10 ޖޫން 2024 - 05:31

އީރާންގެ ރައީކަމުގައި ހުންނެވި އިބްރާހިމް ރައީސީ، ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާއެއްގައި އަވަހާރަވުމާ ގުޅިގެން މި މަހު ބާއްވާ ކުއްލި އިންތިހާބަށް ހަ ކެންޑިޑޭޓެއްގެ ނަން ފާސްކޮށް އިއްޔެ އިއުލާނުކޮށްފި އެވެ.
މި ހަ ނަން ހާއްސަ ކައުންސިލަކުން ފާސްކޮށްފައިވަނީ އިންތިހާބަށް ނަން ހުށަހެޅި 80 މީހުންގެ ތެރެއިންނެވެ.
މި މަހު 28 ގައި އޮންނަ އިންތިހާބަށް ފާސްވި ނަންތަކުގެ ތެރޭގައި ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ޣާލިބާފް އާއި ނިއުކްލިއާ މަޝްރޫއާ ގުޅޭ މަޝްވަރާތަކުގެ ވެރިޔަކަށް ކުރިން ހުންނެވި ސައީދް ޖަލީލީ ހިމެނި ވަޑައިގަންނަވަ އެވެ.
އީރާން ސަރުކާރުގެ ވިސްނުމާ އެއްގޮތް ސިޔާސަތުތަކެއް ގެންގުޅުއްވާ މި ދެ ބޭފުޅުންގެ އިތުރުން ދެން ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ބަދަލަށް މަސައްކަތްކުރައްވާ ބޭފުޅެއްގެ ގޮތުގައި ފާހަގަވަނީ، ގާނޫނު ހަދާ މަޖިލީހުގައި އިރުމަތީ އަޒަރްބައިޖާން ސިޓީގެ ވެރިރަށް ތަބްރީޒް ތަމްސީލްކުރައްވާ މެންބަރު މަސްއޫދު ޕެޒެޝްކިއާން އެވެ.
ކުރީގެ އިންޓީރިއާ މިނިސްޓަރު މުސްތަފާ ޕޫރުމުހައްމަދީގެ ނަން ވެސް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
ދެން ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ ތެހެރާންގެ މޭޔަރު އަލީރިޒާ ޒަކާނީ އަދި މިހާރުގެ ނައިބު ރައީސް ޣާޒީޒަދީހް ހާޝިމީ އެވެ.
މީގެ ކުރިން 2017 އަދި 2021 ގައި ވެސް ރިޔާސީ އިންތިހާބަށް ނަން ހުށަހެޅުމުން ނަން ފާސް ނުވި ކުރީގެ ރައީސް މަހްމޫދު އަހްމަދީނިޖާދުގެ ނަން މިފަހަރު ވެސް ފާހެއް ނުކުރެ އެވެ.
މެދުމިނުގެ ސިޔާސަތެއް ގެންގުޅުއްވާ، ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ ރައީސް އަލީ ލަރިޖާނީ އަދި ސިފައިންގެ ކުރީގެ ކޮމާންޑަރެއް ކަމަށްވާ ވާހިދު ހަޣާނިމްގެ ނަން ވެސް ފާހެއް ނުވެ އެވެ. އެންމެ ފަހުން އޮތް އިންތިހާބުގައި ވެސް މެދުމިނުގެ ސިޔާސަތު ގެންގުޅޭ ގިނަ ކެންޑިޑޭޓުންގެ ނަންތައް ފާހެއް ނުކުރެ އެވެ. -- އޭއެފްޕީ