10 ޖޫން 2024 - 20:28

ރާއްޖެ އިން މި އަހަރު ހައްޖަށް ދާ ދިވެހިންގެ އިސްވެރިއަކަށް ހަމަޖެއްސެވި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ހައްޖަށް ފުރާވަޑައިގެންފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިނިސްޓަރު ހައްޖަށް ފުރާވަޑައިގަތީ ހަވީރު ސައުދީ އެއާލައިންގެ ފްލައިޓެއްގައި ދިވެހި ހައްޖުވެރިންގެ ފަހު ގުރޫޕާއެކު ކަމަށެވެ.
ހައްޖަށް ފުރާވަޑައިގަތުމުގެ ކުރިން މިނިސްޓަރު ވިދާޅުވީ، މިނިސްޓްރީ އާއި ހައްޖު ކޯޕަރޭޝަން ގުޅިގެން ހައްޖާ ގުޅުން ހުރި ހުރިހާ ކަމެއް ވެސް ރާވައި އިންތިޒާމްކޮށްފައި ވަނީ ވަރަށް ފުރިހަމައަށް ކަމަށެވެ.
މިއީ ފަހަކަށް އައިސް އެންމެ ގިނަ ދިވެހިން ބައިވެރިވާ ހައްޖުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ހުރިހާ ހައްޖުވެރިންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
އަމީރުލްހައްޖުގެ ގޮތުގައި ވަޑައިގަންނަވާނެ ބޭފުޅުން ރާއްޖޭގައި ކަނޑައަޅަނީ އަބަދުވެސް ރައީސެވެ. ޝަފީއު ވަނީ އެކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފުރަތަމަ ގްރޫޕްގައި، ފުރީ 298 މީހުންނެވެ. އެ މީހުން ފުރީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ. ދެވަނަ ގްރޫޕް ފުރީ މި މަހުގެ ތިން ވަނަ ދުވަހު އެވެ. އެއީ ޖުމްލަ 353 މީހުންނެވެ. ތިންވަނަ ގްރޫޕުން ދިޔަ 339 މީހުން ފުރީ މިދިޔަ ހުކުރު ދުވަހު އެވެ.
މިއަދު ފުރާފައިވަނީ އިތުރަށް ލިބުނު 150 ކޯޓާގައި ހައްޖަށް ފުރި މީހުންނެވެ.