13 ޖޫން 2024 - 10:45

ބީއެމްއެލްގެ ކާޑުތަކަށް ކަނޑައަޅާފައިވާ ޑޮލަރު ލިމިޓު ބޮޑު ކުރެވޭނީ، އެ ބޭންކަށް ވަންނަ ޑޮލަރުގެ އަދަދު އިތުރުވެގެން ކަމަށް ބީއެމްއެލް އިން ބުނެފި އެވެ.
ބީއެމްއެލް އިން ބުނީ ރާއްޖޭގެ ޑޮލަރުގެ ހާލަތާ މެދު އެ ބޭންކުން ވަކި އެއްޗެއް ބުނެވެން ނެތް ކަމަށެވެ. ނަމަވެސް މާކެޓުން ޑޮލަރު ގަންނަން ލިބޭ އަދަދަށް ވުރެ ބޮޑު އަދަދެއް ބީއެމްއެލް އިން މިހާރު ވެސް ވިއްކަމުން އަންނަ ކަމަށް އެ ބޭންކުން ބުންޏެވެ.
ކޮވިޑާ ގުޅިގެން އޮންލައިން ޓްރާންސެކްޝަންތައް ބޭނުންކުރާ ވަރު ލިމިޓު ކުރުމަށް ފަހު ބީއެމްއެލް އިން އަންނަނީ ބޭނުންކުރާ ލިމިޓު ރިވައިޒްކޮށް، އިތުރު ކުރަމުންނެވެ. އެންމެ ފަހުން ކާޑު ލިމިޓަށް ބަދަލު ގެނެސްފައިވަނީ 2021 ވަނަ އަހަރު އެވެ. ކްރެޑިޓް ކާޑު ބޭނުން ކޮށްގެން އޮންލައިން މުއާމަލާތުތައް ހިންގޭ ލިމިޓު އެ އަހަރު 750 ޑޮލަރަށް ބަދަލުކުރި އެވެ. ޑެބިޓް ކާޑު ބޭނުންކޮށްގެން އަދިވެސް ބޭރުގެ މުއާމަލާތުތައް ހިންގެނީ މަހަކު 250 ޑޮލަރާ ހަމައަށެވެ.
ބީއެމްއެލް ކާޑު ބޭނުންކޮށްގެން ކުރާ ރާއްޖޭން ބޭރުގެ މުއާމަލާތްތައް މަހުން މަހަށް އިތުރުވަމުންދާ ކަމަށާއި މިހާރު ބޭންކަށް ގަންނަން ލިބޭ ޑޮލަރުގެ އަދަދު އިތުރު ނުވާހާ ހިނދަކު، ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓު އިތުރުކުރުމަކީ ބީއެމްއެލް އަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އެ ބޭންކުން ބުންޏެވެ.
"ބޭންކުން މިހާރު ވެސް މިއަންނަނީ ބޭރުގެ މުއާމަލާތްތައް ކުރުމަށް ބޭރު ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭ ހާލަތްތަކުގައި އެ އެހީތެރިކަން ދެމުން. އަދި މިކަމަށް ހައްލެއް ހޯދުމަށްޓަކައި ބޭންކުން މި އަންނަނީ ކަމާ ބެހޭ އިދާރަތަކާއެކު މަޝްވަރާ ކުރަމުން،" އެ ބޭންކުން ބުންޏެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގައިވެސް ވިދާޅުވީ، ކްރެޑިޓް ކާޑު ލިމިޓެެއް ނެތި ބޭރުގެ މުއާމަލާތުތައް ހިންގޭނެ ގޮތެއް ފަހިކުރަން ބޭނުންވާ ކަމަށާއި އެކަމަކު މި ވަގުތު އެކަން އޮތީ ކުރެވޭނެ ކަހަލަ ގޮތަކަށް ކަމަށެވެ.
އޭނާ ވިދާޅުވީ، މިކަން ހައްލު ކުރެވޭނީ ޑޮލަރުގެ ކަޅު ބާޒާރު ހުއްޓި، ރަސްމީކޮށް ޑޮލަރު ސިސްޓަމަށް ވަންނަން ފެށުމުން ކަމަށެވެ.