13 ޖޫން 2016 - 08:14

އަހަރެމެންގެ ތެރޭގައި ހިނގާ ވަރަށް ގިނަ ކަންތައްތަކަކީ ގޫގުލް ސާޗްކޮށްގެން އޮޅުން ފިލާނެ ކަންކަމެއް ނޫނެވެ. އެ މައުލޫމާތުތައް އާންމުވެ ވެބްސައިޓްތަކަށް އެރުމުގެ ކުރިން ޓެކްސީ ޑްރައިވަރުންނަށް އޮންނާނީ އެނގި ބާވެފަ އެވެ. އެހެންވެ، ޓެކްސީ ޑްރައިވަރުންނަށް އެނގެނީ ކޮން ކަމެއްތޯ ސުވާލުކޮށްފި ނަމަ އެއީ އެންމެ ދެތިން ބަހުން ފުރިހަމަކުރެވޭނެ ޖަވާބަކަށް ނުވާނެ އެވެ.
އަދަބީ މާހިރެއް ކުރެން އަހައިފި ނަމަ ތިޔަ ވާނީ ކޯނި ސުވާލަކަށެވެ. އެއް ތަނޑެއްގައި ގެންފައި ބައިވަރު މޭވާ ހުންނަ ބީދައިން، ކުރިމަތީގައި އޮތް ސުވާލުގައި ބައިވަރު ސުވާލު ގެންފައި ހުރީތީ އެވެ. އެއީ ޖަވާބު ފުރިހަމަކުރުމަށްޓަކައި އެތައް ވާހަކައެއް ދައްކަން ޖެހޭ ގޮތަށް ހުންނަ ސުވާލެވެ؛ އެތައް ކަމެއް ހިމަނައި ޖުމުލަކޮށް ހުންނަ ސުވާލެވެ.
ޓެކްސީ އަށް ނާރާ މީހުން ވެސް ޓެކްސީ ޑްރައިވަރުންގެ އެހީ ހޯދަ އެވެ. އެވެނި މިވެނި ތަނަކަށް ދާނެ ގޮތް އާންމު މީހަކަށް ވުރެ ރަނގަޅަށް ޓެކްސީ ޑްރައިވަރުންނަށް އެނގެ އެވެ. ރަސްމީ އިދާރާތައް ނޫނަސް ކޮންމެހެން އެ ތަނަކަށް ދާންޖެހޭ ތަންތަން ޓެކްސީ ޑްރައިވަރުންނަށް ނޭނގޭ ތަނެއްގައި ނުހުރެ އެވެ.
ޓެކްސީއަކަށް އާންމުކޮށް އަރާ ގިނަ މީހުންގެ އައުލާދު އެއްކޮށް ޓެކްސީ ޑްރައިވަރަށް އެނގެ އެވެ. އޭނާ ކައިވެނީގެ ގޮތުން ހުރި ނިސްބަތާއި، އިނދެ ވަރިކުރި މީހުންނަށް ދާންދެން ޓެކްސީ ޑްރައިވަރުންނަށް އެނގެ އެވެ. ޓެކްސީ އަށް އަރާއިރު އެކުގައި އަރާ މީހުންގެ މޫނުތައް ޓެކްސީ ޑްރައިވަރުންގެ ސިކުނޑީގައި ކުރަހާލަނީ އެވެ. ނުވަތަ ޑްރައިވަރުން ފަސިންޖަރުންނާ ތަޅާ އަނގައިގެ ތެރޭގައި ނުކުރާކަށް ސުވާލެއް ވެސް ނޯންނަނީ އެވެ. ޓެކްސީ ދަތުރު ނިމުމުގެ ކުރިން އިންޓަވިއުކޮށް ނިންމާލަނީ އެވެ. ނުވަތަ ޖެހިގެން އަންނަ ދަތުރުގައި އިންޓަވިއުގެ ނުނިމި އޮތް ބައި ފުރިހަމަކޮށްލަނީ އެވެ.
ޑޮލަރު ގަންނަން ނުވަތަ ވިއްކަން ބޭނުންވީ ހެއްޔެވެ؟ އެންމެ އަގު ބޮޑުކޮށް ޑޮލަރު ގަންނަ މީހުންނާއި ވިއްކާ މީހުން ވެސް އެނގޭނެ އެވެ. ކޮޓަރި އެޕާޓްމަންޓްގެ ކުލިތަކަށް އަންނަ ބަދަލު ތާޒާކަމާ އެކު ޓެކްސީ ޑްރައިވަރުންނަށް އެނގެ އެވެ. އެވެނި އެޕާޓްމަންޓެއްގެ ތިން ވަނަ ކޮޓަރީގައި ރޭ ނިދީ ކާކު ކަމާއި އެ މީހެއްގެ މާލީ ތަނަވަސްކަން ހުރި މިންވަރު އެ މީހަކަށް ވުރެ ރަނގަޅަށް ޓެކްސީ ޑްރައިވަރަށް އެނގެ އެވެ.
އާންމުކޮށް ގަންނަން ނުލިބޭ ތަކެތި ލިބޭ ތަންތަނާއި ގެންގުޅޭ މީހުން އަދި ގޭންގްތަކާ ބެހޭ މައުލޫމާތު އާންމުންނަށް ރޭކާނުލާހާ ވެސް ރަނގަޅަށް ޓެކްސީ ޑްރައިވަރުންނަށް އެނގެ އެވެ.
އެވެނި ވަގުތެއްގައި ތޮއްޖެހިފައި މިވެނި މަގެއް އޮންނާނެ ކަމާއި، އެ ސަބަބު އަދި އެ ގޮތުގައި އެ ސަރަހަދެއް އޮންނާނީ ކިހާއިރަކުކަން ޓެކްސީ ޑްރައިވަރުންނަށް އެނގެ އެވެ. އެކަމަކު މިއީ އެ މީހުންގެ މަސައްކަތުގައި އުޅޭއިރު އެނގެން ޖެހޭނެ ކަމަކަށް ވާތީ ހައިރާން ވާކަށް ނުޖެެހެ އެވެ.
ދަންވަރު 12 ޖެހުމާ އެކު ޓެކްސީން ނަގަންޖެހޭ އަދަދު ބޮޑުކުރަންޖެހޭ ކަމާއި ދާގީނާގެ ނިސްބަތުން އިތުރުކުރެވޭ މިންވަރަށް ވެސް އެ ފަރަގު އަންނަންޖެހޭކަން ޓެކްސީ ޑްރައިވަރުންނަށް އެނގޭނެ ކަމާ މެދު ވެސް ސުވާލެއް ނެތެވެ. ވާރޭ ވެހިއްޖެ ނަމަ މަގުތަކުގައި ފެން ހަރުލާނެ ކަމާއި، ކިސަޑުގައި ދުއްވައިފި ނަމަ މުޅި ކާރުން ކުލަ ގެއްލޭނެކަން ޓެކްސީ ޑްރައިވަރުންނަށް ވުރެ ބޮޑަށް ހަނދާނުގައި ހުންނާނެ ބަޔަކު އުޅޭހެނެއް ހިއެއް ނުވެ އެވެ.
އެވެނި ގެއަކުން މީހަކު މިވެނި ތަނަކަށް ދާ ކަމާއި އެނބުރި އަންނަ މަގުމަތީގައި ޕިއްޒާ ގަންނަކަން ޓެކްސީ ޑްރައިވަރަށް އެނގެ އެވެ. ގޭގައި ކައްކާ މީހުންނާއި ޓޭކްއަވޭ ކާނާ އާއި ފާސްޓްފުޑްގެ އަޅުން އެނގޭނެ އެވެ. ކަސްޓަމަރުންގެ ލައިފްސްޓައިލް ބަރާބަރަށް އެނގޭނެ އެވެ.
ކާރޫބާރޫ ބޮޑު މަގެއްގައި ފަހަތުން އަންނަ އުޅަނދަށް ތަންދީފަ ނަމަ ޓެކްސީގެ އަރިމަތީގައި ކޫރުއެޅޭނެކަން ޓެކްސީ ޑްރައިވަރުންނަށް އެނގެ އެވެ. ކިތަންމެ ބޮޑަށް މަގު ތޮއްޖެހިފައި އޮތަސް، ބޭނުން ތަނަކަށް ޓެކްސީ މަޑުކުރެވޭކަން ޓެކްސީ ޑްރައިވަރުންނަށް އެނގެ އެވެ. އެހެންވެ ތިމާގެ ވެހިކަލްއާ މެދުގައި ނޫނީ ވިސްނާކަށް ބޭނުމެއް ވެސް ނުވާނެ އެވެ.
ޓެކްސީ ޑްރައިވަރުންނަކީ މައުލޫމާތު މުއްސަދި ބައެކެވެ. ގިނަ ކަންތައްތައް ލޮލުން ދެކެ ނުވަތަ ކަންފަތުން އަހާނީ ދެ ވަނަ ފަރާތެއް މެދުވެރި ނުވެ އެވެ. ސުވާލެއް އެބަ އޮތްހެއްޔެވެ؟