11 ޖޫން 2024 - 16:46

ތަފާތު ގިނަ ހަރަކާތްތަކާ އެކު މި އަހަރުގެ ބޮޑު އީދު ހުޅުމާލޭގައި ކުލަގަދަކޮށް ފާހަގަކުރުމުގެ ތައްޔާރީތައް އެޗްޑީސީން ފަށައިފި އެވެ.

އެޗްޑީސީން ބުނީ ދިރާގާއި ޝީޝާއިން ސްޕޮންސާ ކޮށްގެން "މައި ހުޅުމާލެ އީދު އުފާ ޕަވަޑް ބައި ދިރާގު" ނަމުގައި ދިވެހިންގެ މުއްސަނދި ސަގާފަތް ދައްކުވައިދޭ ތަފާތު ހަރަކާތްތަކާއި ކުޅިވަރުތަކާ އެކު ތިން ދުވަހުގެ އިވެންޓެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
1. އީދު ފަށާނީ 15 ވަނަ ދުވަހުގެ ރޭގަނޑު، އީދު ވެދުމާދިމުގެ ފޯރިގަދަ ހަރަކާތުން
2. ޖެހިގެން އަންނަ 16 އަދި 17 ވަނަ ދުވަހު، ދިވެހިންގެ ދުވަސްވީ ސަގާފަތް ދައްކުވައިދޭ ބޮޑު މަސް ދުއްވުމާއި މާލި ޕެރޭޑު އަދި ކޯޑިކެޑުން ފަދަ ތަފާތު ހަރަކާތްތައް
3. ދިވެހި ފަންނާނުންގެ ލައިވް މިއުޒިކް ހުށަހަޅައިދޭ ދިރާގު އީދު ޝޯ
މި އީދު ހަރަކާތްތަކުގައި ބައިވެރިވާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އީދު ހަދިޔާގެ ގޮތުގައި ޝީޝާ މޯލްޑިވްސް ގެ ފަރާތުން 160 ސީސީ އެއާ ބްލޭޑް ސައިކަލެއް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް ހަމަޖެހިފައި ވާއިރު ހުޅުމާލޭގެ ފޭސް 1ގައި ނަމާދު ކުރާނީ ސިންތެޓިކް ޓްރެކްގަ އެވެ. އަދި ފޭސް 2ގައި ބޮޑު ޖަމާއަތުގައި ކުރާނީ ކްރިކެޓް ސްޓޭޑިއަމްގަ އެވެ.
އެޗްޑީސީން ބުނީ އީދު ނަމާދަށް ފަހު ސިންތެޓިކް ޓްރެކުގައި ދިރާގު އީދު ބޮނޑިބަތް އޮންނާނެ ކަމަށެވެ.
ތަފާތު އެކި ހަރަކާތްތަކާއެކު ކުރިއަށްގެންދާ "މައި ހުޅުމާލެ އީދު އުފާ" އާ އެކު މިއަހަރުގެ އަޟްހާ އީދު ވެގެންދާނީ ވަރަށް ފޯރިގަދަ އީދަކަށް ކަމަށް އެޗްޑީސީން ބުންޏެވެ.