ހަމަލާތައް ހުއްޓާލަން ހަމާސް އެއްބަސްވުމަށް ގޮވާލާ ގަރާރު ސަލާމަތީ މަޖިލީހުން ފާސްކޮށްފި
ހަމަލާތައް ހުއްޓާލަން ހަމާސް އެއްބަސްވުމަށް ގޮވާލާ ގަރާރު ސަލާމަތީ މަޖިލީހުން ފާސްކޮށްފި

ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ހުށަހެޅުއްވި ޕްލޭނަށް އިޒްރޭލުން އެއްބަސްވެފައިވާ ކަމަށާއި އެހެންވެ ހަމާސް އިން ވެސް ހުށަހެޅުން ބަލައިގަތުމަށް ގޮވާލައި އެމެރިކާއިން އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު އިއްޔެ ފާސްކޮށްފި އެވެ.

ހަމަލާތައް ހުއްޓާލަން ހަމާސް އެއްބަސްވުމަށް ގޮވާލާ ގަރާރު ސަލާމަތީ މަޖިލީހުން ފާސްކޮށްފި
ހަމަލާތައް ހުއްޓާލަން ހަމާސް އެއްބަސްވުމަށް ގޮވާލާ ގަރާރު ސަލާމަތީ މަޖިލީހުން ފާސްކޮށްފި

ސަލާމަތީ މަޖިލީހުގެ 14 މެންބަރުންގެ ތާއީދު ލިބުނު މި ގަރާރުގައި އެމެރިކާގެ ހުށަހެޅުމަށް މަރުހަބާ ކިޔާ ކަމަށް ބުނެފައިވެ އެވެ. ރަޝިޔާއިން ވަކި ކޮޅަކަށް ވޯޓު ނުދިން މި ގަރާރުގައި ބުނެފައިވަނީ މެއި 31 ގައި ބައިޑެން ހުށަހެޅުއްވި ޕްލޭން ދެ ފަރާތުން ވެސް ޝަރުތަކާނުލައި އަދި ލަސްކުރުމަކާ ނުލައި ތަންފީޒުކުރުމަށެވެ.

މިގޮތަށް އިޒްރޭލް އެއްބަސްވެފައިވާ ކަމަށާއި އެހެންވެ ހަމާސް އިން ވެސް ޕްލޭނަށް އެއްބަސްވާން ގަރާރުގައި ވަނީ ގޮވާލައިފަ އެވެ.

ހަމާސް އިން ވަނީ މި ގަރާރަށް މަރުހަބާ ކިޔާ ކަމަށް ބުނެފަ އެވެ.

އެމެރިކާގެ މި ގަރާރު ފާސްކޮށްފައި ވާއިރު މީގެ ކުރިން އެމެރިކާއިން ވަނީ ހަމަލާތައް ހުއްޓާލަން ގޮވާލައި ސަލާމަތީ މަޖިލީހަށް ހުށަހެޅި އެތައް ގަރާރެއް ވީޓޯކޮށް ފެއިލްކޮށްލައިފަ އެވެ. އެކަމާ ގުޅިގެން އެމެރިކާއަށް ގައުމުތަކުގެ ނުރުހުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.

އެކަމަކު ރައީސް ބައިޑެން މިދިޔަ މަހުން ފެށިގެން އަނެއްކާވެސް ވަނީ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށާއި އިޒްރޭލުގެ ރަހީނުން މިނިވަންކުރުމަށް އިތުރަށް މަސައްކަތްކުރައްވަން ފައްޓަވައިފަ އެވެ.

"މިއަދު މި ވޯޓު ނެގީ ސުލްހަޔަށް،" އދ. އަށް އެމެރިކާއިން ކަނޑައަޅާފައި މަންދޫބު ތޯމަސް-ގްރީންފީލްޑް ވޯޓަށް ފަހު ވިދާޅުވި އެވެ.

"މިއަދު މި ކައުންސިލުން ހަމާސްއަށް މި ދިނީ ވަރަށް ސާފު މެސެޖެއް. އެއީ ހަމަލާތައް ހުއްޓާލުމުގެ ހުށަހެޅުމަށް އެއްބަސްވާށޭ. އިޒްރޭލުން މިހާރުވެސް ވަނީ މި ހުށަހެޅުމަށް އެއްބަސްވެފައި. އެހެންވެ ހަމާސް އިން ވެސް މިގޮތަށް އަމަލުކޮށްފި ނަމަ މިއަދު ވެސް ހަމަލާތައް ހުއްޓުމަކަށް އަންނާނެ."

އެކަމަކު ހަމަލާތައް ދާއިމީކޮށް ހުއްޓުމަކަށް ގެނެވޭނެ ހުށަހެޅުމަކަށް ނޫނީ އެއްބަސް ނުވާނެ ކަމަށް ހަމާސް އިން ތަކުރާރުކޮށް ބުނަމުން ދާއިރު މިފަހަރު ވެސް ހަމާސް އިން ދޭނީ އެ ޖަވާބު ކަމަށް ބެލެވެ އެވެ. އަނެއްކޮޅުން ހަމާސްގެ މި ޝަރުތަށް އިޒްރޭލު ވަރުގަދައަށް ދެކޮޅު ހަދަ އެވެ.

އެމެރިކާގެ ރައީސް ހުށަހަޅުއްވާފައިވާ ޕްލޭންގައި ޣައްޒާގެ އާންމުންގެ އުޅޭ ސަރަހައްދުތަކުން އިޒްރޭލު ސިފައިން ފޭބުމާ އެކު ހަމާސް އިން އިޒްރޭލުގެ ރަހީނުން މިނިވަންކުރަން ޖެހެ އެވެ. ހަމަލާތައް ހުއްޓާލާފައި ހަ ހަފްތާ ވަންދެން ތިބެން ޖެހޭއިރު މި މުއްދަތުގެ ތެރޭގައި މަޝްވަރާކޮށް ދާއިމީކޮށް ހަމަލާތައް ހުއްޓުމަކަށް ގެނެވޭނެ އެއްބަސްވުމަކަށް ދިއުމަށް އެ ހުށަހެޅުމުގައިވެ އެވެ.

ވޯޓަށް ފަހު އިޒްރޭލުގެ މަންދޫބު ބުނެފައިވަނީ "ހަނގުރާމަ ނިމޭނީ އިޒްރޭލު ބޭނުންވާ ކަންކަން ހާސިލްވުމުން" ކަމަށެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ގައި އިޒްރޭލަށް ހަމާސްއިން ހަމަލާދީ ރަހީނުކުރި އެންމެން މިނިވަންކުރުމާއި ހަމާސް ނައްތާލުމުގެ މަގްސަދު ކަމަށް ބުންޏެވެ.

ފަލަސްތީނުގެ މަންދޫބު ރިޔާޒް މަންސޫރު ވިދާޅުވީ މި ގަރާރަށް މަރުހަބާ ކިޔާ ކަމަށާއި އެކަމަކު ގަރާރު ތަންފީޒުކުރުމުގެ ހުރިހާ ޒިންމާއެއް އޮތީ އިޒްރޭލުގެ އަތްމަތީގައި ކަމަށް ވިދާޅުވެފަ އެވެ.

ހަމާސް އިން ދިން ހަމަލާގެ ބަދަލު ހިފުމަށް ހަމާސް ނައްތާލަން ކަމަށް ބުނެ ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 37،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުންނެވެ. -- އޭއެފްޕީ