22 ފެބުރުއަރީ 2017 - 17:41

ހުުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ "ފިޔަވަތީ"ގެ ހަތަރު މުވައްޒަފެއްގެ މުސާރަ އުރީދު އާއި އެސްޓީއޯ އިން ސްޕޮންސާކޮށްދީފި އެވެ.
އެ ސްޕޮންސާގެ އެއްބަސްވުމުގައި ޖެންޑާ މިނިސްްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަތާއުﷲ އަހުމަދު ރަޝީދާއި އުރީދޫގެ ފަރާތުން އެ ކުންފުނީގެ ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒު އަދި އެސްޓީއޯގެ ޖެނެރަލް މެނޭޖަރު މުސްލިހް މަސީހް ވަނީ މިއަދު ސޮއިކުރައްވައިފަ އެވެ.
މިނިސްޓްރީން ބުނީ އެ ދެ ކުންފުނިން ސްޕޮންސާކޮށްދިނީ ދެ ޓީޗަރަކާއި ދެ ކެއާ ވޯކަރުންގެ އެއް އަހަރުގެ މުސާރަ ކަމަށެވެ.
ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންނަކީ އެކި އަނިޔާ ތަހައްމަލުކޮށްފައިވާ ކުދިންނަށް ވުމުން، އެ ކުދިންގެ އަސާސީ ބޭނުންތައް ފުރިހަމަކޮށްދިނުމުގެ އިތުރުން ތަފާތު ދާއިރާތަކުން އެ ކުދިންނަށް އެހީތެރިކަންް ބޭނުންވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ އެ ކުދިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް، ޕާޓްނަޝިޕް އުސޫލުން ޖަމިއްޔާތަކާއި ކުންފުނިތަކާ ގުޅިގެން މިނިސްޓްރީން ތަފާތު ހަރަކާތްތައް ކުރިއަށްގެންދަން ގަސްތުކުރާ ކަމަށެވެ.