12 ޖޫން 2024 - 06:18

އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ފިރިހެން ދަރިފުޅު ހަންޓާ ބައިޑެން ޑްރަގް އެޑިކްޓެއްގެ ގޮތުގައި ހުރި ދުވަސްވަރު ބަޑިއެއް ގަތް އިރު ދޮގު މައުލޫމާތު ދިން މައްސަލައިގައި ކުށްވެރިވާ ކަމަށް އިއްޔެ ޖޫރީން ނިންމައިފި އެވެ.

އުމުރުން 54 އަހަރުގެ ހަންޓާގެ މައްޗަށް ވަނީ 2018 ވަނަ އަހަރު ބަޑިއެއް ގަތް އިރު، އޭނާ އަކީ ކޮކެއިން އަށް އެޑިކްޓުވެފައިވާ މީހެއް ނޫން ކަމަށް ބުނެ ދޮގު މައުލޫމާތު ދިނުމާއި އެ މައްސަލައާ ގުޅޭ އިތުރު ދެ ކުށެއް ވެސް ސާބިތުވެފަ އެވެ. މިއީ އެމެރިކާގެ ރައީސަކު މަގާމުގައި ހުންނަވަނިކޮށް ދަރިއެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވި ފުރަތަމަ ފަހަރެވެ.
މި ހުކުމް މި އައީ ބައްޕާފުޅު، ބައިޑެން އުމުރުން 81 އަހަރުގައި އެމެރިކާގެ ރައީސް ކަމަށް ދެ ވަނަ ދައުރަކަށް އިންތިހާބުވުމަށް ކެމްޕެއިން ކުރައްވަނިކޮށެވެ.
ކުށްތައް ސާބިތުވާ ކަމަށް ހުކުމް ކުރުމާ އެކު ބައިޑެން ނެރުއްވި ބަޔާނެއްގައި ދަރިފުޅަށް އޮތް ލޯބި ހާމަކުރައްވާފައިވެ އެވެ.
"އަޅުގަނޑަކީ ރައީސް، އެކަމަކު އަޅުގަނޑަކީ ބައްޕައެއް ވެސް މެ،" ބައިޑެން ވިދާޅުވެފައިވެ އެވެ.
ބައިޑެން ވިދާޅުވީ އެޑިކްޝަނުން ސަލާމަތްވެ އެކަމުގެ ތެރެއިން ނުކުރަންނަން ހިތްވަރާ އެކު މަސައްކަތް ކުރުމަކީ ބޮޑު އުފަލެއްކަން އެތައް އާއިލާއަކަށް އެނގޭނެ ކަމަށެވެ.
"މި މައްސަލައިގެ ހުކުމަށް އިހުތިރާމްކުރަން އަދި ޖުޑީޝަރީއަށް އިތުބާރުކުރަން. ހަންޓާގެ މި ހުކުމް އިސްތިއުނާފް ކުރާނެ،" ބައިޑެން ވިދާޅުވި އެވެ.
ހަންޓާގެ މައްޗަށް ސާބިތުވި ކުށްތަކާ އެކު 25 އަހަރުގެ ޖަލު ހުކުމެއް އިއްވިދާނެ އެވެ. އެކަމަކު މިއީ އޭނާގެ މައްޗަށް ކުށެއް ސާބިތުވި ފުރަތަމަ ފަހަރުކަމަށް ވާތީ އެވަރުގެ އަދަބެއް ކަނޑައަޅާނެ ކަމަކަށް ނުބެލެވެ އެވެ. ހަންޓާއަށް އަދަބު ކަނޑައެޅުން އޮންނާނެއް ދުވަހެއް އިއުލާނެއް ނުކުރެ އެވެ. ނަމަވެސް އެކަމަށް އަދި މަސްތަކެއް ހޭދަވެދާނެ ކަމަށް ލަފާކުރެވެ އެވެ.
ހަންޓާގެ މައްޗަށް ދައުވާ ހުށަހެޅުއްވި ސްޕެޝަލް ކައުންސެލް ޑޭވިޑް ވެއިސް ވިދާޅުވީ "މި ގައުމުގެ އެއްވެސް މީހަކީ ގާނޫނުތަކަށް ވުރެ މަތީގައި ހުންނާނެ މީހެއް ނޫން" ކަމަށެވެ. "ކޮންމެ މީހަކު ވެސް އެ މީހެއްގެ އަމަލުތަކަށް ޒިންމާވާންޖެހޭނެ" ކަމަށް ވިދާޅުވެ އޭނާ ވަނީ މިއީ ޑްރަގް އެޑިކްޝަންގެ މައްސަލައެއްގެ ގޮތުގައި ނިންމާނުލެވޭނެ ކަމަށް ވިދާޅުވެފަ އެވެ. ހަންޓާ ވަނީ ސަރުކާރަށް ދޮގު މައުލޫމާތު ދީގެން ހަތިޔާރެއް ގަނެފައި ކަމަށާއި އަދި އޭގެ ފަހުން އެ ހަތިޔާރު ގެންގުޅެފައި ކަމަށް ކައުންސެލް ވިދާޅުވި އެވެ.
ހަންޓާ އޭނާގެ ދިފާއުގައި ބުނެފައިވަނީ އޭނާ ހަތިޔާރު ގަތް އިރު އޭނާ އަކީ "ކޮކެއިން އެޑިކްޓް" އެއް ކަމަށް އޭނާ އަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި ވެސް އެކި ތުހުމަތުތަކުގައި ހަންޓާގެ މައްޗަށް ތަހުގީގު ހިންގި އެވެ. އެކަމަކު އެއްވެސް މައްސަލައެއްގައި ދައުވާއެއް ނުއުފުލަ އެވެ. -- އޭއެފްޕީ