17 ޖޫން 2024 - 10:37

މާލޭގައި ރޭ ސައިކަލްތަކެއްގައި ރޯކޮށްލާފައިވާ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށާއި މިހާތަނަށް ބެލި ބެލުމުން އެއީ އެކްސިޑެންޓަކުން ހިނގާފައިވާ ކަމެއް ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.

ހެންވޭރު މެހެލި ގޯޅި ނުވަތަ ކޮފީ ރެޒިޑެންސް ގޯޅި ތެރޭގައި ހުރި ސައިކަލްތަކެއްގައި ރޯވި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭ ދަންވަރު 12:34 ހާއިރު އެވެ. އެ ސަރަހައްދުގައި ހުރި ފަސް ސައިކަލެއްގައި ރޯވެ ވަރަށް ބޮޑަށް އަނދާފައިވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.
އެއީ ގަސްދުގައި ހިންގާފައިވާ ޖަރީމާއެއް ކަމަށް ބުނެ ވާހަކަ ދައްކަމުން ދިޔަ ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް އަހުމަދު ޝިފާން ވިދާޅުވީ، ސައިކަލްތަކުގައި ރޯކޮށާްލާފައި ވަނީ ގަސްދުގައި ކަމަށް ބެލެވޭ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. މިހާތަނަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު އެއީ އެކްސިޑެންޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ސައިކަލްތަކުގައި ރޯވި އަލިފާންގަނޑު ނިއްވާލީ ސިފައިންގެ ފަޔާ ފައިޓަރުންނެވެ. އެމްއެންޑީއެފުން ބުނީ އަލިފާންގަނޑު ނިއްވާލެވުނީ 12:42 ހާއިރު ކަމަށެވެ.
މާލޭގައި ރޭ ސައިކަލްތަކުގައި ރޯވީ އެކްސިޑެންޓަކުން ކަމަށް ފުލުހުން ބުންޏަސް ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ ކުރިމައްޗަށް އޮންނަ ޕާކިން ޒޯނު ނުވަތަ ގްރީ ޒޯން ސަރަހައްދުގައި ހުރި ސައިކަލްތަކެއްގައި މި މަހުގެ ތިން ވަނަ ދުވަހުގެ ރޭ ފަތިހު ރޯކޮށްލި އެވެ.
އެ މައްސަލައިގެ ތުހުމަތަށް އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، ތަހުގީގެ ބޭނުމަށް 30 ދުވަހަށް ބަންދު ކުރަން މި މަހުގެ ހަ ވަނަ ދުވަހު ކޯޓުން ވަނީ ހުއްދަ ދީފަ އެވެ.
އެ ފަހަރު ހަތް ސައިކަލަކާއި ވޭނަކަށް ގެއްލުން ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން ތިން ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަންދާލައިފައިވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.