ރައީސް މުއިއްޒު އިންޑިއާގެ ރައީސްއާ ބައްދަލުކުރައްވައިފި
ރައީސް މުއިއްޒު އިންޑިއާގެ ރައީސްއާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ ރައީސް ޑްރޫޕަތީ މޫރްމޫއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ރައީސް މުއިއްޒު އިންޑިއާގެ ރައީސްއާ ބައްދަލުކުރައްވައިފި
ރައީސް މުއިއްޒު އިންޑިއާގެ ރައީސްއާ ބައްދަލުކުރައްވައިފި

މިއަދު މެންދުރުފަހު ވެރިރަށް ނިއު ދިއްލީގައި ބޭއްވި އެ ބައްދަލުވުމަށް ފަހު ރައީސް އޮފީހުން ބުނީ ދެ ގައުމު އެކުގައި ވަރަށް ގާތްކޮށް އެކުގައި ގުޅިގެން މަސައްކަތް ކުރުމާއި އެހީތެރިވުމުގެ މުހިންމުކަން ދެ ރައީސުން ވެސް ފާހަގަ ކުރެއްވި ކަމަށެވެ.

ރައީސް މުއިއްޒު އިންޑިއާ އަށް ވަޑައިގެންނެވީ އިންޑިއާގެ ބޮޑުވަޒީރު ކަމަށް ތިންވަނަ ދައުރަކަށް އިއްޔެ ހުވާކުރެއްވި ނަރެންދުރަ މޯދީގެ ހާއްސަ ދައުވަތަކަށެވެ. މިއީ ރައީސް މުއިއްޒު އިންޑިއާ އަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ރައީސް ވަނީ މިއަދު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރުއާ އާ ވެސް ބައްދަލުކުރައްވައިފަ އެވެ. ދެ ގައުމު ވަރަށް ގުޅިގެން އެކުގައި މަސައްކަތް ކުރައްވާނެ ކަމަށް ބައްދަލުވުމަށް ފަހު ޖައިޝަންކަރު ވަނީ ވިދާޅުވެފަ އެވެ.

މޯދީ މަގާމުގެ ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭރު ގައުމުތަކުގެ ވެރިންގެ ޝަރަފުގައި އެ ގައުމުގެ ރައީސް ދެއްވި ބެންކުއެޓްގައި ވެސް ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތެވެ. އެ ރިސެޕްޝަންގައި ބޮޑުވަޒީރު މޯދީގެ އެންމެ އަރިހުގައި ހުންނެވި އެއްބޭފުޅަކީ ވެސް ރައީސް މުއިއްޒެވެ. ދެން ހުންނެވީ ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އެވެ.

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ސިފައިން ފޮނުވައިލުމަށް މި ސަރުކާރުން ނިންމުމުން ދެ ގައުމުގެ ގުޅުން ގޯސްވި ނަމަވެސް މިހާރު ވަނީ ގުޅުން ވަރަށް ބޮޑަށް ރަނގަޅުވެފަ އެވެ. މޯދީ ތިންވަނަ ދައުރަކަށް ހޮވުމާ ގުޅިގެން މޯދީ އާއި ރައީސް ބަދަލުކުރެއްވި މެސެޖުތަކުގައި ވެސް އިސްކަންދެއްވީ އެ ގުޅުން ވަރުގަދަކުރުމަށާއި އެއް ގައުމު އަނެއް ގައުމަށް ބޭނުންވެފައިވާ ކަމުގެ މައްޗަށެވެ.