10 ޖޫން 2024 - 10:37

ކުރީގެ ސަރުކާރުގެ ފްލެޓު ކޮމިޓީގައި ތިއްބެވި ބޭފުޅުންގެ ގެ ފާސްކުރަން ފަށައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ފުލުހުންނާ އެކު އެ ކޮމިޓީގެ ބޭފުޅުން ދިރިއުޅުއްވާ ތަންތަން ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފެށީ، އެ ކޮމިޝަނުން ގެންދާ ޖިނާއީ މައްސަލައިގެ ތަހުގީގަށް ކަމަށެވެ.
ވަރަށް ހެނދުނާ ފެށި ފާސްކުރުން އަދިވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ހިންގި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ކަންކަން ބެލެހެއްޓުމަށް އުފެއްދި "ގެދޮރުވެރިންގެ ކޮމިޓީ"ގައި ފަސް ބޭފުޅުން ތިއްބަވަ އެވެ.
ނަމަވެސް، އެނގިފައިވާ ގޮތުގައި، އޭސީސީން ފާސްކުރަމުން އަންނަނީ ހައުސިންގެ އޭރުގެ ސްޓޭޓް މިނިސްޓަރު އަދި ފްލެޓު ކޮމިޓީގެ ޗެއާމަން އަކްރަމް ކަމާލުއްދީނާއި ކުރީގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފާއި އަހުމަދު ވިސާން ނަސީމް އަދި ލިރުއަމް ވަހީދު ދިރިއުޅުއްވާ ތަންތަނެވެ.
ގެދޮރުވެރިޔާ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް، މިދިޔަ ސަރުކާރު ނިމެން ދެ ދުވަހަށްވެފައި އޮއްވައި ނެރުމުން އޭސީސީން ވަނީ ފްލެޓް ދޫކުރުން ހުއްޓުވައިފަ އެވެ.
އޭގެ ގާތްގަނޑަކަށް ދެމަސް ދުވަހުގެ ތަހުގީގަށް ފަހު އޭސީސީން ބުނެފައި ވަނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. ޝަރުތު ހަމަވާ ބާކީ ފޯމުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތީ އެންމެ 20.7 ޕަސެންޓް ފޯމުގަ އެވެ. އަދި އަނެއް 19.7 ޕަސެންޓަކީ ވެސް ޝަރުތު ހަމަވެ، މައުލޫމާތުގެ ފުށުއެރުންތަކެއް ހުރި ފޯމުތަކެވެ.