ސުޝާންތުގެ އާ ފިލްމު ބިނާކޮށްފައިވަނީ "އެޕޯލޯ 11 މިޝަން"އަށް
ސުޝާންތުގެ އާ ފިލްމު ބިނާކޮށްފައިވަނީ "އެޕޯލޯ 11 މިޝަން"އަށް

ސުޝާންތު ސިންގް ރާޖްޕޫތަކީ ޓީވީ ސިލްސިލާތަކުން ބޮލީވުޑަށް ނުކުތް އެންމެ ކާމިޔާބު އެއް އެކްޓަރެވެ. "ކައި ޕޯ ޗޭ" އިން ހިންދ ފިލްމީ ދުނިޔެއަށް ތައާރަފް ވުމަށްފަހު ސުޝާންތު ކުޅުނު ގިނަ ފިލްމުތަކަކީ ކްރިޓިކްސް އާއި ބެލުންތެރިންގެ ތަރުހީބު ލިބުނު ފިލްމު ތަކެކެވެ. ޚާއްސަކޮށް އޭނާގެ އެންމެ ފަހުގެ ރިލީޒް "އެމް.އެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" ގެ ބޮޑު ކާމިޔާބުން ސުޝާންތު ވަނ ބޮލީވުޑްގައި އޭނާގެ މަގާމު ވަރުގަދަކޮށް ކުރިއެރުންތައް ހޯދާފަ އެވެ.

މިހާރު ސުޝާންތު ތައްޔާރުވެފައިވަނީ "ޗަންދާ މާމާ ދޫރް ސޭ" އަށެވެ. މިއީ އެންމެ ފުރަތަމަ އިންސާނަކު ހަނދަށް ކުރި ދަތުރު، އެޕޯލޯ 11 މިޝަންގެ މައްޗަށް ތައްޔާރުކުރާ ފިލްމެއް ކަމަށް ނޫސްތަކުގައި ބުނެފައިވެ އެވެ.

ސުޝާންތު ކޮށްފައިވާ ޓުވީޓަކުން ވެސް މިކަން ޔަގީން ކުރެވެ އެވެ.

"އަހަރެން އަބަދުވެސް ހިތަށް އަރާ ހަނދަށް ދާން ކުރި ނުވަ ދުވަހުގެ ދަތުރުގައި ނީލް އާމްސްޓްރޯންގާއި ބަޒް އަދި މައިކަލްގެ އިހްސާސްތައް ހުރީ ކިހިނެއް ބާއޭ. މިހާރު އަހަންނަށް އެ މީހުންގެ އިހްސާސްތައް ހުންނާނެ ގޮތް އެނގިއްޖެ،" ސުޝާންތުގެ ޓުވީޓްގައި ބުނެފައިވެ އެވެ. އަދި މި ޓުވީޓާއެކު އެޕޯލޯ 11 ގެފްލައިޓް ޖާނަލް ތަކެއްގެ ފޮޓޯ ހިމަނާފައިވެ އެވެ.

މި ފލްމުގެ ޑައިރެކްޓަރު ސަންޖޭ ޕޫރަން ސިންގް ޗައުހާން ބުނެފައިވާ ގޮތުގައި އެމީހުން އުފައްދާ ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ ހަމައެކަނި އެންމެ ކަމަކަށް ނޫނެވެ. އިންސާނުން ފުރަތަމަ ފަހަރަށް ހަނދަށް ދިއުމާއި އެފަދަ ވަރަށް ގިނަ ހާދިސާތަކުން އެމީހުންގެ ފިލްމަށް ޚިޔާލުތައް ނަގާފައިވާނެ ކަމަށް ބުންޏެވެ. އޭނާ ބުނީ އިންޑިއާއިން ފުރަތަމަ ފަހަރަށް ހަނދަށް ދާ އެސްޓްރޮނޯޓުގެ ވާހަކަ ވެސް ފިލްމުގައި ކޮންމެވެސް ވަރަކަށް ހިމެނޭނެ ކަމަށެވެ. އެކަމަކު އެ މިޝަން އަށް ބިނާކޮށް ފިލްމެއް ހެދިދާނެ ކަމަށް އުންމީދު ވެސް ކުރާކަށް ނުވާނެ ކަމަށް އޭނާ ބުންޏެވެ.

އެހެންކަމުން ސުޝާންތު ވެސް ފިލްމުގައި ކުޅޭނީ ހަނދަށް ދިޔަ މިޝަންގައި ބައިވެރިވި އެސްޓްރޮނޯޓެއްގެ ކެރެކްޓާއެއް ނޫނެވެ. ފިލްމުގައި ދައްކާނީ ޚިޔާލީ ސްޕޭސް ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމްގެ ދަށުން އިންޑިއާގެ ފުރަތަމަ އެސްޓްރޮނޯޓް 2018 ގައި ހަނދަށް ދާ ގޮތެވެ.

ނަވާޒުއްދީން ސިއްދީގީ ވެސް މި ފިލްމުގައި ބައިވެރިވެ އެވެ. އޭނާ އާއި ސުޝާންތަކީ ވެސް މި ފިލްމުގައި އެސްޓްރޮނޯޓުންނެވެ. އަދި މި ފިލްމަށް ތައްޔާރުވުމަށް ނާސާގައި ވެސް ސުޝާންތު ތަމްރީނު ހަދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

"ޗަންދާ މާމާ ދޫރް ސޭ" އަކީ ކުރިއަށް އޮތް ތަނުގައި ހިގައިފާނެ ކަމަކަށް ބިނާކުރާ "ފިއުޗަރިސްޓިކް" ފިލްމެއް ކަމަށާއި ބޮލީވުޑްގައި މިކަހަލަ ފިލްމެއް އުފައްދާފައި ނުވާތީ ފިލްމާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށް ނަވާޒުއްދީން ބުންޏެވެ.