15 ޖޫން 2024 - 22:21

ގިނަ އަދަދެއްގެ ބިދޭސީންތަކެއް ފަހަތަށް އަރުވައިގެން ދުއްވި ދެ ޕިކަޕު ފުލުހުން ހިފަހައްޓައިފި އެވެ.

ކުޑަ ޕިކަޕެއްގެ ފަހަތަށް ގިނަ އަދަދެއްގެ ބިދޭސީ ލޭބަރުން އަރުވައިގެން މާލެ އާއި ހުޅުމާލެ ދެމެދު ދުއްވާ ވީޑިއޯތަކެއް މި ފަހުން ސޯޝަލް މީޑިއާގައި އާންމުވި އެވެ.
އެ މައްސަލަ އާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން އިއްޔެ ވިދާޅުވެފައި ވަނީ އެއީ ގަވައިދާ ހިލާފު ކަމެއް ކަމަށާއި ކުރިޔަށް އޮތް ތަނުގައި އިތުރަށް ސަމާލުވެ އެފަދަ ކަންކަން ހުއްޓުވާނެ ކަމަށެވެ.
ޝިފާން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެގޮތަށް ގިނަ އަދަދެއްގެ ބަޔަކު ފަހަތަށް އަރުވައިގެން ދުއްވި ދެ ޕިކަޕެއް ސިނަމާލެ ބްރިޖު މަތިން ހިފަހައްޓާފައިވާ ކަމަށެވެ.
އޭގެ ތެރެއިން އެއް އުޅަނދެއް އިމްޕައުންޑް ކޮށްފައިވާ އިރު ދެ ޑްރައިވަރުންގެ ލައިސެންސް ހިފަހައްޓާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން ފުލުހުން ބުނި ގޮތުގައި ގިނަ އަދަދެއްގެ މީހުން އަރުވައިގެން ދުއްވި މައްސަލަ ފުލުހަށް ރިޕޯޓު ކުރުމާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އޭގެ އިތުރުން ހައިވޭގައި ލައިސެންސް ނެތި އަދި ރަޖިސްޓްރީ ނުކުރާ އުޅަނދެއްގައި ވަގު ބޯޑު އަޅުވައިގެން ދުއްވި މައްސަލައެއް ވެސް މިއަދު ރިޕޯޓު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.