ދައުލަތުގެ ވަކީލަކަށް އިންޒާރު ދިން ދެ މީހެއްގެ މައްސަލައެއް ބަލަނީ
ދައުލަތުގެ ވަކީލަކަށް އިންޒާރު ދިން ދެ މީހެއްގެ މައްސަލައެއް ބަލަނީ

ކޯޓު ރޫމެއްގެ ތެރޭގައި ދައުލަތުގެ ވަކީލަކަށް އިންޒާރު ދިން ދެ މީހެއްގެ މައްސަލައެއް ބަލަން ފަށައިފި އެވެ.

ކްރިމިނަލް ކޯޓުގައި ކޯޓު ރޫމެއްގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލަކަށް އިންޒާރު ދިނީ ފޭރުމުގެ މައްސަލައެއްގައި ދައުވާލިބޭ ދެ މީހުންނެވެ. އެ ވަކީލަށް އިންޒާރު ދިނީ އިންޒާރު ދިން ދެ މީހުންނަށް ދައުވާކުރާ މައްސަލައިގެ ޝަރީއަތުގެ މަޖިލިސް ނިންމުމަށް ފަހު މީހުން އެތަނުން ނިކުންނަނި ކޮށެވެ.

"ގާޒީ ނިކުންނަވަނިކޮށް އެހެން އެ މީހުން ބުނީ. ގާޒީއަށް ވެސް އަޑު އިވޭނެހެން ހީވަނީ. ކޯޓު އޮފިސަރުންނަށް ވެސް އަޑު އިވޭނެ އެހެން ބުނި އަޑު. ހޭއަރުވާލާނަމޭ. މަގުމަތިން ފެނިއްޖެއްޔާ ކިޔާފައި އެކަހަލަ އެއްޗެހިތަކެއް ބުނީ،" އިންޒާރު ލިބުނު ވަކީލް ވިދާޅުވި އެވެ.

އެ މައްސަލާގައި އިންޒާރު ދިން ދެ މީހުންނާ މެދު ކޯޓުން މިހާތަނަށް ފިޔަވަޅެއް އެޅިކަމެއް އެނގިފައެއް ނުވެ އެވެ. އެކަމަކު ކްރިމިނަލް ކޯޓުގެ ސަމާލު ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެކަން ގެނައުމުން ކޯޓުން އެކަން ބަލަމުންދާ ކަމަށް ވަނީ އެނގިފަ އެވެ.

ކޯޓު ތެރޭގައި ފަނޑިޔާރުންނާއި ކޯޓުގެ މުވައްޒަފުންނަށް ނުވަތަ ވަކީލުންނަށް އިންޒާރު ދިނުން ފަދަ ކަންކަމަށް ދައުވާ ކުރުމެއް ނެތި ވަގުތުން އަދަބު ދެވެ އެވެ. މީގެ ކުރިން ކޯޓު ތެރޭގައި ފަނޑިޔާރަށް އިންޒާރު ދީގެން މީހުން ޖަލަށް ލާން ހުކުމްކޮށްފައިވެ އެވެ.

ޖިނާއީ މައްސަަލަތަކުގައި ހިމެނޭ ދައުލަތުގެ ވަކީލުންނަށް އިންޒާރު ދީ އަދި ހަމަލާ ދިނުމުގެ އަމަލުތައް ދޭތެރެ ދޭތެރެއިން ހިންގަ އެވެ.