22 ފެބުރުއަރީ 2017 - 14:38

ސައުދީ އަރަބިޔާގެ އިސް ފަރާތްތަކަށް ފ. އަތޮޅު "ވިއްކާލަން" އުޅޭ ކަމަށް އަޑު ފެތުރިފައިވާތީ، ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް ބުނެ އެމްޑީޕީ އާއި އަދާލަތު ޕާޓީން އެކަމަށް ފާޑު ކިޔައިފި އެވެ.
ޓޫރިޒަމްގެ މަޝްރޫއުއަކަށް ފ. އަތޮޅު ވިއްކާލަން އުޅޭ ކަމަށް އަޑުފެތުރިފައި ވަނީ ސައުދީ ރަސްގެފާނު ސަލްމާނު ބިން އަބްދުލްއަޒީޒު އަންނަ މަހު ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައި ވަނިކޮށެވެ. އެކަމަކު އެ ވާހަކަތަކާ ބެހޭ ގޮތުން ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައިވަނީ ރާއްޖޭގެ އެއްވެސް ތަނެއް ބޭރުގެ ބަޔަކަށް ވިއްކަން އެ ޕާޓީން ދެކޮޅު ހަދާ ކަމަށާއި ފ. އަތޮޅު ވިއްކާލުން ހުއްޓާލަން ސަރުކާރަށް ގޮވާލާ ކަމަށެވެ. އެކަމަށް ފ. އަތޮޅު ރައްޔިތުން ދެކޮޅު ހަދަމުންދާއިރު އެކަން އެގޮތަށް ކުރުމަކީ ރައްޔިތުންނަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބޭނެ ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
އެފަދަ މުއާމަލާތްތަކަކީ ބާތިލް މުއާމަލާތްތަކެއް ކަމަށާއި އެމްޑީޕީގެ ސަރުކާރެއްގައި އެފަދަ ތަންތަން އަނބުރާ އަތުލާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
އަދާލަތުގެ ބަޔާނުގައިވަނީ ރާއްޖޭގެ އެއްވެސް ތަނެއް ބޭރުގެ ބަޔަކަށް ވިއްކުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށާއި އެތަންތަނަކީ ހުރިހާ ރައްޔިތުންގެ މަސްލަހަތު އޮތް ތަންތަން ކަމަށެވެ. އަދި ބޭރުގެ ފަރާތްތަކަށް ބިން ވިއްކޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީ އިސްލާހު ކުރުމަކީ މަޖިލީހުން ހިންގާފައި އޮތް ފިނޑި އަމަލެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ފ. އަތޮޅު ވިއްކުމުގެ މައްސަލާގައި ރައްޔިތުންގެ ނުތަނަވަސްކަން އޮތްއިރު އެކަމުގެ މައުލޫމާތު ސަރުކާރުން ހާމަކޮށްދޭން ޖެހޭ ކަމަށް ވެސް އަދާލަތުގެ ބަޔާނުގައިވެ އެވެ.
ފ. އަތޮޅު ވިއްކާލުމާ ގުޅޭގޮތުން ދެކެވޭ ވާހަކައަށް ސަރުކާރުން އެއްޗެއް ނުބުންޏަސް ދާދިފަހުން ރައީސް އަބްދުﷲ ޔާމީން ވަނީ ފ. އަތޮޅުގައި ސައުދީން ބޮޑު މަޝްރޫއުއެއް ހިންގަން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އޭގެ ތަފްސީލެއް ރައީސް ނުދެއްވަ އެވެ.
ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން ވިއްކާލުމުގެ ބާރު ސަރުކާރަށް ލިބޭ ގޮތަށް 2015 ގައި ވަނީ ގާނޫނު އަސާސީ އަށް ވަނީ އިސްލާހު ގެނެސްފަ އެވެ.