ބިންގަރާސް
ބިންގަރާސް

އާދިއްތަ ދުވަހާ ގުޅޭ

ފާއިޒާ ހުރީ އެ ހުރިހައި ވާހަކައެއް އަޑުއަހާށެވެ. ކޮޓަރިން ބޭރުގައި ހުރެގެން ނަޖްވާން އެ ވާހަކަދެއްކީ ވެސް ހަމަ އެ ބޭނުމުގައެވެ. މައިދައިތައަށް އިއްވައި، ގޮއްވުމަށް ޓަކައެވެ. އެ ކުރެވުނީ ކިހައި ވަރެއްގެ ކަމެއްކަން ނަޖްވާނަކަށް ނުވިސްނެއެވެ. ފާއިޒާ ކުރިން ވާދަޖެހީ މެދުގައި ދަރިފުޅު ބަހައްޓައިގެންނެވެ. ހަނގުރާމަކުރީ ދަރިފުޅަށް ޓަކައެވެ. ދަރިފުޅު ގެއްލިދާނެތީއެވެ. އެހެނަސް، އެ ވަގުތުން ފެށިގެން ފާއިޒާ ދުށީ ޒާތީގޮތުން ފާއިޒާޔާ ނަޖްވާން ޖައްސައިލީކަމަށެވެ.

"ބަދިގޭގަތަ ތިހިރީ؟" ޕިއްޒާ ހޫނުކުރަން ޖެއްސި ވަގުތު ހަމަވުމުން، މައިކްރޯވޭވުން އިވުނު އަޑު ދިފްލާއަށް ވެސް އިވުމުން، ކަންބޮޑުވެފައި ދިފްލާ އެހިއެވެ.

"އާނ!" ވަރަށް ހަމަޖެހިލާފައި ނަޖްވާން ބުންޏެވެ. "ކިހިނެއްވީ؟ ރާއިދު މަންމައަށް އިވިދާނެތީ؟ އިއްވާށޭ ބޭނުމީ. އޭނަ ހިތަށްއަރަނީ އޭނަ ބޭނުންވާ އިރަށް އަހަންނާ ރާއިދާ ދުރުކުރެވޭނޭ! ނުކުރެވޭނެ. އެކަމަކު އަހަރެން މިހާރު ވެސް އޭނަޔާ ރާއިދު ދުރުކޮށްލަފާނަން. ހަމަ އެންމެ ފަހަރަކު ބުނެލަން ޖެހޭނީ. އެ ހިސާބުން، އަޅައިގެންފަ ވެއްޓުނަސް މަންމަޔާ ދިމާއަށް ރާއިދު ބަލާ ވެސް ނުލާނެ. އެ ވަރުގެ އެއްޗެއް ކާންދީފަ އެހެރީ. ހަދަންތަ އެހެން؟"

"އުހޫނ! އެހެން ނަހަދާތި!" ދިފްލާ އެދުނެވެ. "މިހާރު ވެސް ކެލަސްޓްރޯލަށް ބޭސްކައިގެން އޭނަ އެ ހުންނަނީ. ދޭތެރެއަކުން އެބަ މައްޗަށްދޭ! ހާޓްއެޓޭކެއް ވެސް ޖެހިދާނެއްނު."

"ޖެހިދާނެއެއް ނޫން ޖެހޭނެ،" ނަޖްވާން ބުންޏެވެ. "އަހަންނަށް ތި ވަރު ވިސްނެޔޭ! އެކަމަކު އޭނައަކަށް ނުވިސްނޭ އޭނަގެ ފެންވަރެއް. ދިފްލާ އޭނަޔާ ވަރަށް ކްލޯސްކޮށެއްނު އުޅެނީ ދޯ؟ އަހަރެން ބުނާ އެއްޗެއް އޭނަ ކައިރީ އަހާބަލަ! އަހާ މި ގޭގަ އަރާމުކޮށް އުޅެންހޭ ބޭނުމީ ނޫނީ ހޮސްޕިޓަލްގަ އޮވެ މަރުވާންހޭ ބޭނުމީ؟"

ފާއިޒާ ބޭނުންވީ، އެންމެ ފަހުން ނަޖްވާން ބުނި ޖުމުލަ ހަނދާންނައްތައިލާށެވެ. އިވުނުކަމަށް ވެސް ނަހަދާށެވެ. އެހެނަސް، ބޮލިރަވައެއްހެން އެ ޖުމުލަ ފާއިޒާގެ ސިކުނޑީގައި ހެލިހެލި ހުރީއެވެ. އެ އަޑެއް ނުކެނޑުނެވެ. މަޑެއް ވެސް ނުވިއެވެ. ފާއިޒާގެ މުޅި ދުވަސް ހަރާބުވެ، އެއްވެސް ކަމެއް ނުކުރެވުނެވެ. ރުޅިގަދަވަމުން ގަދަވަމުން ގޮސް ނިތްކުރީގައި ރޫތައް ތަތްލި ކަހަލައެވެ. އެހެން މީހަކު ބުނާ އެއްޗެއް ހަނދާނެއް ނުހުރެއެވެ. އަތަކު އެއްޗެއް ހަރެއްނުލައެވެ. ދެ ތަށި ތަޅައިގެންދިޔައެވެ. ފޯނު ބޭއްވޭ ތަނެއް، ޓީވީ ރިމޯޓު ބޭއްވޭ ތަނެއް، ނަމާދުކުރެވުނުކަމެއް ހަނދާނެއް ނުހުރެއެވެ. ނަސީމު ކާން އިށީނުމުން ދެ ފަހަރަށް ފެންތަށި ގެނައެވެ. ނަސީމަކީ ހަކުރަށް ބޭސްކާ މީހެކެވެ. ދެ ފަހަރަށް ބޭސް ގެނައެވެ. ނިދަންއޮށޯންނަން ކޮޓަރިއަށް ވަދެފައި، ނަސީމު ނުވަންނަނީސް ކޮޓަރި ތަންޑުއެޅިއެވެ.

"ފާއިޒާ!" ވަންނަން ދޮރުގައި ހިފާފައި ނުހުޅުވުމުން ޝަކުވާގެ ރާގެއްގައި ނަސީމު ގޮވައިލިއެވެ.

ފާއިޒާ އަވަސްއަވަހަށް ދޮރުހުޅުވިއެވެ. ނަސީމު ހައިރާންވެފައި ބަލަހައްޓައިގެން ހުއްޓައި، ފާއިޒާ ގޮސް ފާހާނާއަށް ވަނެވެ. ގޭގައި ކަމެއް ހިނގައިފިކަން ނަސީމަށް ކަށަވަރުވީ އެ ހިސާބުންނެވެ. ފާހާނައިން ނުކުތް ގޮތަށް ފާއިޒާ އެނދުގައި އޮށޯތެވެ.

"މިއަދު ގޭގަ ކަންތައްގަނޑެއް ހިނގީ ދޯ؟" ނަސީމު އެހިއެވެ.

"ނުހިނގާ!" ފާއިޒާ ބުންޏެވެ. "ނިދަންއުޅޭ! ބާރަޖަހާ ބޮޑުވެއްޖެ!"

ނަސީމު ފާހާނަޔަށް ވަނެވެ. ވަން ވަރަށް ވުރެ އަވަހަށް ނުކުތެވެ.

"ފާއިޒާ މިއަދު ރަނގަޅެއް ނޫން،" ނަސީމު ބުންޏެވެ. "އެނގޭތަ ފާހާނައިގެ އިސްކުރު ބާރުނުކޮށް ހުރިކަން؟"

ވެފައިވާ ފޫހިން ފާއިޒާ ޖަވާބެއްނުދިނެވެ. ނަސީމު އައިސް އެނދުގައި އިށީނެވެ. ނަޖްވާން އެނދުން ތެދުވިއެވެ. ކޮޓަރިން ނުކުމެގެން އައިސް އުނދޯލީގައި އިށީނެވެ. ރާއިދު އޮތީ ނިދައިފައެވެ.

"ކޮޓަރިން ނުކުމެގެން މިހާރު އުނދޯލީގަ މީނީ،" ތަންކޮޅެއް މަޑުން ނަޖްވާން ބުންޏެވެ. "ދެން ކިޔާބަލަ! ދަންވަރު ނުނިދާ ކީއް ތި ކުރަނީ؟"

"ނިދޭ ކަހަލަ ވާހަކައެއްތަ ނަޖޫ ދެއްކީ؟" ގޭގެ ސޯފާގައި އޮށޯވެލައިގެން އޮތް ދިފްލާ ބުންޏެވެ. "މުޅި ދުވަހު އަހަންނަށް އެ ކަމާ ވިސްނުނީ. ބުނީމެއްނު ރާއިދަށް އެއްޗެއް ކާންދީފައޭ އެހެރީ. ކީއްކޮށްގެން ތި އުޅެނީ؟"

ނަޖްވާން ލާނެތް ރާގަކަށް ހޭން ފެށިއެވެ. ދިފްލާގެ ޝައްކު ޔަގީނަށް ބަދަލުވިއެވެ.

"ތި ކުރީ ވަރަށް ސަކަރާތްކަމެއް،" ދިފްލާ ވަރަށް ހިތްހަމަނުޖެހިފައި ބުންޏެވެ. "އެ ގޮތަށް ހެލްޕްހޯދާ ހިސާބުން ކައިވެނި ދެން ސަލާމަތެއް ނުކުރެވޭނެ. މަންމަ ވަރަށް ގިނައިން ބުނާނެ އެހެން. މަންމަ ބުނީ ދެން ސައިތާނާ ބޭނުން ގޮތެކޯ ހަދާލާނީ."

"އެހެންވެ އަހަރެން އަދި ވެސް މި ބުނަނީ ތީ ކުޑަކުއްޖެކޭ!" ހީނގެންފައި ނަޖްވާން ބުންޏެވެ. "އަހަންނަކީ ބްލެކްމެޖިކް ގަބޫލުކުރާ މީހެއް ވެސް ނޫން. މިސާލަކަށް އަހަރެން ގަބޫލުކުރެޔޯ! ފަންޑިތަހެދީޔޯ! އެހެންވިއްޔާ އެކަކަށް ވެސް އަހަރެން އެ ވާހަކަ އަންގާނެތަ؟ އަންގައިފިއްޔާ އޭގެ ބޭނުންދިޔައީނު؟ ނޫންތަ އަޅެ؟"

ނަޖްވާންގެ ވާހަކަ ދިފްލާއަކަށް ގަބޫލެއް ނުކުރެވުނެވެ. ދިފްލާ ދަންނަ ރާއިދަކީ މަންމަގެ ކޮންމެ ހުކުމެއް ވަގުތުން ތަންފީޒުކުރާ ދަރިއެކެވެ. ނަޖްވާން ވަރިކުރަން ފާއިޒާ ބުނުމުން އެންމެ ފަހު ވަގުތު ރާއިދުގެ ދޫ ހަރަކާތް ނުކުރާނީ، އެހެން ބާރެއް މެދުވެރިވީމައެވެ.

"ދޮގުހަދައިފިއްޔާ އަހަރެން ވަރަށް ފޫހިވާނެ އިނގޭ،" ދިފްލާ ހަނދާންކޮށްދިނެވެ. "ނަޖޫގެ މަންމައަކީ ވަރަށް ގިނަ މީސްމީހުންނާ ގުޅުން އޮންނަ މީހެއް. އެކި ރަށްރަށުން ހަދިޔާ އަންނަކަން އަހަންނަށް އެނގޭ. އިހަށްދުވަހަކު ވެސް ތި ގެއަށް ކަނަމަދާ، އަތުޖެއްސާ އެއްޗެހި ގެނައިމެއްނު؟ އަހަންނަށް މީހަކު ދޮގުހަދައިފިއްޔާ އެ މީހަކާ ގުޅުންކަނޑާލާނަން. ވަރިހަމަ ނަޖޫ ވިޔަސް. ތެދަށް ބުނޭ!"

"ސީރިޔަސްކޮށޭ މި ބުނަނީ،" ނަޖްވާން ހިނިއައިސްފައި ބުންޏެވެ. "ފުރަތަމަ އަހަރެން ފަންޑިތަ ގަބޫލުކޮށްގެންތާ އެހެން މީހަކަށް ފަންޑިތަހަދާނީ. އަހަރެން ބޭނުންވީ ރާއިދު މަންމަ ހާސްކޮށްލަން. ޝައްކުބަލި ޖައްސާލަން. މިއަދު ހަތަރުދަމު އޭނަ ހުރީ އެންގޭޖުވެފަ. ރިންގްޓޯން ވެސް ނުލިބޭ! ދެން އޭނަ މައިތިރިވެދާނެ. ބަލައްޗޭ!"

ދިފްލާގެ ވިސްނުން މުޅީން ތަފާތެވެ. ފާއިޒާޔާ އެ ގޮތަށް މީހަކު ދިމާކޮށްފި ނަމަ، ކޮންމެ ފަދަ ކަމެއް ވެސް ފާއިޒާ ކޮށްފާނެއެވެ. މާޒީގައި އެ ކަހަލަ ކަންކަން ހިނގާފައި އެބަ ހުއްޓެވެ. ރައްޓެހިންނާއި ތިމާގެ މީހުންނާ ވެސް ފާއިޒާ ގުޅުންކަނޑައިލާފައި އެބަ ހުއްޓެވެ. އެއްބަނޑުއެއްބަފާ މީހަކު ނިޔާވުމުން އޭނަގެ މޫނުދެކެން ފާއިޒާ ނުދިޔައީ ވެސް ހަމަ ދާދި އެއްކަހަލަ މައްސަލައެއްގައެވެ.

"ތީތި ފަނިވާނެ،" ދިފްލާ ޔަގީންކަމާއެކުގައި ބުންޏެވެ. "ވިސްނާލަބަލަ! ނަޖޫ ތި އުޅެނީ އެ ގޭގަ. އެ މީހުން ނަޖޫއަށް އެއްޗެއް ކާންދީފިއްޔާޔޯ؟ ވަރަށް ޕާސަނަލްކޮށް ފާއިޒާ ތި ކަން ނަގާނީ."

"ޒާތީ ގޮތުން އަހަންނާ އެ ޖައްސާލީ! ކިހާ ގޮތްކުޑަ އަންހެނެއް އެއީ؟ އަހަރުމެންގެ ދަރިޔަށް ސިހުރު ވެސް ހަދައިގެން އޭނަ އެ އުޅެނީ،" ނިދި އެއްކޮށް ފިލުވައިލައިގެން، އެނދުގައި އިށީނދެގެންއިން ފާއިޒާ ބުންޏެވެ. "ރާއިދަކަށް ނުކެރޭނެ އެ ނަޖްވާން ވަރިކުރާކަށް. ރާއިދުގެ ދޫ ތަޅުލާފަ އެހެރީ."

"ތީ ކާކު ދެއްކި ވާހަކައެއް؟" ހައިރާންވެފައި ނަސީމު ބުންޏެވެ.

"ދޫ ހިމޭނުން ނޯވެގެން ނަޖްވާން މީހަކަށް ފޯނުން ކިޔައިދިނީ،" ރުޅިއައިސްފައި، ސިއްރުސިއްރުން ފާއިޒާ ބުންޏެވެ. "އަހަރުމެން ދެމީހުންނަށް ވެސް ސިހުރުހަދާފަކަން ނޭނގެ މިހާރު ހުންނާނީ. އަހަރެން ހޮސްޕިޓަލުގަ އޮވެޔޯ މަރުވާނީ. އެއީ ހަމަ ބުނި ގޮތް. އަހަރެންގެ މި ދެ ކަންފަތުން އަޑުއެހީ. ނަސީބެއްނު އަހަރެން މޮޔަނުވެ ހުރިކަން. އެ އަޑު އިވުނީއްސުރެ އަހަރެންގެ ބޮލުގަ ހީވަނީ އެއްޗަކުން ތަޅާހެން. ކުރެވޭނުކުރެވޭ ކަމެއް ނޭނގޭ! ފާޑަކަށް ހާސްވެފަ ހުންނަނީ. މިހާރު ހިތަށްއަރާ އެ ކައިވެނި ހުއްޓުވުނު ނަމައޭ! ދެން ކުރާނެކަމެއް ނެތް."

"އެހެންތަ ހީކުރަނީ؟" ފާއިޒާއަށް ވުރެ ރުޅިއައިސްފައި ނަސީމު ބުންޏެވެ. "އޭނައަށް އެކަނިތަ ސިހުރުހެދޭނީ؟ ދަންނަންތަ ރަތްބަންދު ފޮތް؟ އެ ފޮތުން ނުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ. އެއީ ކުރީ ޒަމާނުގަ ރާއްޖޭގެ ސިހުރުވެރިންގެ އަތުން ސަރުކާރުން އަތުލާފަ އަންދާލި ފޮތެއް. މި އުޅެނީނު ޖައުފަރުބޭ. އޭނަގެ މުނިކާފަ އެ ފޮތް ފޮރުވީ. ޖައުފަރުބޭ އިއްޔެ މާލެއައީ. މިއަދު ވެސް ދިމާވި. މިހާރު ގުޅާލިޔަސް އޭނަ އަންނާނެ. ނޯންނާނެ އެއްވެސް މައްސަލައެއް."

އެ މައްސަލައިން ފެޅީ ވަރަށް ނާމާން ގަހެކެވެ. ގަހުގެ ފަތްތައް ކުލަމަރުވެފައި ކަށި ގިނައެވެ. ގޮފިތައް ބިރުވެރިވެފައި މޭވާ ވިހައެވެ. މޫތައް ވަރުގަދަވެފައި ރަހަ ހިއްޗެވެ. ސިހުރަކީ އެ ކަހަލަ އެއްޗެކެވެ. ބާރުގަދަވެފައި ނިމުން ހިތިވާނެއެވެ. ދީނުން ބޭރުވެފައިތިބެގެން ސިހުރުވެރީން ހަދާ ސިހުރު އުފުލަނީ ޖިންނިސައިތާނުންނެވެ. ލޮލާއި، ކަންފަތާއި، ނިޔަފަތިތަކުގެ ތެރެއިން ވަދެގެން ނާރުތަކުގައި ލެޔާއި އެކުވެގެން އެ މަހުލޫގު ހަރަކާތްތެރިވެއެވެ. އެންމެ މަގުސަދެއް ހާސިލުކުރުމަށް ޓަކައެވެ. އެއީ، ވޭންދެނިވި މަރަކުން، ލަސްލަހުން މީހާ މަރައިލުމެވެ. ކަތުރުފަނިތަކެއް ފަދައިން އެތެރެއިން ބޮއި ހުސްކޮށްލުމެވެ.

ހުސްކޮށްލި ކޮފީތަށި ބެހެއްޓުމަށް ފަހު ޖައުފަރު ގޮނޑީގައި ހަމަޖެހިލިއެވެ. އަސުރަށް ބަންގިގޮވަމުންދިޔަ ނަމަވެސް ނަމާދަށް ދިޔުމުގެ އެއްވެސް ޝައުގުވެރިކަމެއް ޖައުފަރުގެ ނެތެވެ. މޫދުކައިރީގައި ހުރި ކޮފީޝޮޕުގެ މޫދާ އެންމެ ކައިރިއަށް އިނީ ޖައުފަރެވެ. އަނެއް ދެ ގޮނޑީގައި ތިބީ ނަސީމާއި ފާއިޒާއެވެ.

"އަހަންނަކީ ސިހުރުވެރިއެއް،" އެއްވެސް ފިކުރެއް ނެތި ޖައުފަރު ބުނެލިއެވެ. "ކާންބޯން ކުރާ މަސައްކަތަކީ ސިހުރުހެދުން. އެކަމަކު ނަސީމުގެ ކަމެއްވީމަ، ފެށުމުގެ ކުރިން ބުނެލަން ބޭނުން، މީ ހަރާންކަމެއް. ޅީދަރިފުޅަށް ސިހުރުހަދަން ތި އުޅެނީ. މީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން."

އެހެން ބުނެފައި ޖައުފަރުގެ ޖީބުން ދިގު ސިޓީއުރައެއް ނެގިއެވެ. މެދުން މަޅާލާފައިވާ އެ އުރައި އޮތީ ކުޑަކޮށް ފުއްޕައިފައެވެ.

"މީގަ އޮންނާނީ ވަށާފަ އޮތް ކުޑަ ތިން ގުޅަވަރު،" ޖައުފަރު ބުންޏެވެ. "ތިން ދުވަހު ތިން ގުޅަ. ސައި ނޫނީ ޖޫސް ވިޔަސް މީގެ ގުޅައެއް ލައިގެން ގިރާނީ. ގިރާ ނިންމާފަ ގުޅަ އެއްލާލާ! ގުޅައެއް ނުގިރޭނެ. ރަހައެއް ނުލާނެ. ކުލައެއް ނުހުންނާނެ. ވަހެއް ނުދުވާނެ. އެ ތަށި އޭނައަށް ބޯންދިނީމަ އެ ނިމުނީ."

"އޭރުން އޭނައަށް ކިހިނެއް ވާނީ؟" ފާއިޒާ ސުވާލުކުރިއެވެ.

"މަރުވާނީ." ޖައުފަރު ބުނެލިއެވެ.

ނުނިމޭ