13 ޖޫން 2024 - 14:18

ރާއްޖެ އިން މީހުން އުމްރާ އަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކުގެ ލިސްޓު މިއަދު އާންމުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު އާންމުކުރި ލިސްޓުގައި 58 ކުންފުންޏެއް ހިމެނެ އެވެ.
އެ ލިސްޓުގައި ހިމެނެނީ އޮގަސްޓް 2022 އާއި މިދިޔަ އަހަރުގެ މެއި މަހާއި ސެޕްޓެމްބަރު މަސް އަދި މި އަހަރުގެ މެއި މަހު އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ ދޫކޮށްފައިވާ ކުންފުނިތަކެވެ.
އުމްރާ އަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކުގެ ލިސްޓު މި އާންމުކުރީ ބައެއް ކުންފުނިތަކުން ހުއްދަ ނެތި މީހުން އުމްރާ އަށް ގެންގޮސް ހާލުގައި ޖައްސާ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ.
މަޝްއަރު ޓުއާސް ކިޔާ އެޖެންސީއަކުން މިދިޔަ ރޯދަމަހު ބަޔަކު އުމްރާ އަށް ގެންގޮސް ހާލުގައި ޖެއްސި މައްސަލަ ބޮޑުވި އެވެ. އެއީ ކުރިން އުމްރާ ގްރޫޕެއް ހިންގި ބައެކެވެ. ނަމަވެސް، އޭގެ ކުރީ އަހަރު ރޯދަމަހު ވެސް އެ މީހުން އުމްރާ އަށް ގެންދިޔަ ބަޔަކު ހާލުގައި ޖެއްސުމުން މިނިސްޓްރީން އެ މީހުންގެ ހުއްދަ އޮތީ ބާތިލުކޮށްފަ އެވެ. ހުއްދަ ބާތިލުކޮށްފައި ވަނިކޮށް މިދިޔަ ރޯދަމަހު އެ މީހުން ބަޔަކު އުމްރާ އަށް ގެންދިޔައީ ޓުއާ އެޖެންސީއެއް ހަދައިގެންނެވެ.
އެ އެޖެންސީން ވަނީ އުމްރާވެރިންގެ އަތުން ދެކޮޅު ޓިކެޓަށް ވާ ފަައިސާ ނެގުމަށް ފަހު، ރިޓާން ޓިކެޓަށް ވާ ފައިސާ ނުދައްކާ ހިފަހައްޓައިފަ އެވެ. އެހެންވެ، އެ އެޖެންސީގެ ހަވާލުގައި އުމްރާ އަށް ދިޔަ މީހުންނަށް މާލެ ނާދެވި، ގިނަ ދުވަސްތަކެއް ވަންދެން މައްކާގައި ތާށިވި އެވެ. ނަމަވެސް ފަހުން އެ އެޖެންސީ ފައިސާ ދައްކައިގެން އެންމެން މާލެ ގެނަ އެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މަޝްއަރު އެޖެންސީގެ މައްސަލަ ޕޮލިހަށް ވެސް ހުށަހަޅައިފަ އެވެ.
އުމްރާ އަށް ދިއުމުގެ ކުރިން، އުމްރާ އަށް ދަނީ ހުއްދަ އޮންނަ ގްރޫޕެއްގެ ފަރާތުންތޯ ކަށަވަރުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.