ޒައިދުލް އަމީން އަނެއްކާވެސް ފުލުހުންގެ ބަންދަށް ބަދަލުކޮށްފި
ޒައިދުލް އަމީން އަނެއްކާވެސް ފުލުހުންގެ ބަންދަށް ބަދަލުކޮށްފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ގޭ ބަންދުން އަނެއްކާވެސް ފުލުހުންގެ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މިއީ ޒައިދުގެ ބަންދުގެ މުއްދަތު އިތުރުކުރި ފަސް ވަނަ ފަހަރެވެ. ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫގައި ބެހެއްޓުމަށް ފަހު އޭނާ ގޭބަންދަށް ބަދަލުކުރީ މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅުގަ އެވެ.

ޒައިދުގެ ބަންދާ މެދު ގޮތެއް ނިންމަން، މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފުލުހުންގެ ބަންދުގައި 13 ދުވަހު ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.

ޕީޕީއެމް ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނަށް ނިސްބަތްވާ ޒައިދު މިދިޔަ ޖެނުއަރީ މަހު ހައްޔަރުކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ނުބުންޏަސް އެނގިފައިވާ ގޮތުގައި އޭނާ އަށް ކުރަނީ ފަނޑިޔާރަކު ބްލެކް މެއިލް ކުރުމުގެ ތުހުމަތެވެ.