18 ޖޫން 2024 - 11:26

ރާއްޖޭގެ ރިސޯޓެއްގައި ދެ ފަތުރުވެރިއަކު ގެނބެނިކޮށް ސަލާމަތް ކުރުމުން، ރެއާލް މެޑްރިޑްގެ ކުރީގެ ޒުވާން ކުޅުންތެރިޔާ ސާޖިއޯ އަރީބާސް، 22، އަށް ސަމާލުކަން ހުއްޓިއްޖެ އެވެ.
އޮފް ސީޒަނުގައި އަރީބާސް އާއި އޭނާގެ ދުވަސްވީ ލޯބިވެރިޔާ އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.
ސޯޝަލްމީޑީއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަގޮތުން ގެނބެމުން ދިޔަ ދެމީހުން، އަރީބާސް އަށް ފެނުނީ އޭނާގެ ވިލާގެ ޕްރައިވޭޓް ޕޫލުގައި ވަގުތު ހޭދަކުރަނިކޮށެވެ. އަދި ފެނުމާ އެކު އަރީބާސް އާއި އޭނާގެ ލޯބިވެރިޔާ ވެސް ވަނީ ޕޫލުގައި ހުރި ވޯޓާސްލައިޑާ އިން މޫދަށް ފައިބައި، ގެނބެމުން ދިޔަ ފަތުރުވެރިޔާ ސަލާމަތް ކުރުމުގައި ބައިވެރިވެފަ އެވެ.
މީގެ ދެ ދުވަސް ކުރިން އާއްމުވި މި ވީޑިއޯއާ އެކު، މި ވާހަކަ ސްޕެއިން އާއި ދުނިޔޭގެ އެކިއެކި މީޑީއާތަކުން ވަނީ ރިޕޯޓް ކޮށްފަ އެވެ.
އަރީބާސް އަކީ 11 އަހަރު ރެއާލް މެޑްރިޑްގައި ހޭދަކުރުމަށް ފަހު މިދިޔަ ސީޒަންގައި ޔޫޑީ އަލްމެއިރާ އަށް ބަދަލުވި މިޑްފީލްޑަރެކެވެ.
ރެއާލްގެ ބީ ޓީމުގައި އޭނާ ތަފާތު މޮޅު ކުޅުމެއް ދެއްކި އެވެ. ސީނިއާ ޓީމާ އެކު މިދިޔަ އަހަރު ކުޅުނު "ކްލަބް ވޯލްޑް ކަޕް 2022" ގައި ވެސް އޭނާ ވަނީ ކުޅުނު ހަމައެކަނި މެޗުގައި ގޯލު ޖަހައިފަ އެވެ. ނަމަވެސް ސީނިއާ ޓީމުގައި ލިބޭ ފުރުސަތު މަދުވުމުން، އޭނާ މިދިޔަ ސީޒަންގައި އަލްމެއިރާ އަށް ބަދަލުވީ ހަ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.
އަލްމެއިރާގައި އޭނާ ވަނީ މިދިޔަ ސީޒަންގައި ކުޅުނު 34 މެޗުން ނުވަ ގޯލު ޖަހައި ހަތަރު ގޯލު އެސިސްޓް ކޮށްދީފަ އެވެ. ނަމަވެސް އެވަރުން އެޓީމަށް ލަ ލީގާގައި އޮވެވޭވަރެއް ނުވި އެވެ.