13 ޖޫން 2024 - 11:51

ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވާން ދައުލަތުގެ މީޑިއާ، ޕީއެސްއެމުން އިއްޔެ ކުރިއަށް ގެންދިޔަ ޓެލެތޯން އަށް އެސްޓީއޯ އިން 300،000 ރުފިޔާ ހަދިޔާކޮށްފި އެވެ.

އެސްޓީއޯ އިން ބުނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވާން، އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި އެސްޓީއޯ ހެޑް އޮފީހުގެ ތިރީގައި ވެސް ފަންޑު ފޮށި ބަހައްޓާފައިވާ ކަމަށެވެ. އަދި އަތޮޅުތަކުގައި އެސްޓީއޯގެ އެކި އައުޓްލެޓުތަކާއި ފާމަސީތަކުގައި ވެސް ފަންޑު ފޮށި ބަހައްޓާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯއިން މިދިޔަ އަހަރު ވެސް ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ފައިސާ ހަދިޔާކޮށްފަ އެވެ. އެ ގްރޫޕުގެ ކުންފުނިތަކުން ޖުމްލަ އެއް މިލިއަން ރުފިޔާ މި ފަހަރު ހަދިޔާ ކުރި އެވެ.
މި ޓެލެތޯން އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަކަށް އިއްޔެ ހެނދުނު 8 އިން ދަންވަރު 12 އަށް ކުރިއަށް ގެންދިޔަ ޓެލެތޯނެކެވެ. މި ޓެލެތޯނަށް ޖުމްލަ 14 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ޕީއެސްއެމްއިން މިއަދު ބުންޏެވެ.