22 ފެބުރުއަރީ 2017 - 15:09

ކަޝްމީރު (ފެބްރުއަރީ 22) - އިންޑިއާ އިން ކޮންޓްރޯލް ކުރާ ކަޝްމީރުގައި އަގު ބޮޑު ކައިވެނި ޕާޓީތައް ބޭއްވުން ސްޓޭޓް ސަރުކާރުން މަނާކޮށްފި އެވެ.

ކައިވެނި ހަފުލާތަކަށް ދަައުވަތު ދެވޭ މީހުންގެ އަދަދު ވެސް ވަނީ ލިިމިޓްކޮށްފަ އެވެ. މި ގޮތުން އަންހެން ކުއްޖާގެ އާއިލާގެ ފަރާތުން ގިނަވެގެން ދައުވަތު ދެވޭނީ 500 މީހުންނަށް ކަމަށްވާ އިރު ފިރިހެން ކުއްޖާގެ ފަރާތުން ދައުވަތު ދެވޭނީ 400 އަށް ވުރެ ގިނަ ނޫން އަދަދެއްގެ މެހެމާނުންނަށެވެ. އަދި ސަރުކާރުން ވަނީ ކައިވެނި ހަފުލާގައި މެއިން ޑިޝްގެ ގޮތުގައި ހަތަކަށް ވުރެ ގިނަ ނުކުރަން ހަމަޖައްސައިފަ އެވެ. އެއީ ކައިވެނި ޕާޓީން ކާބޯތަކެތި އިސްރާފްވުން ކުޑަ ކުރުމަށެވެ.

ޕާލަމެންޓް މެންބަރަކު ވަނީ މުޅި އިންޑިއާގައި ވެސް އަގު ބޮޑު ކައިވެނި ޕާޓީތައް ބޭއްވުން މަނާކުރާ ބިލެއް ހުށަހަޅަން ނިންމައިފަ އެވެ.
ކަޝްމީރުގައި އަގު ބޮޑު ކައިވެނި ހަފުލާތައް ބޭއްވުމަކީ އާއްމު ކަމެކެވެ. ކައިވެނި ޕާޓީތަކުގައި ވެޖެޓޭރިއަން އަދި ނަން-ވެޖެޓޭރިއަންގެ ކެއުންތައް ހިމެނެ އެވެ. އިންޑިއާގެ އެހެން ހިސާބުތަކުގައި ވެސް ކައިވެންޏަށް ބޮޑު ހޭދައެއް ކުރެ އެވެ.
ސްޓޭޓް ސަރުކާރުން ބުނެފައި ވަނީ އެޕްރީލް 1 ވަނަ ދުވަހުން ފެށިގެން އަގު ބޮޑު ކައިވެނި ހަފުލާތައް ބޭއްވުން މަނާކުރީ ބޭކާރު ޚަރަދުތައް ކުރުމާއި ކާބޯތަކެތި އިސްރާފު ބޮޑުވުމާ އަދި ޕާޓީތަކުގައި އަޑުގަދަވުމުން އާއްމުންގެ ޝަކުވާތައް ގިނަވެގެން ކަމަށެވެ. ކަޝްމީރުގައި ވަނީ 1984 ވަނަ އަހަރު ވެސް މިފަދަ ގޮތަކަށް އަމަލު ކުރަން އަމުރެއް ނެރެފަ އެވެ. ނަމަވެސް އާއްމުންގެ ޝަކުވާ ބޮޑު ވެގެން އެ އަމުރު ވަނީ ބާތިލްކޮށްފަ އެވެ.
މިދިޔަ ނޮވެމްބަރު މަހު ވަނީ ކަރުނާޓަކާގެ ވިޔަފާރިވެރިޔާ އަދި މިނިސްޓަރު ޖަނާދަނާ ރެޑީގެ އަންހެން ދަރިފުޅުގެ ކައިވެންޏަށް ފަސް ބިލިއަން ރުޕީސް (74 މިލިއަން ޑޮލަރު) ހޭދަކޮށްފަ އެވެ. މި ކައިވެނި ވަނީ ފަސް ދުވަހަށް ކުރިއަށް ގެންގޮސްފަ އެވެ. މި ކައިވެނީގެ ދައުވަތު ކާޑު ވެސް ތައްޔާރުކޮށްފައި ވަނީ ރަން ޕްލޭޓްލައިގެންނެވެ. އަދި ކާޑުގައި ވަނީ އެލްސީޑީ ސްކްރީނެއް ވެސް ހަރުކޮށްފަ އެވެ. ކައިވެނި ޕާޓީގެ ކާޑަށް އެކަނި ވެސް ވަނީ 10 މިލިއަން ރުޕީސް ހޭދަކޮށްފަ އެވެ. އިންޑިއާގައި ފައިސާގެ ދަތިކަން ކުރިމަތިވި ދުވަސްވަރެއްގައި ކައިވެންޏަކަށް މިހާ ބޮޑު އަދަދެއް ހޭދަކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.
- އިންޑިއާގައި ދެ ވަނަ އަށް އެންމެ މުއްސަނދި މީހާ ލަކްޝްމީ މިޓޭލްގެ އަންހެން ދަރި ވަނިޝާ މިޓޭލް އާއި އަމިތު ބާޓިއާ 2004 ވަނަ އަހަރު ކުރި ކައިވެންޏަށް 74 މިލިއަން ޑޮލަރު ހޭދަކުރި ކަމަށްވެ އެވެ. ފޯބްސް އިން ބުނި ގޮތުގައި އެ ކައިވެންޏަށް 1،000 މެހެމާނުން ވަނީ ފްރާންސަށް ގެންގޮސްފަ އެވެ.
- ޕްރިންސް ޗާލްސް އާއި ޑަޔާނާ 1981 ވަނަ އަހަރު ކުރެއްވި ކައިވެންޏަށް 30 މިލިއަން ޕައުންޑް ހޭދަކޮށްފައިވެ އެވެ. މިއަދުގެ އަގަށް ބަލާ ނަމަ އެއީ 116 މިލިއަން ޕައުންޑެވެ. ޗާލްސްގެ ދަރިކަލުން ވިލިއަމް އާއި ކޭޓުގެ ކައިވެންޏަށް ހޭދަކުރައްވާފައި ވަނީ 20 މިލިއަން ޕައުންޑް ކަމަށް ޑެއިލީ މެއިލް އިން ބުނެ އެވެ.
- ރަޝިޔާގެ ބިލިއަނަރެއްގެ ފިރިހެން ދަރި ސައިދު ގުޓްސެރީފް އާއި ޚަދީޖާ އުޒަކޯފް މޮސްކޯގައި މާޗު މަހު ބޭއްވި ކައިވެނީގެ ވެޑިން ޑްރެސް އަށް 1.2 މިލިއަން ޑޮލަރު ވަނީ ޚަރަދުކޮށްފައި ކަމަށް މެއިލްއޮންލައިން އިން ބުނެފައިވެ އެވެ.