ޓާޒިކް ޑޯޓްމެންޑުގެ ދޫކޮށްލުމުން ކުރީގެ ކުޅުންތެރިޔާ ނޫރީ ސަހީނަށް ކޯޗުކަން ދީފި
ޓާޒިކް ޑޯޓްމެންޑުގެ ދޫކޮށްލުމުން ކުރީގެ ކުޅުންތެރިޔާ ނޫރީ ސަހީނަށް ކޯޗުކަން ދީފި

ޑޯޓްމެންޑް (ޖޫން 15) - ސީޒަންގެ ޗެމްޕިއަންސް ލީގު ފައިނަލުން ބަލިވުމާ ގުޅިގެން ބޮރޫޝިއާ ޑޯޓްމަންޑްގެ ކޯޗުގެ މަގާމުގައި ހުރި އެޑިން ޓާޒިކް މަގާމު ދޫކޮށްލުމުން، އެޓީމުގެ ކުރީގެ ކުޅުންތެރިޔާ ނޫރީ ސަހީން އެ މަގާމަށް ހަމަޖައްސައިފި އެވެ.

ޓާޒިކް އެދިގެން އޭނާގެ ކޮންޓްރެކްޓް އުވާލިކަން ޑޯޓްމެންޑުން އިއުލާން ކުރީ ބުރާސްފަތި ދުވަހު އެވެ. އަދި ތިން އަހަރުދުވަހުގެ މުއްދަތަކަށް ސަހީން، އެޓީމުގެ ކޯޗަކަށް ހަމަޖެއްސާފައި ވާކަން ހާމަކޮށް ޑޯޓްމެންޑުން ވަނީ އިއްޔެ ބަޔާނެއް ނެރެފަ އެވެ.

އުމުރުން 35 އަހަރުގެ ސަހީން އަކީ ޑޯޓްމެންޑްގެ އެކަޑަމީން ތަމްރީނުވި ތުރުކީ މިޑްފީލްޑަރެކެވެ. ލިވަޕޫލާއި ރެއާލް މެޑްރިޑަށް ވެސް ކުޅުނު ސަހީން ވަނީ ޑޯޓްމެންޑަށް މުޅި އެކު 274 މެޗު ކުޅެދީފަ އެވެ.

ޑޯޓްމެންޑުގައި ސަހީން ވަނީ 2010/2011 ގެ ޖަރުމަން ލީގާއި 2016/2017 ގެ ޖަރުމަން ކަޕް ކާމިޔާބު ކޮށްފަ އެވެ. އަދި އޭނާ އަކީ 2013 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލް ކުޅުނު ޑޯޓްމެންޑް ޓީމުގެވެސް ކުޅުންތެރިއެކެވެ.

ސަހީން ކުޅުން ހުއްޓާލީ 2021 ވަނަ އަހަރު، ތުރުކީގެ އަންޓަލިޔަސްޕޯއަށް ކުޅެނިކޮށް އެޓީމުގެ ކޯޗު ވަކިކުރުމުން، ޓީމުގެ ޕްލޭޔާ ކޯޗަކަށް ވެސް ހުރުމަށް ފަހު އެވެ. އޭނާ ވަނީ މިއަހަރުގެ ޖެނުއަރީ މަހު، އެ ޓީމު ދޫކޮށްލުމަށް ފަހު ޓާޒިކްގެ އެސިސްޓެންޓެއްގެ ގޮތުގައި ޑޯޓްމެންޑްގެ ކޯޗިން ޓީމާ ގުޅިފަ އެވެ.

ޑޯޓްމެންޑަށް ކުޅެމުން 2015 ވަނަ އަހަރު ސަހީން ވަނީ ޖަރުމަންގެ ފަސްވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ މެއިނާޒަގެން އަށް ކޯޗު ކޮށްދީފަ އެވެ. އެއީ ޑޯޓްމެންޑްގެ އެކަޑަމީ އަށް ބަދަލުވުމުގެ ކުރިން އޭނާ ތަމްރީނުވި ކްލަބެވެ.

ނިމިދިޔަ ސީޒަނަށް ފަހު ޑޯޓްމެންޑްގެ ކެޕްޓަން މާކޯ ރޮއިސް ،35، ވަނީ ޓީމު ދޫކޮށްލައިފަ އެވެ. އެއަށް ފަހު އެޓީމުގެ ޑިފެންޑަރު މެޓްސް ހުމެލްސް، 35، ވެސް ވަނީ އިއްޔެ ޓީމު ދޫކޮށްލިކަން އިއުލާން ކޮށްފަ އެވެ.