12 ޖޫން 2024 - 11:43

ޓޭބަލް ޓެނިސް އެކަޑަމީ "އިހާ" އިން ޓްރޭނިން ކޭމްޕްގައި ލަންކާ އަށް ދާން ތައްޔާރުވެއްޖެ އެވެ.
ޓީޓީ އަމްޕެޔަރު ސީވީޑް އިބްރާހިމް ލަތީފް އިސްކޮށް ހުރެ ހިންގާ އެކަޑަމީން، ލަންކާގެ ކެންޑީ އަށް ކުރާ ދަތުރުގައި އެ އެ ކަޑަމީގެ 18 ކުޅުންތެރިންނާއި ހަތަރު ކޯޗުން ބައިވެރިވާނެ އެވެ.
މި އަންނަ ހޮނިހިރު ދުވަހު ކެންޑީ އަށް ދިއުމަށް ފަހު ޖެހިގެން އަންނަ ދުވަހު އެ ސިޓީގެ ޓީޓީ ސެންޓަރުގައި ލަންކާގެ ބައެއް ސްކޫލްތަކާ އެކު މެޗުތައް ކުޅެން ވަނީ ހަމަޖައްސައިފަ އެވެ.
ހަތަރު ދުވަހަށް ކުރިއަށްދާ ކޭމްޕްގައި ކެންޑީގެ ހަތް ސްކޫލަކުން 198 ކުޅުންތެރިން ބައިވެރިވާނެ ކަމަށް އިބްރާހިމް ލަތީފް ބުންޏެވެ.
"ހަތަރު ދުވަހަށް ބަހާލައިގެން ކޮންމެ ދުވަހަކު ދެ ސެޝަނ. ކޮންމެ ސެޝަނެއްގައި އެއް ސްކޫލަކުން އައިސް އިހާގެ ކުޅުންތެރިންނާ ދެކޮޅަށް ކުޅޭނެ،" އޭނާ ބުންޏެވެ.
"ވާދަވެރި މެޗުތަކެއް ލިބި އަޅުގަނޑުމެންގެ ކުޅުންތެރިންނަށް ވަރަށް ގިނަ ކަންކަން މި މެޗުތަކުން ދަސްވެގެންދާނެ. މިއީ ކުޅުންތެރިންގެ ޑިވެލޮޕްމެންޓަށް ވަރަށް މުހިންމު ކޭމްޕަކަށާ ވާނެ."
ސީވީޑަކީ، ޓީޓީ ކުޅުންތެރިން ނިސްބަތްވާ އާއިލާ އެކެވެ. އިބްރާހިމްގެ ބޭބެ އަހްމަދު ލަތީފް ހިމެނުނު ޓީޓީ ޓީމަކީ، ބޭރުގެ މުބާރާތަކަށް ދިޔަ ރާއްޖޭގެ ފުރަތަމަ ގައުމީ ޓީމެވެ. ސީވީޑް އާއިލާއިން މިހަރު ޓީޓީގެ އެންމެ މަޝްހޫރު ކުޅުންތެރިޔަކީ ރާއްޖޭގެ ގައުމީ ޗެމްޕިއަން މުހައްމަދު ޝައްފާން އިސްމާއީލެވެ.
ޒުވާން ކުޅުންތެރިންގެ ތެރޭގައި ޒީކް ހަސަން ލަތީފާއި ޒާރާ ހަސަން ލަތީފަކީ ސީވީޑްގެ އާއިލާ އަށް ނިސްބަތްވާ ކުޅުންތެރިންނެވެ. ޒީކް އާއި ޒާރާގެ ބައްޕަ، ކުރީގެ މަޖިލިސް މެންބަރު ހަސަން ލަތީފަކީ ވެސް ކުރިން ޓީޓީ ކުޅުއްވި ބޭފުޅެކެވެ. އިބްރާހިމް ލަތީފްގެ ދަރިފުޅުން އައުން އިބްރާހިމް ލަތީފަކީ ވެސް ޓީޓީގެ މުބާރާތްތަކުން ފާހަގަ ކުރެވޭ އަދި ރާއްޖޭގެ ޖޫނިއާ ޓީމުގެ ކުޅުންތެރިޔެކެވެ.
އިބްރާހިމް ލަތީފާ އާއި އަހްމަދު ލަތީފް، މިހާރު ވެސް ޓީޓީގައި ހަރަކާތްތެރިވެ އެވެ. މުބާރާތްތަކުގެ ވެޓަރަންސް ކެޓަގަރީގައި އެ ދެ ބޭފުޅުން ކުޅުއްވަ އެވެ. އެކަޑަމީގެ މަސައްކަތްތަކުގައި އިބްރާހިމް ލަތީފްގެ ދަރިފުޅު އަފާންނާން ވެސް ބައިވެރިވެ އެވެ. އޭނާ އަކީ އެކަޑަމީގެ ކޯޗު މެނޭޖިން ޑިރެކްޓަރު ވެސް މެ އެވެ. ކުރީގެ އެއްވަނަ ފިރިހެން ކުޅުންތެރިޔާ ތާޅަފިލި އަލީ އާދަމް މަނިކު (އަލިބެ) އަކީ ވެސް އެކަޑަމީގެ މުހިންމު ހިއްސާދާރެކެވެ. އަދި އެކަޑަމީގައި އޭނާ ވެސް ކޯޗުކޮށް ދެ އެވެ.