11 ޖޫން 2024 - 10:53

އިންޑިއާއާ އެކު ބާއްވާ ހާރިޖީ ގުޅުން ކުރިމަގުގައި ބައްޓަން ކުރާނީ ރާއްޖެ އަށް ފައިދާވާނެ ގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ނިއު ދިއްލީގައި ހުންނަވައި ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެޑައިގަތުމަށް ކުރެއްވި އެ ދަތުރުފުޅު ރާއްޖެ އަށް ވަރަށް ކާމިޔާބު ކަމަށެވެ.

އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ދައުވަތެއް ދެއްވީތީ ވަރަށް އުފާފުޅު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަދި ބައްދަލުވުންތަކަށް ވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން، އިންޑިއާގެ ބޮޑުވަޒީރާއި ރައީސް އަދި ޖައިޝަންކަރުއާ ވެސް ބައްދަލުވި. ރާއްޖެ އަށް އިރާދަކުރެއްވިއްޔާ ރަނގަޅު ކަންތައްތައް ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ގުޅުމުގެ ތެރެއިން ކުރިއަށް ވުރެ ވެސް ރަނގަޅުވެގެން ދާނެ ކަމަށް ޔަގީންކުރަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ރާއްޖެ އަށް ރަނގަޅު ގޮތް، ދިވެހި ރައްޔިތުންނަށް ހެވާއިލާބަ ލިބޭނެ ގޮތަށް އަޅުގަނޑުމެން ދެ ގައުމުގެ ގުޅުމުގެ ތެރެއިން، އެކުވެރި ގާތް ގުޅުމުގެ ތެރެއިން ކަންކަން ފަހިވެގެން ދާނެ."

ރައީސް މުއިއްޒު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނާ އެކު، ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރެވުނު ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ވެސް މިއަދު ވަނީ ވިދާޅުވެފަ އެވެ.

ބޮޑުވަޒީރު މޯދީ ތިންވަނަ ދައުރަށް މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެކުލަވައިލި ކެބިނެޓުގައި ވެސް އެސްޓާނަލް އެފެއާޒް މިނިސްޓަރުކަމުގެ މަގާމު ފުރުއްވާ ޖައިޝަންކަރު ހެނދުނު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، އޭނާ އަށް ލިބިފައިވާ ތަޖުރިބާ އާއި ކުރެއްވި މަޝްވަރާތަކުގެ އަލީގައި ރައީސް މުއިއްޒާ އެކު ވަރަށް ރަނގަޅު ބައްދަލުވުމެއް ބޭއްވެވި ކަމަށެވެ.
ބޮޑުވަޒީރު މޯދީ މަގާމުގެ ހުވާކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފަހު ރައީސް މުއިއްޒު މިއަދު ހެނދުނު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.
ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ސިފައިން ފޮނުވައިލަން ރައީސް މުއިއްޒު ނިންމެވުމުން ދެ ގައުމުގެ ގުޅުން ހީނަރު ވިޔަސް މިހާރު ވަނީ އެ ގުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށްފަ އެވެ.