10 ޖޫން 2024 - 06:46

އިޒްރޭލުން ޣައްޒާގައި ދެމުން ގެންދާ ހަމަލާތަކުގެ ނަތީޖާއާ މެދު ހިތްހަމަނުޖެހޭ އިޒްރޭލުގެ އާންމުންގެ އަދަދު ގިނަވެ ޕްރެޝަރު ބޮޑުވަމުން ދަނިކޮށް "ވޯ ކެބިނެޓް" ގެ ވަޒީރެއް ކަމަށްވާ ބެނީ ގަންޓްޒް އާއި އޭނާގެ ޕާޓީއަށް ނިސްބަތްވާ އެހެން ވަޒީތަކު ވެސް އިއްޔެ އިސްތިއުފާ ދީފި އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ހަމަލާއާ އެކު އެކުލަވާލި ވޯ ކެބިނެޓުން އިސްތިއުފާ ދެއްވި ގަންޓްޒް އަކީ ކުރީގެ އަސްކަރީ ޖެނެރަލެކެވެ. އަދި ޑިފެންސް މިނިސްޓަރުކަން ވެސް ވަނީ ކުރައްވައިފަ އެވެ.
އޭނާ އިސްތިއުފާ ދެއްވާފައި މި ވަނީ ޣައްޒާގެ ހަނގުރާމައަށް ފަހު އަމަލުކުރާނެ ޕްލޭނެއް ނަތަންޔާހޫ ބޭނުންވާ ގޮތަށް މެއި މަހުގެ ކުރިން އެކުލަވައިލުމުގައި ފެއިލްވެފައި ވަނިކޮށެވެ.
މެދުމިނުގެ ސިޔާސަތެއް ގެންގުޅޭ ގަންޓްޒްގެ އިސްތިއުފާއިން، ހަރުކަށި ޔަހޫދީންނާއި ވަތަނީންގެ މައްޗަށް އެކުލެވޭ ނަތަންޔާހޫގެ ކޯލިޝަން ސަރުކާރު ވެއްޓުމުގެ ބިރު ނެތަސް މިއީ ޣައްޒާއަށް އަށް މަސް ކުރިން ފެށިގެން ދެމުން ގެންދާ ހަމަލާތަކުގެ ތެރޭގައި ނަތަންޔާހޫގެ ސަރުކާރަށް ސިޔާސީ ގޮތުން ކުރިމަތިވި އެންމެ ބޮޑު އެއް ގެއްލުމެވެ.
ގަންޓްޒްގެ އިސްތިއުފާ އަކީ ހަރުކަށި ފިކުރުގެ ޕާޓީތަކަށް ނަތަންޔާހޫ އިތުރަށް ބަރޯސާވާން ޖެހޭ ސަބަބަކަށް ވެދާނެ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.
އަސްކަރިއްޔާގެ ކުރީގެ ވެރިއެއް ކަމަށްވާ ގާޒީ އީޒެންކޯޓް ވެސް ވަނީ ވޯ ކެބިނެޓުން ވަކިވެފަ އެވެ. ގަންޓްޒްގެ ޕާޓީގެ ވަޒީރެއް ކަމަށްވާ އީޒެންކޯޓް ވެސް އިމަޖެންސީ މި ކެބިނެޓުން ވަކިވުމުން މިހާރު ބާކީ ތިބީ އެންމެ ތިން މެންބަރުންނެވެ.
ޣައްޒާގައި ދެމުން ގެންދާ ހަމަލާތަކާ ގުޅޭ ގޮތުން ބޮޑެތި ހުރިހާ ނިންމުންތަކެއް ނިންމަނީ ވޯ ކެބިނެޓުންނެވެ.
"ނަތަންޔާހޫ ގެންދަނީ ހަގީގީ ކާމިޔާބީއަކާ ދިމާލަށް ދިއުމަށް ހުރަސްއަޅަމުން. ވަރަށް ދެރަވެ ތިބެ އަހަރެމެން މި އިމަޖެންސީ ސަރުކާރުން މި ވަކިވަނީ އެހެންވެ،" ގަންޓްޒް ބުންޏެވެ. "ނަތަންޔާހޫ އަށް މި ގޮވާލަނީ ރައްޔިތުން ބައިބައިވެ ހަލާކުވާން ދޫކޮށްނުލައި އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައަޅަން."
އެއާ އެކު ނަތަންޔާހޫ ވަނީ ގަންޓްޒްއަށް ރައްދު ދީފަ އެވެ.
"މިއީ ހަނގުރާމަ ދޫކޮށްލާފައި ދާންވީ ވަގުތެއް ނޫން. މިއީ ސަފުތަކާ ގުޅެންވީ ވަގުތު،" އޭނާ ބުންޏެވެ.
ގަންޓްޒް ވަނީ ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލުގެ އެތައް ބަޔަކު އަދިވެސް ސަލާމަތްކުރެވިފައި ނުވާތީ އާއިލާތަކުގެ ކިބައިން މާފަށް ވެސް އެދިފަ އެވެ.
މި ހަފްތާގައި އިޒްރޭލުން ޣައްޒާގެ ރެފިއުޖީ ކޭމްޕަކުން އެތައް ސަތޭކަ މީހުންނެއް ޝަހީދުކޮށްލުމަށް ފަހު އިޒްރޭލުގެ ހަތަރު ރަހީނަކު ސަލާމަތްކޮށްފައި ވިޔަސް އެކަމުގެ ސަބަބުން ނަތަންޔާހޫއަށް މާބޮޑު ތާއީދެއް އިތުރުވި ކަމަކަށް ނުބެލެވެ އެވެ. ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 37،000 މީހަކު ޝަހީދުކޮށްލާފައި ވިޔަސް ނަތަންޔާހޫ ބުނަމުންދާ ގޮތަށް ހަމާސްގެ ބާރު އަދިވެސް ކަނޑުވައެއް ނުލެވެ އެވެ. -- އޭއެފްޕީ