16 ޖޫން 2024 - 06:17

ފަލަސްތީނުގެ ޣައްޒާގައި ލާއިންސާނީ އަމަލުތައް ހިންގައި ވަރުގަދަ ހަމަލާތައް ދެމުން ގެންދާ އިޒްރޭލު ސިފައިންގެ އުޅަނދަކަށް އިއްޔެ ދިން ބޮމުގެ ހަމަލާއެއްގައި ސިފައިންގެ އަށް މީހަކު މަރުވެފައިވާ ކަމަށް އަސްކަރިއްޔާއިން ބުނެފި އެވެ.
މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހަމަލާތައް ފެށިފަހުން އިޒްރޭލު ސިފައިންނަށް ދިން އެންމެ ގެއްލުން ބޮޑު އެއް ހަމަލާ އެވެ.
އަސްކަރިއްޔާއިން ބުނީ މި ހަމަލާ ދިނީ ހަމާސްގެ ހަނގުރާމަވެރިންނާއި އިޒްރޭލު ސިފައިންނާ ދެމެދު ވަރުގަދައަށް ހަމަލާ ބަދަލުކުރަމުން ގެންދާ، ރަފަހްގެ ސިޓީގެ އެންމެ ދެކުނު ސަރަހައްދުގައި އޮންނަ ތާލް އަލް ސުލްތާން ސަރަހައްދުގައި ކަމަށެވެ.
އަސްކަރިއްޔާއިން ބުނީ މަގުމަތީ ބާއްވާފައި އޮތް ބޮމެއް ގޮއްވާލައިގެން ދިން ހަމަލާގައި އަސްކަރީ އުޅަނދު ތެރެއިން ވެސް ގޮވުމެއް ގޮވި ކަމަށް ބެލެވޭ ކަމަށާއި ހަމަލާގައި އެހާ ބޮޑު ގެއްލުމެއްވީ އެހެންވެ ކަމަށް ބެލެވޭ ކަމަށެވެ.
މީގެ ކުރިން ޖެނުއަރީ 22 ގައި، އާރްޕީޖީގެ ހަމަލާއެއްގައި އިޒްރޭލު ސިފައިންގެ 21 މީހަކު މަރުވި އެވެ. މި ހަމަލާ ދިނީ އިމާރާތެއްގެ ތެރޭގައި އިޒްރޭލު ސިފައިން ގޮވާތަކެތި ހަރުކުރަނިކޮށެވެ. ހަމަލަޔާއާ އެކު އިމާރާތް ގޮވައި އެންމެން މަރުވީ އެވެ.
މިދިޔަ އަހަރު އޮކްޓޫބަރު ހަތެއްގައި ހަމާސް އިން އިޒްރޭލަށް ހަމަލާދީ ހާހަކަށްވުރެ ގިނަ މީހުން މަރާލައި ބަޔަކު ރަހީނުކުރުމުން ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން މިހާތަނަށް ވަނީ ފަލަސްތީނުގެ 37،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފަ އެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނެވެ. -- އޭއެފްޕީ