18 ޖޫން 2024 - 12:04

އީދުގެ އުފާފާޅުކުރަމުން އަންނަ މި ހަފުތާގެ ބުދަ ދުވަހުން ފެށިގެން ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ބުނެފި އެވެ.
އެ އޮފީހުން ބުނި ގޮތުގައި ރާއްޖޭގެ ބައެއް ރަށްތަކަށް މިއަދު ކެރީގެ އަސަރު ކުރާނެ އެވެ. އަދި މާދަމާ އާއި ބުރާސްފަތި އަދި ހުކުރު ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ގުގުރުމާ އެކު ވިއްސާރަކުރުން އެކަށީގެންވާ ކަމަށް ބުންޏެވެ.
މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި، ދެކުނުގެ އަތޮޅުތަކަށް އެ ދުވަސްތަކުގައި ކެރީގެ އަސަރު ފޯރާނެ އެވެ.
ކުރިއަށް އޮތް ފަސް ދުވަހު ވައި ޖެހޭނެ ކަމަށް ލަފާ ކުރެވެނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8-18 މޭލު ބާރުމިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު 35-40 މޭލަށެވެ. އެހެންކަމުން ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ އެވެ.
އަދި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާ ކުރެވެނީ 3-7 ފޫޓާއި ދެމެދުގައި ކަމަށް މެޓް އޮފީހުން ބުންޏެވެ.
މާދަމާ އިން ފެށިގެން މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާއިރު، އެ ދުވަސްތަކަކީ ގިނަ ބަޔަކު ދަތުރު ކުރާނެ ދުވަސްތަކެއް ކަމަށް ބެލެވެ އެވެ. ގިނަ ބަޔަކު ވަނީ އީދު ބަންދަށް ރާއްޖޭގެ އެކި ރަށްރަށަށް މާލެ އިން ދަތުރުކޮށްފަ އެވެ.
އީދު ބަންދަށް ފަހު ސަރުކާރާއި ސްކޫލްތައް ހުޅުވޭނީ އަންނަ އާދިއްތަ ދުވަހު އެވެ.