16 ޖޫން 2024 - 18:28

ދަރުބާރުގޭ ކައިރީގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ތަހުގީގު ނިމެންދެން އެމީހުން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ފުލުހުން ބުނީ އެ ހަތަރު މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ތަހުގީގު ނިމެންދެން ބަންދުކުރުމަށް އަމަރުކޮށްފައިވާ ކަމަށެވެ.
އެ އެންމެނަކީ ވެސް ދިވެހިން ފިރިހެނުންނެވެ.
ފުލުހުން ކުރިން ބުނި ގޮތުގައި، ރޭ 10:30 ހާއިރު ދަރުބާރުގޭ ކައިރީގައި މާރާމާރީ ހިންގުމުގެ ސަބަބުން އަނިޔާވި މީހާ އަށް ސެނެހިޔާ ހޮސްޕިޓަލުގައި ފަރުވާދިން ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން ރޭ މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ. ދެން ތިބި ދެމީހުން ހައްޔަރުކުރީ އޭގެ ފަހުންނެވެ.
އެ މައްސަލަ ތަހުގީގުކުރާ ކަމަށް ބުންޏަސް އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. އެހެންވެ، މާރާމާރީ ހިންގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.