16 ޖޫން 2024 - 08:15

ބުދަ ދުވަހާ ގުޅޭ
"މަރުވާނީ." ޖައުފަރު ބުނެލިއެވެ.
ނަޖްވާން މަރާލާކަށް ފާއިޒާ ބޭނުމެއް ނޫނެވެ. އެކަމަކު ނަޖްވާން ފޯނުން ދެއްކި ވާހަކަތައް ފާއިޒާ އިރުއިރުކޮޅާ ހަނދާންވެއެވެ. ހޮސްޕިޓަލުގެ އެނދެއްގައި އޮވެ ފާއިޒާ މަރުވާންޖެހިދާނެކަމާއި، ރާއިދުގެ ފުރިހަމަ ކޮންޓުރޯލު އޮތީ ނަޖްވާންގެ އަތުގައިކަމެވެ. އެހެން ބުނި އިރު ނަޖްވާންގެ ރާގުގައި ހުރި ބޮޑާކަމެވެ. ނަޖްވާންގެ ފައިތިލަ ބިމުގައިޖައްސައި، ފެންވަރު ހަނދާންކޮށްދޭން ފާއިޒާ ބޭނުމެވެ.
"އެހެން ގޮތެއް ނެތްތަ؟" ފާއިޒާ އެހިއެވެ. "މި ބުނީ، އަހަރެންގެ ދަރިފުޅަށް އޭނަ އެ ކާންދިން އެއްޗެއްގެ ބާރުކަނޑުވައިލެވޭނެހޭ؟"
"ސިހުރަކީ މިޔާ ގުޅުންހުރި އެއްޗެއް،" ސިކުނޑިއަށް އިސާރަތްކޮށް، ބޮލުގައި އިނގިލި ޖައްސައިލަމުން ޖައުފަރު ބުންޏެވެ. "ލަކުޑިކޮޅެއް ނޫނީ މޭވާއެއް ކަހަލަ އެއްޗެއްގަ، ތާކުންތާކު ނުޖެހޭ ކުރެހުންތަކެއް ކުރަހާފަ، މީހަކަށް ފެންނަ ހިސާބުގަ ބާއްވަބަލަ! އެ ފެންނަ ހިސާބުން ވެސް މީހާއަށް ޝައްކުބަލިޖެހޭނެ. ކޮންމެހެން ސިހުރެއް ނެހެދިޔަސް ފުދޭ ފަހަރު ވެސް އަންނާނޭ މި ބުނަނީ. ދަރިފުޅަށް ތި ބުނާ މަންޖެ އެއްޗެއް ކާންދިންކަން ޔަގީނެއް ވެސް ނޫނެއްނު! މިސާލަކަށް އެއްޗެއް ކާންދިނީޔޯ! އެއީ އާރުލާ އެއްޗެއްކަމެއް ވެސް ނޭނގޭ! މައްސަލައަކީ އެ މަންޖެ ވަރިކުރަން ނުކެރުމެއްނު! ވާ ލޯތްބެއްގެ ބޮޑުކަމުން ވެސް އެހެން ވެދާނެ. ކިތަންމެ ފަހަރަކު އެހެން ދިމާވެފަ އެބަ ހުރި. ފުރަތަމަ ހިނގާ އެއީ މުޖައްރިބު ވާހަކައެއްތޯ ބަލަން. ނަސީމުގެ ފޯނަށް އަހަރެން ފޮނުވާލާނަން އެއްޗެއް. ދަރިފުޅަށް އިވޭ ގޮތަށް އޭތި ފޯނުން ޖަހާލާ!"
"އޭރުން ރާއިދަށް ކިހިނެއްވާނީ؟" ހާސްވެފައި ފާއިޒާއަށް ފުރަތަމަ ވެސް އެހުނީ އެހެންނެވެ.
"އޭނައަކަށް އަނެއްހެން މާ ބޮޑު ކަމެއް ނުވާނެ،" ވަރަށް ޔަގީންކަމާ އެކުގައި ޖައުފަރު ބުންޏެވެ. "ބޮލުގަރިއްސާލާފާނެ. ގައިކަހާފާނެ. ހިތްއަވަސްވެ، ދާހިތްލާ ކަހަލަ ގޮތްތަކެއް ވާނީ. އެއްވެސް ގޮތެއް ނުވެއްޖެއްޔާ އޭގެ މާނައަކީ، އެ މަންޖެ ކަލޭމެން ހެއްދީޔޭ! އަޅާނުލީމަ ނިމުނީ. އެކަމަކު، ބޭނުމިއްޔާ އެ މަންޖެ މަތިން ދަރިފުޅު ފޫހިކޮށްލެވިދާނެ. ދަރިފުޅު މަތިން އެ މަންޖެ ވެސް ފޫހިކޮށްލެވިދާނެ. އޭރުން ތި މުސީބާތް އައި ގޮތަކަށް ހިނގައިދާނެއްނު! ހާސްކަނޑާލާ!"
ކަނޑައިގެންދިޔަ އިނގިލީގައި ނަޖްވާން ބޭސްމަލަން އަޅައިދިނެވެ. އޭރު އިޝާނަމާދަށް ބަންގިގޮވަނީއެވެ. ނަޖްވާނާއި ރާއިދު ތިބީ އުނދޯލީގައެވެ. ރާއިދު އުޅުނީ ނަޖްވާންގެ ކެވެލިކޮޅެއްގެ މަހި ހެދޭތޯއެވެ.
"އަހަރެން އޭރު ވެސް ބުނީމެއްނު ހަދާ ތަނަކަށް ގެންދާށޭ!" ވަރަށް ލޯބިން ނަޖްވާން ބުންޏެވެ. "އެންމެ ނަރުކެނޑިއަކުން ތި ކަމެއް ނުވާނެ. ތިހެން އުޅެނިކޮށް އަނެއްކާ ވެސް އަތް ހަލާކުވާނީ."
އުނދޯލީގައި ތިބެގެން އެމީހުން ވާހަކަދައްކާ އަޑުއަހަން އިރުކޮޅަކު ކޮޓަރީގައި އިނދެފައި ފާއިޒާ ނުކުތެވެ. ނުކުތުމާއެކު ނަޖްވާން އުނދޯލިން ފައިބައިގެން ގޮސް ނަޖްވާންގެ ކޮޓަރިއަށް ވަނެވެ. އެ ދެމައިން އެއްތަނެއްގައި ތިބުމަކީ ދަތިކަމެކެވެ.
"މުސަޅު ހޮރުން ނުކުމެގެން އުޅޭ ދުވަހެއްތަ؟" ފާއިޒާ މަޑުމަޑުން ބުންޏެވެ. "އަހަންނަކީ ބާޒެއްތާ!"
ރާއިދު އެއްޗެއް ނުބުނެއެވެ. ފާއިޒާ އައިސް އުނދޯލީގައި އިށީނެވެ. ރާއިދު އަތުގައި އޮތް ކެވެލިކޮޅު ފާއިޒާއަށް ފެނުނީ، ދެމަފިރިންގެ ގުޅުން ބަދަހިވަމުން އަންނަކަމުގެ ރަމުޒެއް ގޮތުގައެވެ.
"ކޮން އިރަކުން ނަޖްވާން ވަރިކުރަނީ؟" ފާއިޒާ ސުވާލުކުރިއެވެ.
"އެބަ ވިސްނަން ތި ކަމާ!" މަންމައަށް ނުވެސް ބަލައި ރާއިދު ބުންޏެވެ. "އޮފީސް ދަތުރެއްގަ ރާއްޖެތެރެއަށް އެބަ ފުރަންޖެހޭ! ހިތަށްއަރަނީ ދަތުރު ނިންމާފައޭ އެ ކަމާ އުޅޭނީ. އެހެން ނޫނީ ކޯޓަށް ކިޔާ އިރު އަހަރެން ރަށުގަ ނޫޅެދާނެ. ނޫންތަ އަޅެ؟"
ރާއިދު ކުރި ސުވާލު ފާއިޒާއަކަށް ނީވެއެވެ. ފާއިޒާ އިނީ ފޯނާކުޅޭށެވެ. ރާއިދު އުނދޯލިން ފޭބިއެވެ.
"މަޑުކޮށްބަލަ!" ފާއިޒާ އެދުނެވެ. "މަންމަޔާ ވާހަކަދެއްކުން މަނާކުރީތަ؟"
"އުހުނ!" އަލުން އިށީންނަމުން ރާއިދު ބުންޏެވެ. "މަންމަ މާ ބިޒީހެން ހީވީމަ.. މަންމަގެ ބޭސްތައް ހުންނާނެ ނަގާފަ. ގަވައިދަކުން ބޭހެއް ނުކެވޭ ދޯ؟ ފާމަސީގަ އިންނަ ކުއްޖާ ބުނި ބޭހަށް ތިން މަހަށް ވުރެ ގިނަ ދުވަސް ވެއްޖޭ!"
"ކަމެއް ހަނދާންވާ ވަރެއްތަ؟" ކައިރީގައި ފޯނު ބާއްވަމުން ފާއިޒާ ބުންޏެވެ. "ހޮސްޕިޓަލުގެ އެނދެއްގަ އޮވެކަން ނޭނގެ މަންމަ މަރުވާނީ ވެސް."
"އެއީ ކޮން ވާހަކައެއް؟" ރާއިދު އެހިއެވެ.
އެ ވަގުތު، ގުރުއާން ކިޔަވާ އަޑު ފޯނުން އިވެން ފެށިއެވެ. އާދައިގެ ވަރަށް ވުރެ ތަންކޮޅެއް ބާރަށެވެ. ފާއިޒާއަކީ ފޯނުން އެ ގޮތަށް ގުރުއާން އަޑުއަހާ މީހެއް ނޫނެވެ. ރާއިދަށް އެ ކަން ވަރަށް އައިބެވެ. ފާއިޒާ ކަޅިޖަހައި ނުލައި ރާއިދަށް ބަލަހައްޓައިގެން އިނެވެ. އަސަރެއް ކުރޭތޯއެވެ. ރާއިދު އެ ކުރި މަސައްކަތެއް ކުރަމުން ބުރަކަށި ކަހައިލިއެވެ. ފާއިޒާގެ ދެލޯ ކުރިޔަށް ވުރެ ބޮޑުވިއެވެ. އެހެނަސް ދެނެއް ރާއިދުގެ ފަރާތަކުން އިތުރު ހަރަކާތެއް ނުފެނުނެވެ.
"ބޮލުގަރިއްސަނީތަ؟" ނީނދެވިގެން ފާއިޒާ އެހިއެވެ.
"އުހުނ!" ހަމަޖެހިލާފައި ރާއިދު ބުންޏެވެ. "މިހާރު މި ވަރަށް އުނދޯލި ހެއްލިޔަކަސް ބޮލަކުނުރިއްސާ! އެކަމަކު މާ ބާރުކޮށްފިއްޔާ އަހަރެން ޖެހޭނީ ފައިބަން."
"ހަމަ އެއްވެސް ވަރަކަށް ބޮލަކުނުރިއްސާ؟ ގައިކަހާ ކަހަލަ ގޮތެއް ވޭތަ؟" ފާއިޒާ ސުވާލުކުރިއެވެ.
"އެއީ ކީއްވެ ގައިކަހަންޖެހެނީ؟" ރާއިދު އެހިއެވެ.
"މެރީކޮށްގެން އުޅޭތީ!" ދިފްލާ ބުންޏެވެ. "ވައިފަކަށް ވީމަ ޖެހޭނެ ހަސްބަންޑްގެ ކަންތައް ކޮށްދޭން."
ނަޖްވާން ކޮޓަރިއަށް ވަންތަނާ ދިފްލާ ގުޅީއެވެ. ކަންތައް ވަމުންދިޔައީ ނަޖްވާން ހީކުރި ގޮތަކަށް ނޫނެވެ. ފާއިޒާ ހީކުރި ގޮތަކަށް ވެސް ނޫނެވެ. ނަޖްވާނާއި ރާއިދުގެ ކައިވެނީގެ މުއްދަތު އައީ ކުރުވަމުންނެވެ. ދިފްލާއަށް އެ ކަން އެނގެއެވެ.
"އެކަމަކު ރާއިދުގެ މަންމަ ހުރިހާ ކަމެއް ބަލަހައްޓައޭ!" ނަޖްވާން ބުންޏެވެ. "ސައިހަދާ، ކާންހަދާ އެ ހުރިހާ ކަމެއް ކުރަން މީހުން އެބަ ތިބި. ރޫމް ސާފުކޮށް، ލޯންޑްރީ ވެސް ނަގައިގެން ގެންދާނެ."
"އެ ޗާންސޭ ނުދޭންވީ،" ވިސްނައިދޭ ރާގަކަށް ދިފްލާ ބުންޏެވެ. "ފިރިމީހާގެ ހުރިހާ ކަމެއް ނަޖޫ ކުރަން ފަށާބަލަ! ޕްލީޒް!"
"އައްދެ!" ހައިރާންވެފައި ނަޖްވާން ބުންޏެވެ. "ތި ބުނާ ގޮތުން އެބަ ހީވޭ އަހަރެން ލައްވާ މަސައްކަތްކުރުވާށޭ މެރީކުރީ. މި ގެއަށް ގެނައީ ވެސް."
"މަސައްކަތްކުރުވާކަށް ނޫނޭ މެރީކުރަނީ،" ކެތްތެރިކަމާއެކު ދިފްލާ ބުންޏެވެ. "އެކަމަކު ފިރިމީހާ ކޭތޯ ބަލާލަބަލަ! އެ ވަރު ކޮށްލަބަލަ! ލާނެ ގަމީހެއް ހުރިތޯ ވެސް ކޮންމެވެސް ވަރަކަށް ޖެހޭނެ ބަލާލަން. އެހެން ނޫނީ އަހަންނަކަށް ހިޔެއްނުވޭ ތި ދެމީހުންނަކަށް އިނދެގެން އުޅެވޭނެހެނެއް. ދެން އަހަންނަށް ވުރެ މާ ބޮޑެތި މީހުން ތީ. އަސްލު މި ވާހަކަ ދައްކަން އެންމެ ރަނގަޅީ އަހަންނެއް ވެސް ނޫންކަން ނޭނގެ. ނަޖޫއަށް ޖެހޭނެ ވިސްނެން."
"ވިސްނާފައޭ މި ބުނަނީ،" ނަޖްވާން ބުންޏެވެ. "އަހަރެން ބޭރު ގެއަކަށް އައިސް، ހުރިހާ ކަމަކާ ބެހި، އެތައްމިތަނަށް ވަދެ، ފެންނަހާ ކަމަކަށް ގޮތްކިޔައެއް ނަހަދާނަން. ދިފްލާ ބުންޏަސް އަހަންނަކަށް ހަމަ އެ ކަމެއް ނުވާނެ. މި ގޭގަ އަބަދު ކިޔާ އަޑުއިވޭނެ، ތަންކޮޅެއް މުރާލި ކުއްޖެއް ގެނައި ނަމައޭ. މުރާލި ކުދިން ވެސް މާލޭގަ މަދެއް ނޫނޭ! އޯކޭ! އަހަރެން ވަރަށް ލޭޒީ. އެކަމަކު ލޭޒީވީމަ ދޯ ރާއިދު ލޯބިވީ؟"
"ތީ ހަމަ ޖައުފަރުބޭ ބުނި ގޮތް،" އިށީނދެގެންއިން އެނދުގެ ގޮދަޑީގައި ޖަހައިލަމުން ނަސީމު ބުންޏެވެ. "ތި ސިހުރަށް ދޭންވީ ނަމަކީ ލޯތްބޯ! އެނގޭ ނޫންހޯ އެއީ ކިހާ ކަނު އެއްޗެއްކަން. ޒާތަކަށް ކަނުވެފަޔޯ ރާއިދު އެހެރީ. އޭނަގެ ލޯ ހުޅުވައިދީގެން ނޫނީ އަނބިމީހާގެ އެއްވެސް އައިބެއް ނުފެންނާނޯ."
ދެމަފިރިން ކޮޓަރި ތެރޭގައި މަޝްވަރާކުރަންތިބި އިރު، ދެ މީހުންގެ މެދުގައި، ފަތްޖަހާލައިފައިވާ ކަރުދާސްކޮޅެއް އޮތެވެ. ފާއިޒާ ކަރުދާސްކޮޅަށް ބަލައިލިއެވެ. ޖޫސްތަށްޓެއްގެ ތެރެއަށް އެ ކަރުދާސްކޮޅު ކޮއްޕައިލާފައި ނެގީމައި ނިމުނީއެވެ.
"އެންމެ ސައިތަށްޓެއް ނޫނީ ޖޫސްތަށްޓެއް ބޯންދޭން މި ޖެހެނީ،" ނަސީމު ބުންޏެވެ. "ދަރިފުޅުގެ މުސްތަގުބަލަށްޓަކާ މި ކަހަލަ ކަންކަން ކުރަންޖެހޭ ފަހަރު ވެސް އަންނާނެ."
"އެކަމަކު މި ކަހަލަ އެއްޗެހި އަބަދަކަށް ދެމިއެއް ނޯންނާނެއްނު!" ފާއިޒާ ބުންޏެވެ. "އަބަދު އާކުރަން ޖެހޭނީ."
"ތިހެން ވެސް ޖައުފަރުބޭ ބުނި،" ނަސީމު އެއްބަސްވިއެވެ. "ދެން ފާއިޒާ ގޮތެއް ނިންމާ!"
ދެމަފިރިންގެ ދެމެދަށް ވަންނާކަށް ފާއިޒާ ބޭނުމެއް ނޫނެވެ. ދަރިފުޅަށް ފަންޑިތައެއްހަދަން އަމުދުން ބޭނުމެއް ނޫނެވެ. އެހެނަސް އެހެން ގޮތެއް ކޮބައިހެއްޔެވެ؟ ރާއިދަށް ވިސްނައިދެވިއްޖެއެވެ. ވަގުތުދެވިއްޖެއެވެ. އަސަރެއް ނުކުރިއެވެ.
ރާއިދު ވެސް ވިސްނަންއޮތީ އެ ކަމާއެވެ. ވެއްޓިފައިވާ ވަޅުގަނޑުން އަރަން ރާއިދު ބޭނުމެވެ. އަނބިމީހާއާއި މައިންބަފައިންނާ ހަތަރުކަޅި ހަމަނުކުރެވޭ ނަމަ ހަމަޖެހުމުގެ ނޭވައެއްލާނެ ގޮތެއް ރާއިދަކަށް ނޭނގެއެވެ. ނަސީމާއި ނަޖްވާން ވެސް، ހަމަ އެ ކަމާ ވިސްނިއެވެ. ގޭގެ އެކި ތަނުގައި ތިއްބަސް، އެންމެން ވެސް ވިސްނީ އެއް ކަމަކަށެވެ. މެންދުރު ވަގުތު، އެކަނިމާއެކަނި ކާން އިން ރާއިދުގެ ކެއުން މެދަކާ ހަމައަށްދިޔަ ވަގުތު، ޖޫސްތަށްޓެއް ކައިރީގައި ބެހެއްޓި ތަން ފެނުނެވެ. ރާއިދު ބަލައިލި އިރު ކައިރީގައިހުރީ މަންމައެވެ. ތަންކޮޅެއް ނުތަނަވަސްވެފައެވެ.
"ތީ ކޯޗެއް؟" ރާއިދު ސުވާލުކުރިއެވެ.
ރާއިދު އެ ސުވާލުކުރީ ސަބަބެއް ނެތިއެއް ނޫނެވެ. މަންމަ އެ ގޮތަށް ޖޫސްތަށްޓެއް ގެނެސްދިނުމަކީ، އެއިން ޒަމާނެއްގައި ވެސް ވީ ކަމެއް ނޫނެވެ.
"މިއަދު ވަދެވުނު ފިހާރަޔަކުން ފެނުނު ޖޫހެއް،" ކައިރީގައިހުރި ގޮނޑީގައި އިށީންނަމުން ފާއިޒާ ބުންޏެވެ. "ހިތަށްއެރީ ދަރިފުޅަށް ވަރަށް މީރުވެދާނޭ. ރަހަބަލާލަބަލަ!"
ދިފްލާ ސައިފޮދެއްބޮއިލިއެވެ. ބޭނުންވާ ވަރަށް ކިރު ރަހަ ނުލުމުން އަނެއްކާ ވެސް ކިރު ސަމުސަލެއް އެޅިއެވެ. ހަވީރުގެ ވަގުތެވެ. ފޯނުން އެއްޗެއް ބަލަމުން އަނެއްކާ ވެސް ސައިތަށީގައި ތުންޖަހަނިކޮށް ނަޖްވާންގެ މަންމަ ވަންތަން ފެނުނެވެ. ނާސިހާ އައީ ދުވެފައި ކަހަލަ ގޮތަކަށެވެ. އައި ގޮތުން ވެސް ކޮންމެވެސް ގޯހެއް ހިނގައިފިހެން ދިފްލާއަށް ހީވިއެވެ.
"މައުސޫމާ މައުސޫމާ!" ރޮވިފައިވާ އަޑަކުން ނާސިހާ ގޮވައިލިއެވެ.
"އޯއިއޯއި!" ކޮޓަރިތެރެއިން ޖަވާބުދެމުން މައުސޫމާ ނުކުމެފައި އެހިއެވެ. "ކިހިނެއްވީ؟"
"ރާއިދު މަގޭ ދަރި ގެއަށް ފޮނުވައިލައިފި!" ނާސިހާ ބުނި އަޑުއިވުނެވެ.