13 ޖޫން 2024 - 15:42

ހޮނިހިރު ދުވަހު ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތަށް ހާއްސަކޮށް ދިރާގުން ފަށާ "ފުޓުބޯޅަ އީދު" ކެމްޕެއިން ލޯންޗުކޮށްފި އެވެ.

މި ކެމްޕެއިން ލޯންޗުކުރުމަށް ދިރާގު ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ މެނޭޖަރު މާކެޓިން ކޮމިއުނިކޭޝަންސް، ހަސަން ޝާރިހު އާދަމް ވިދާޅުވީ ޔޫރޯއަށް ކަސްޓަމަރުންނަށް ހާއްސަ އޮފާތައް ގެނެސްދިނުމުގައި އިސްކަން ދިނީ ފަސޭހައިން މެޗުތައް ބެލޭނެ ގޮތް ފަހިކޮށްދިނުމަށް ކަމަށެވެ. އެގޮތުން ކަސްޓަމަރުންނަށް ސޮނީ ލިވްއާ ޕާޓްނާވެ ރަނގަޅު އޮފާތަކެއް ގެނެސްދިނުމަށް މަސައްކަތް ކުރި ކަމަށް ޝާރިހު ވިދާޅުވި އެވެ.
މި ކެމްޕެއިންގެ ދަށުން ޔޫރޯގެ އޮފިޝަލް ސްޓްރީމިން ޕާޓްނަރު ސޮނީ ލިވް މެދުވެރިކޮށް މެޗުތައް ސްޓްރީމްކުރުމަށް ތައާރަފްކުރި އޮފާ އަކީ 80ރ. އަށް ސޮނީ ލިވްގެ ޕްރިމިއަމް ސަބްސްކްރިޕްޝަނާއި 80 ޖީބީގެ ޑޭޓާ ލިބޭ އޮފާ އަކާއި 60ރ. އަށް ސަބްސްކްރިޕްޝަން އެކަނި ލިބޭ އޮފާ އެކެވެ.
ސޮނީ ލިވްގެ ސަބްސްކްރިޕްޝަނަކީ އެއް މަސް ދުވަހުގެ މުއްދަތަށް ލިބޭ ސަބްސްކްރިޕްޝަނެކެވެ. ސޮނީ ލިވްގެ ޕްރިމިއަމް ސަބްސްކްރިޕްޝަނާ އެކު ފޯނުގެ އިތުރުން ޓީވީ، އައިޕެޑް ފަދަ އިތުރު އެއް ޑިވައިސްއިން ސޮނީ ލިވްއިން ސްޓްރީމް ކުރެވޭނެ އެވެ.
ޝާރިހު ވިދާޅުވީ އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށް ޔޫރޯ ފުޓުބޯޅަ އީދުގެ އޮފާތައް ދިނުމުގެ ގޮތުން ދިރާގަށް މި މަހާއި އަންނަ މަހު އަލަށް ގުޅޭ ދިރާގު ޕްރީޕެއިޑް ޕްލޭން ނަގާ ކަސްޓަމަރުންނަށް 30 ދުވަހުގެ ހިލޭ ސޮނީ ލިވް ޕެކް ލިބޭނެ ކަމަށެވެ. އަދި އަލަށް ޕޯސްޓްޕެއިޑް ޕްލޭންތައް ނަގާ ހުރިހާ ކަސްޓަމަރުންނަށް ކަނެކްޝަން ނަގާ މަހާއި ޖެހިގެން އަންނަ މަހުގައި ހިލޭ ސޮނީ ލިވް ޕެކް ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ މެނޭޖަރު ކަސްޓަމާ ވެލިއު މެނޭޖްމަންޓް އައިޝަތު އިޝާނާ ވިދާޅުވީ މެޗުގެ ވަގުތަކީ މެޗުގެ އަޕްޑޭޓުތައް ސޯޝަލް މީޑިއާގައި ޕޯސްޓުކޮށް ޑޭޓާގެ ބޮޑު ހަރަދެއް ދާ ވަގުތަކަވުމުން އެ ވަގުތަށް ހާއްސަކޮށް "މެޗް ޕާސް"ގެ ނަމުގައި އޮފާއެއް ހިމެނޭ ކަމަށެވެ. މި އޮފާގެ ދަށުން މެޗު ކުރިއަށް ދާ ވަގުތު 30ރ. އަށް 30 ޖީބީ ޑޭޓާ ލިބޭނެ އެވެ. މިއީ ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލާ އޮފާއެކެވެ.
މި ބައްދަލުވުމުގައި ޝާރިހު ވިދާޅުވީ ފީފާ ވޯލްޑްކަޕްގައި ތައާރަފްކުރި "ޖެހީ ލިބުނީ"ޕްރޮމޯޝަން މި ޓޯނަމަންޓުގައި ވެސް ކުރިއަށް ގެންދިއުމަށް ގިނަ ރިކުއެސްޓުތަކެއް ލިބިފައިވުމުން އެ ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ މޮބައިލް އެޕް މެދުވެރިކޮށް ސަޕޯޓުކުރާ ޓީމް ސިލެކްޓު ކޮށްގެންނެވެ. މި ޕްރޮމޯޝަނުގައި ސަޕޯޓުކުރާ ކަމަށް ކަނޑައެޅި ޓީމު ގޯލު ޖެހުމުން 5 ގޯލާ ހަމައަށް އެއް ދުވަހަށް ބޭނުން ކުރެވޭ އެއް ޖީބީގެ ޑޭޓާ ލިބޭނެ އެވެ.
ޝާރިހު ވިދާޅިވީ މި ޕްރޮމޯޝަނުގައި ބޭނުންވާ ޓީމެއް ސިލެކްޓުކުރުމަށް ފަހު ބަދަލެއް ނުކުރެވޭނެ ކަމަށެވެ. އަދި މާދަމާއިން ފެށިގެން ދިރަގު އެޕް މެދުވެރިކޮށް ހުރިހާ އޮފާތަކެއް ލިބެން ހުންނާނެ ކަމަށް ޝާރިހު ވިދާޅުވި އެވެ.
މިއަދު އޮތް ބައްދަލުވުމުގައި ކުރިއަށް އޮތް އީދުގެ ހާއްސަ އޮފާތަކެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ:
- އަޕްގްރޭޑަޑް 100ޖީބީ ޑޭޓާ ޕެކް: މިއީ އީދުގެ މުއްދަތު ތެރޭގައި ޕްރީޕެއިޑް ކަސްޓަމަރުންނަށް 100ޖީބީގެ 7 ދުވަސް ޕެކާ އެކު އިތުރު 50ޖީބީ ލިބޭ ޕެކެކެވެ. މި ޕެކުން ޖުމްލަ 150ޖީބީ އިތުރު އެއްވެސް އަގަކާ ނުލައި ލިބޭނެއެވެ. މިއީ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އޮފާ އެކެވެ.
- ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ޑޭޓާ ބޫސްޓާ: ދިރާގު ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު އަގަކާ ނުލައި ވަކި ބޫސްޓާތަކާ އެކު އިތުރު ޑޭޓާ ލިބޭނެ އެވެ. މި އޮފާ އަކީ މި މަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ އޮފާ އެކެވެ.