13 ޖޫން 2024 - 14:39

ވިލާ ކޮލެޖުން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ އިންޓޭކަށް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ސެޕްޓެމްބަރު އިންޓޭކަށް މިއަދުން ފެށިގެން އޮގަސްޓު މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ހުށަހެޅޭނެ އެވެ. އެޕްލިކޭޝަން ފޯމު ކޮލެޖުގެ ވެބްސައިޓާއި ކޮލެޖު ކެމްޕަސްތަކުން ވެސް ލިބޭނެ އެވެ. އަދި އޮންލައިންކޮށް ވެސް ހުށަހެޅޭނެ އެވެ.
ވިލާ ކޮލެޖުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވައިސް ރެކްޓަރު ޑރ. އަލީ ނަޖީބު ވިދާޅުވީ، ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކާއި ޔޫކޭގެ ޔުނިވާސިޓީ އޮފް ވެސްޓް އިންގްލެންޑުގެ ޕްރޮގްރާމްތަކާއި މެލޭޝިއާގެ ޓޭލާސް ޔުނިވާސިޓީގެ ޕްރޮގްރާމްތައް ހިމެނޭ ކަމަށެވެ. އަދި މި އިންޓޭކުގައި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)ގެ ގައުމީ ސެޓްފިކެޓް ކޯސްތައް ވެސް ހިމެނޭކަން ފާހަގަކުރެއްވި އެވެ.
ޑރ. ނަޖީބު ވިދާޅުވި ގޮތުގައި އެ ކޮލެޖުން އަމިއްލަ އަށް ހިންގާ ކޯސްތަކާއި އެކި ޔުނިވާސިޓީތަކާއި ގުޅިގެން ހިންގާ ޕްރޮގުރާމުތަކަކީ އެ ޕްރޮގުރާމުތަކަށް ބޭނުންވާ އަމަލީ ތަޖުރިބާތައް ލިބޭނެ މަގުފަހިކޮށް، އިންޓަނޭޝަނަލް ސްޓެންޑާޑުގައި ހިންގާ ކޯސްތަކެކެވެ. އަދި އެ ކޮލެޖުގެ ގިނަ ކޯސްތަކަކީ އޮންލައިންކޮށް ވެސް ބައިވެރިވެ ކިޔެވޭނެ ކޯސްތަކެއްކަން ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ކޮލެޖުގައި ކޯސްތަކަށް ބޭނުންވާ އެކި ފެސިލިޓީތައް ހުންނާނެ. މި ފެސިލިޓީތަކަކީ ބައިނަލްއަގުވާމީ ފެންވަރުތަކަށް ފެތޭ ފެސިލިޓީތައް. އަދި އަޅުގަނޑުމެން ދޭ ތައުލީމަކީ އެންމެ ފެންވަރު ރަނގަޅު ގޮތުގައި ދެވޭ ތައުލީމުކަން ޔަގީންކުރުމުގެ ގޮތުން އަޅުގަނޑުމެން ގިނަ މަސައްކަތްތައް ކުރަން." އޭނާ ވިދާޅުވި އެވެ.
ވިލާ ކޮލެޖުގެ މާކެޓިން އެންޑް ކޮމިޔުނިކޭޝަންސްގެ ޑިރެކްޓާ ނިޒްނާ އަލީ ދީދީ ވިދާޅުވީ އެ ކޮލެޖުގެ ފައުންޑޭޝަން ލެވަލްގެ ކޯސްތައް ވެސް ކުރިއަށް ދާނެ ކަމަށެވެ. އަދި ޑިގްރީ ލެވަލްގެ ކޯސްތަކަކީ 6 ގެ ފަހުން ކުރިއަށް ގެންދާ ކޯސްތަކެއް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކޯސްތަކުގައި ބައިވެރިވާ ގިނަ ދަރިވަރުންނަކީ ވަޒީފާ އަދާކުރާ ދަރިވަރުންނަށްވުމުން، އެ ދަރިވަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ޑިގްރީ ޕްރޮގުރާމުތައް ކުރިއަށް ދާނީ 6ގެ ފަހުން. އަދި މާސްޓާސް ކޯސްތަކުގެ ގިނަ ކްލާސްތައް އޮންނާނީ ހަފްތާ ބަންދުގައި." ނިޒްނާ ވިދާޅުވި އެވެ.
ވިލާ ކޮލެޖުން ފުރުސަތު ހުޅުވާލި ކޯސްތަކުގެ ތެރޭގައި ހިމެނެނީ:
- އިންފޮމޭޝަން ޓެކްނޮލޮޖީ.
- ކޮމްޕިއުޓާ ސައިންސް.
- ޓީޗިން، އެޑިއުކޭޝަން.
- ޝަރީއާ، ލޯ.
- ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީގެ ކޯސްތައް.
- ބިޒްނަސް މެނޭޖްމަންޓް.
- އޭވިއޭޝަން މެނޭޖްމެންޓް.
- އިންޓަނޭޝަނަލް ބިޒްނަސް.
- އިކޮނޮމިކްސް
- އެކައުންޓިން އެންޑް ފައިނޭންސް.
- ބޭންކިން އެންޑް ފައިނޭންސް، މާކެޓިން.
- ހިއުމަން ރިސޯސް އަދި އިންޖިނިއަރިންގެ ކޯސްތައް.
މީގެއިތުރުން ރިސާޗް އާއި ނާސިން އާއި ސައިކޮލޮޖީ އާއި ޕަބްލިކް ހެލްތު އަދި އިންޓީރިއަ އާކިޓެކްޗާ އެންޑް ޑިޒައިން އާއި ހެލްތު ސާވިސަސް މެނޭޖްމަންޓާއި ޕްރޮޖެކް މެނޭޖްމަންޓާއި ހޮސްޕިޓަލިޓީ މެނޭޖްމަންޓާއި މާސް ކޮމިއުނިކޭޝަން އަދި ކަލިނަރީ އާރްޓްސްގެ ކޯސްތައް ވެސް ހިމެނެ އެވެ. އަދި އެކައުންޓިންގެ އާ މާސްޓާސް ކޯސްތަކާއި އެޑިއުކޭޝަން މެނޭޖުމަންޓާއި ރިސާޗް ސްޓަޑީޒްގެ ކޯސް ހިމެނެ އެވެ.
މި ފަހަރުގެ އިންޓޭކަށް ވިލާ ކޮލެޖުގެ އަމިއްލަ ކަލިނަރީ އާސްޓްގެ ސެޓްފިކެޓުގެ ތިނެއްގެ ކޯހަކާއި ނެޝަނަލް ސެޓްފިކެޓު ލެވަލް 3 އަދި 4ގެ ކޯސްތަކަށް ވެސް ފުރަތަމަ ފަހަރަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.
އެ ކޮލެޖުން ފުރުސަތު އޮތް ކޯސްތަކާއި ކޯސްތަކުގެ ތަފްސީލު ކޮލެޖުގެ ވެބްސައިޓުން ވެސް ލިބޭނެ އެވެ.