖުރިބާކާރު މިޑްފީލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ)، ޔާމިން (އިބްރާހިމް)، މުހައްމަދު އައްޒާމް އަދި ޒުވާން ކުޅުންތެރިޔާ އަހުމަދު އައިހަމް އަށް ފުރުސަތު ދިނުމަށް ވަނީ ނިންމައިފަ އެވެ.
މި މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުގައި ޓީސީގެ އެޓޭކް ލީޑުކުރާ ހަތަރު ކުޅުންތެރިން ކަމަށްވާ ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓާއި އިބްރާހިމް މަހުދީ (ކުދު އިއްބެ) އާއި ނާއިޒު ހަސަން (ދާދު) އަދި ކަޅޭގެ ކޮންބިނޭޝަން ވަރަށް ރަނގަޅުކަން ބަންގްލަދޭޝްގެ މީޑިއާ އިން ވެސް ވަނީ ފާހަގަކޮށްފަ އެވެ.
ނިޒާމްބެ ބުނީ ހަމައެކަނި އެ ހަތަރު ކުޅުންތެރިން ނޫން ކަމަށާއި މުޅި ޓީމުގެ ގުޅުން ވެސް ރަނގަޅު ކަމަަށެވެ.
"މި މެޗުން ފެންނާނެ ހަމައެކަނި މި ހަތަރު ކުޅުންތެރިންނެއް ނޫންކަން ތިބީ. އެ މަގާމަށް ދެން އަރާ ކުޅުންތެރިން ވެސް އެ ފެންވަރުގައި ކުޅޭތަން. ޓީމެއްގެ ގޮތުގައި ޓީސީ ވަރުގަދަ،" އޭނާ ބުންޏެވެ.
ޓީސީން ފާއިތުވި ދެ އަހަރު ވެސް ފެނުނު އެންމެ އުއްމީދީ އެއް ކުޅުންތެރިޔަކީ މިޑްފީލްޑަރު އިބްރާހިމް ވަހީދު (އިއްބެ) އެވެ. ޓީސީ ފުރަތަމަ ޑިވިޝަނުގައި އަލަށް 2015 ވަނަ އަހަރު ކުޅުނުއިރު އިއްބެ ފެނުނީ ގިނައިން ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އެހެން ނަމަވެސް މިދިޔަ އަހަރު ކުޅުން ރަނގަޅުކޮށް ގިނަ މެޗުތަކުގައި ޓީސީގެ ފުރަތަމަ އެގާރައިގައި އޭނާ ކުޅުނެވެ.
ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލަށް ޓީސީ ގެންގޮސް ދިނީ އިއްބެގެ ކެޕްޓަން ކަމުގަ އެވެ. ޔޫތު މުބާރާތުގައި މިޑްފީލްޑަރަކަށް ކުޅުނު ނަމަވެސް ސީނިއާ ޓީމުގައި އިއްބެ ފެނުނީ ފޯވާޑެއް ނޫނީ ވިންގެއްގެ ގޮތުގަ އެވެ. އެހެން ނަމަވެސް ޝެއިހް ކަމާލް ކަޕްގައި މިޑްފީލްޑަރެއްގެ މަގާމުގައި އިއްބެ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެންމެ ފަހުން އަލްގާއާ ދެކޮޅަށް ކުޅުނު މެޗުގައި ޓީސީގެ ފުރަތަމަ ލަނޑު ޖަހައިދިނީ އިއްބެ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އޭނާ އެވެ.
"އިއްބެ އަކީ އެޓޭކިންގެ ކޮންމެ މަގާމަކަށް ވެސް ވަރަށް މޮޅަށް ކުޅުންތެރިޔެއް. އޭނާގެ ކޮންފިޑެންސް ރަނގަޅުވަމުން އަންނަ ވަރަކަށް ތަފާތު ފެންނަމުން މިދަނީ. ވަރަށް އުފާވޭ ދުވަހަކަށް ފަހު ދުވަހެއް އޭނާގެ ކުޅުން ކުރިއަރަމުން އަންނަތަން ފެންނާތީ،" ނިޒާމްބެ ބުންޏެވެ.
ޕޮޗެއޯން އާއި ޓީސީ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު ރާއްޖެ ގަޑިން 3 ޖަހާއިރު އެވެ.