ބިންގަރާސް
ބިންގަރާސް

ބުދަ ދުވަހާ ގުޅޭ

"ދެން އޭނަ ވަރިކުރޭ!" އެ ފަހަރު ސާދާ އިބާރާތުން ފާއިޒާ ބުންޏެވެ.

ކައިވެނިކުރަނީ ވަރިކުރާކަށް ނޫނެވެ. އެކުގައި ދިރިއުޅޭށެވެ. އެކަކުއަނެކަކަށް ދިމާވާ އުފަލާއި ހިތާމައިގައި ބައިވެރިވެ، އަރިއަޅައިލުމުން އަތުގައިހިފައި، ދިމާވާ ހުރަސްތައް ގިރާކޮށް، މައްސަލަތައް ހައްލުކޮށްގެން އިނދެގެން އުޅޭށެވެ. ރާއިދުގެ ވިސްނުންހުރީ އެހެންނެވެ. ނަޖްވާންގެ ކުޑަ ނަމަވެސް އެއްބާރުލުމެއް ލިބުނު ނަމަ، ހަޔާތުގެ އަޑިގުޑަން ގިނަ މަގުތަކުގައި، ނަޖްވާން ގޮވައިގެން ހިނގަން ރާއިދު ހުރީ ތައްޔާރަށެވެ. ހިތާމައަކީ، އެ ހުވަފެން ވިހާލިވެފައިވާކަމެވެ. އުންމީދު ހާވިޔާވެއްޖެކަމެވެ. މަންމަގެ މާގަސްތައް ނަޖްވާން މަރައިލި ދުވަހަކީ، ނަޖްވާނަށް ރާއިދު ކުރި އިތުބާރުގެ އިން ފަހަނައެޅި ދުވަހެވެ.

"ކޮށްފާނެއްނު!" ނަޖްވާން ބުންޏެވެ. "ވަރިހަމަ މިޔަދު ކުރިޔަސް."

ދަރާފައިވާ ކޮފީދިނުމަށް ޓަކައި، ރަސްފަންނުގެ ފަވީލާގައި ހުރި ރެސްޓޯރަންޓެއްގައި ދިފްލާއާއި ނަޖްވާން ތިއްބެވެ. ހަވީރުގެ ހިތްގައިމު ވަގުތެވެ. ވާޖިބުއަދާކުރުމަށް ފަހު، އޮއްސެމުން އިރު ހަނާއަޅައިލި ވަގުތު ވެސްމެއެވެ.

"ވަރިހަމައެއް ނުވާނެ ނަޖޫ!" ސައިފޮދެއް ބޯލަމުން، ނަސޭހަތުގެ ރާގެއްގައި ދިފްލާ ބުންޏެވެ. "ނަޖޫ ބޭނުންތަ ޑިވޯސްވާން؟"

"އޭނައަކަށް ނުކެރޭނެ ޑިވޯސްކުރާކަށް،" ވަރަށް ޔަގީންކަމާ އެކުގައި ނަޖްވާން ބުންޏެވެ. "އެއަށް ވުރެ މާ ލޯބިވާނެ."

"ތީ ހަމަ ޔަގީންކަމެއް،" ދިފްލާ ވެސް އެއްބަސްވިއެވެ. "ނަޖޫ ދެކެ ރާއިދު ވަރަށް ލޯބިވޭ! އެކަމަކު ރާއިދަކަށް ނުކެރޭނޭ ޑިވޯސްކުރާކަށް އެހެން ނުބުނޭ! ވަރަށް ލޯބިވާ މީހެއް ދެކެ ފޫހިވާ އިރު ވަރަށް ފޫހި ވެސް ވާނެ. ނަޖޫ އެބަ ޖެހޭ ޗޭންޖުވާން. ވެދާނެ މީ ލާސްޓް ޗާންސްކަމަށް ވެސް. ކޮބާ އަސްލު މައްސަލައަކީ؟"

ދިފްލާގެ އުމުރު ވަރަށް ހަގެވެ. އެ ވަރު ކުއްޖަކަށް މައިދައިތަގެ މައްސަލަ ހައްލުކޮށްދެވޭނީ ކިހިނެއްހެއްޔެވެ؟ ކޮފީތަށި ގިރައިލަގިރައިލާއިން ނަޖްވާން ހިތަށްއަރަނީ އެހެންނެވެ. އެކަމަކު ދިފްލާ ކުރެއްނުކުރާނެއެވެ. އޭނަގެ އަނގަބަންދުކުރެވޭނީ ކަމުގެ އުނދަގޫކަން ވިސްނިގެންނެވެ. އެހެންވެ، ސަބަބު ބުނެދޭން ނަޖްވާން ނިންމިއެވެ.

"ރާއިދު މަންމަ އަހަރުމެން ދޭތެރެއަށް ވަންނާތީ މައްސަލައަކީ،" އިސްޖަހާލައިގެންއިނދެ ނަޖްވާން ބުންޏެވެ. "އޭނަ އަދިވެސް އުޅެނީ ރާއިދު ބަނޑުގަ ބާއްވަން. މެރީކުރީ އަހަންނާ! ހަދަންޖެހެނީ މަންމަ ބުނާ ގޮތް. ފެއާއެއް ނޫނެއްނު! ނުބެހޭ ހަމަ އެއް ކަމެއް ވެސް ނޯވޭ!"

"އޭނައަށް ހީވަނީކަން ނޭނގެއެއްނު ނަޖޫ އުޅެނީ ރާއިދު ކާލާށޭ!" ދިފްލާ ދިނީ ސަމާސާ ޖަވާބެކެވެ.

"ކެޔަސް ކީއް؟" ދިފްލާއަށް ބަލައިލަމުން ނަޖްވާން ބުންޏެވެ. "އެއީ އަހަރެންގެ ކޭކެކޭ! އަހަރެންގެ ހަސްބަންޑަށް އަހަރެންގެ އެއްވެސް ބާރެއް ނުފޯރަންޏާ، ކޮބާ މެރީކޮށްގެން އުޅުމުގެ ޕޮއިންޓެއް؟ އަހަންނަށް ފެނޭ ރާއިދު މަންމަގެ ހަސްބަންޑް ކުޑަކޮށްލާފަހުންނަ ވަރު. ހީވާނީ ރޮބޮޓެއްހެން. ކޮމާންޑް ދޭނީ. ކާންހިނގާ! ދާންހިނގާ! ޓީވީ ހުޅުވާ! އޭނަގެ ހަސްބަންޑް ވެސް އޭނައަށް. އަހަރެންގެ ހަސްބަންޑް ވެސް އޭނައަށް. ދެކޮޅުން ކާ ވެނެއްތަ އެއީ؟ ދިފްލާ ނަމަވެސް ފެޑަޕްވާނެ!"

"ކީއްވެބާ ފާއިޒާ އެހެން ހަދަނީ ދޯ؟" ވިސްނަމުން ދިފްލާ ބުނެލިއެވެ.

"މަ ބުނެފާނަން ކީއްވެގެންކަން،" ނަޖްވާން ވަގުތުން ބުންޏެވެ. "އޭނަޔާ ޑިސްކަސްނުކޮށް ވެޑިންޑްރެސް ފެހީމަ. އަހަރެން ލާ ހެދުމެއް އަހަރެން ބޭނުން ގޮތަކަށް ނޫންތަ ފަހާނީ؟ ކިހާ ހެއްވާ؟"

ނަޖްވާންގެ ރުޅި ހުރީ ތިން އަދަދުގެ ނަންބަރެއްގައެވެ. އެ ހާލަތުގައި ދިފްލާގެ އަޑެއް ނަޖްވާނަކަށް ނީވޭނެއެވެ. ރުޅިމަޑުކުރުވަން ހަދަންވާ ގޮތް ދިފްލާއަށް އެނގެއެވެ. އެކަމަކު، އިރުއިރުކޮޅާ ރާއިދު ގުޅައެވެ. ނަޖްވާންގެ މަންމަ ގުޅައެވެ. ވާހަކައިގެ ތެރެއަކަށް ނަޖްވާނަކަށް ނުއެއް ވަދެވެއެވެ.

"ނުވަދެވެޔޭ؟ އެއީ ކީއްވެ؟" ހައިރާންވެފައި ފާއިޒާ އެހިއެވެ.

ނަދީމާ ހުރީ ފާއިޒާ ކޮޓަރީގެ ދޮރުމަތީގައެވެ. ފާއިޒާ އިނީ ކިޔަވާށެވެ. ދެނަމާދު ދޭތެރެއަކީ، ގުރުއާންކިޔެވުމަށް ފާއިޒާ ހާއްސަކުރާ ވަގުތުކޮޅެކެވެ.

".. ދޮރު ތަޅުލާފަހުރީ!" ބުނީމައި މައްސަލަޖެހޭނެކަން އެނގޭތީ، ބުނަންނުބުނަން ހުރެފައި ނަދީމާ ބުންޏެވެ.

"އޭނ؟ އަނެއްކާ އަނެއް ހަ ކަންތައް،" އެނދުން ތެދުވަމުން ފާއިޒާ ބުންޏެވެ. "އަހަންނަށް ޔަގީން އެ ޑަސްބިން ހުންނާނީ ފުރިފަކަން. މިހާރު ވެސް ނޭނގެ ކުނިބަލާ ނާންނަކަމެއް. ޑަސްބިން ހުސްނުކޮށްފިއްޔާ ކިހާ ނުބައި ވަހެއްދުވާނެ؟ ރާއިދެއް ކޮޓަރި ތަޅެއް ނުލާނެ. އެ ކަހަލަ ހުރިހާ ނުލަފާކަމެއް ކުރާނީ ނަޖްވާން. އެއްވަރުގެ ކަންތައް. މީހަކަށް ނޯންނާނެ ކިޔަވާލަން ވެސް އިނދެވޭކަށް. ހައްދަވައިގެން ކަމެއް ނުކުރާތާނގަ އެހެން މީހުންނަށް ހުރިހާ ނުހޮރުއްޕާނެއް."

ނަގުލުން ބަޑިއަޅަމުން ފާއިޒާ ގޮސް ރާއިދު ކޮޓަރީގެ ދޮރުގައިހިފައިލިއެވެ. ދޮރު ހުރީ ތަޅުލައިފައެވެ. ފާއިޒާ އަތުގައި ވެސް ތަޅުދަނޑިއެއް އޮވެއެވެ. އެހެނަސް، ބޭނުންކުރަންޖެހޭލެއް މަދުކަމުން އެ ތަޅުދަނޑި ބޭއްވޭ ތަން އަބަދު ވެސް އޮންނަނީ ހަނދާންނެތިފައެވެ.

"އޭނައަށް ގުޅާ!" ފާއިޒާ އަމުރުކުރިއެވެ. "ބުނޭ ހުޅުވަން އަންނާށޭ!"

"ފާއިޒާގެ އަމުރަކަށް ނަދީމާ ތަބައެއްނުވިއެވެ. ބަލަހައްޓައިގެން ހުރީއެވެ.

"ކީއްވެ ބަލަހައްޓައިގެން ތި ހުންނަނީ؟" ފާއިޒާ ސުވާލުކުރިއެވެ.

".. މީ.. ކުރީ ދުވަހު ވެސް ނަޖޫދައްތައަށް ގުޅީމަ ބުނީމަ ނުގުޅައްޗޯ!" ނަދީމާ ތެޔޮ ތާހަށް ފެންޖެހިއެވެ.

ފާއިޒާ ވަގުތުން ހިނގައިގަތެވެ. ކޮޓަރިއަށް ވަދެ، ރާއިދަށް ގުޅުމަށް ޓަކައެވެ. އެ ދުވަހަކީ، ނަޖްވާންގެ ކައިވެނީގެ ފަހުދުވަސްކަމުގައި ހަދަން ފާއިޒާ އަތުކުރިއޮޅައިލިއެވެ. ނަޖްވާން ގެއަށް ވަނީ އެ ދަނޑިވަޅުއެވެ.

"މިޔޮއް ވަޑައިގަތީ!" ފާއިޒާ ބުންޏެވެ. "ކީއްވެތޯ ދޮރުތަޅުލާފަ މިހިރީ؟"

ނަޖްވާންގެ ދުލަށްއައި ޖަވާބުތައް ގިނަކަމުން، ފުރަތަމަ ބުނާނެ އެއްޗެއް ނަޖްވާނަކަށް ނުވެސް އެނގުނެވެ. ކޮޓަރިއަށް ވަންނަން އައިސްފައި، އަނބުރާލައިފައި ގޮސް އުނދޯލީގައި އިށީނދެފައި ނަޖްވާން ފޯނާކުޅެން ފެށިއެވެ. ކެތްތެރިކަމުގެ ފަހު އިމުތިހާނުން ފާސްވޭތޯއެވެ.

"މި ދޮރު ހުޅުވަބަލަ!" ދޮރުގައި އެތިފަހަރެއް ޖަހައިފައި ފާއިޒާ ބުންޏެވެ.

އެ ފަހަރު ވެސް، އެތައް ގޮތަކަށް ޖަވާބުދޭން ނަޖްވާން ހިތަށްއެރިއެވެ. ނުހުޅުވާނަމޭ ވެސް ބުނެވުނީހެވެ. ތީ ކަލޭގެ ކޮޓަރިއެއް ނޫނޭ ނުވަތަ ކޮޓަރީގެ ވެސް އެއް ތަޅުދަނޑި ހާއްޔަށްލައިގެން ނޫންހޭ ތި އުޅެނީ ވެސް ބުނަން ހިތަށްއެރިއެވެ. ދުލާ ހަމައަށް އެ ޖުމުލައައި ވެސްމެއެވެ. ނުބުނެވުނީ ހަމަ ކިރިޔާއެވެ. ދެން ވެސް އެއްޗެއް ނުބުނެ އިންދައި، ދިފްލާ ދެއްކި ވާހަކަތައް ހަނދާނަށް އައެވެ. ވުމާއެކު، ޖީބުން ތަޅުދަނޑި ނަގައިފައި ނަދީމާއާ ދިމާއަށް އެއްލިއެވެ. އެއީ ވަކީން އޮތް އެންމެ ތަޅުދަނޑިއެކެވެ. ހަގީގަތުގައި ތަޅުދަނޑި ދޭކަށް ނަޖްވާން ބޭނުމެއް ނޫނެވެ. އެންމެ ބޭނުންވީ ފާއިޒާ ރުޅިއަރުވައިލާށެވެ. އެހެން ނެހެދީއެވެ. ތަޅުންގަޑުމަތިން ފުމެމުންދިޔަ ތަޅުދަނޑި މައިތިރިވީ ފާއިޒާގެ ފައިގެ ބޮޑުވައި އިނގިލީގައި ޖެހިފައެވެ. ވަރަށް މަޑުމަޑުންނެވެ. ފާއިޒާއަށް ހީވީ އިނގިލި މައްޗަށް ދުނިޔެ ވައްޓައިލިހެންނެވެ. ތަޅުދަނޑި ނަގަން ނަދީމާ ހަރަކާތްކޮށްލި ވަގުތު، ފާއިޒާ ފައިންޖަހައި ތަޅުދަނޑި ވިއްސައިލިއެވެ. ތަޅުދަނޑި ދިޔަ ދިމާއެއް އެކަކަށް ވެސް ނޭނގެއެވެ. އެ ހިސާބުން، ދުވަހުގެ ޑުރާމާ ނިމުނީއެވެ. ފާއިޒާ ގޮސް ކޮޓަރިއަށް ވަނެވެ. ދާނެ ކޮޅެއް ނޭނގިގެން ހުރެލައިފައި، ނަދީމާ ގޮސް ބަދިގެއަށް ވަނެވެ. ގޮތެއް ނެތުނީ ނަޖްވާނަށެވެ. ތަޅުދަނޑި ވީ ތަނެއް ނަޖްވާނަކަށް ނޭނގުނެވެ. އެންމެން ދިޔުމުން އުނދޯލިން ތެދުވެގެން ގޮސް ހޯދާހޯދައި ވެސް ތަޅުދަނޑިއެއް ނުފެނުނެވެ. އެ ވާހަކަ ބުނަން ރާއިދަށް ގުޅާގުޅައި ރާއިދު ފޯނެއް ނުނެގިއެވެ. މައްސަލަ ރާއިދަށް އިވުނީ، ހަމަ އެކަނި މަންމަގެ ދުލުންނެވެ. އެ ވަރު ރާއިދަށް ފުދުނެވެ.

"އަހަރެން ގުޅާގުޅާ!" ރާއިދު ގެއަށް ވަނުމުން ނަޖްވާން ބުންޏެވެ. "އެނގޭތަ؟ އަހަރެން..."

އެހައި ހިސާބަށް ނަޖްވާން ބުނި އިރު ރާއިދު އަތްދިއްކޮށްފައި، ހުއްޓައިލުމަށް ބުނެފިއެވެ. ނަޖްވާންގެ ދުލުން އެ ވާހަކަ އަޑުއެހުމުގެ އެއްވެސް ޝައުގުވެރިކަމެއް ރާއިދުގެ ނެތެވެ. ރާއިދު ގޮސް ރާއިދުގެ ތަޅުދަނޑިން ކޮޓަރި ހުޅުވައިފައި ކޮޓަރިއަށް ވަދެފައި ދޮރުލެއްޕިއެވެ. އޭރު ނަޖްވާން ހުރީ ކޮޓަރިއަށް ވަންނަން ދޮރުމަތީގައެވެ. ނަޖްވާން ހިތަށްއެރިއެވެ. އަހަރެން ދެކެ ރާއިދު ކޮން ރުޅިއެއް އަންނާކަށްހެއްޔެވެ؟ އަހަރެންގެ ކުށަކީ ކޮބައިހެއްޔެވެ؟ ނަޖްވާން ކޮޓަރިއަށް ވަން އިރު ރާއިދު އެނދުގައި އިށީނދެލައިގެން އިނެވެ.

"އަހަރެން..." ނަޖްވާން ވާހަކަދައްކަން ފެށުމުން، އެ ފަހަރު ވެސް ފުރުސަތެއް ނުލިބުނެވެ.

"މީ މަންމަގެ ގެ،" ވަރަށް ހިތްހަމަނުޖެހިފައި ރާއިދު ބުންޏެވެ. "މަންމައަށް ނުވަދެވޭ ގޮތަށް ދޮރެއް ތަޅެއްނުލެވޭނެ. ކިހާ ކަޑަކަމެއް ނަޖޫ ތި ކުރީ؟ މަންމަ ރޮމުންރޮމުން އަހަންނަށް ގުޅީ!"

"އަހަރެންގެ ސައިޑް ވެސް ރާއިދު އަޑުއަ.." ނަޖްވާން ވާހަކަދައްކަން މަސައްކަތްކުރިއެވެ.

"ނަޖޫ ތަޅުދަނޑިން މަންމަ ގައިގަ ޖެހީ ކީއްވެ؟" ރާއިދު ސުވާލުކުރިއެވެ.

ރާއިދު އެހެން ބުނި އިރު ހީވަނީ ތަޅުދަނޑިއަކީ ދަނޑިބުރިއެއްހެންނެވެ. އެއްޗެއް ބުނަން ނަޖްވާން މަސައްކަތްކުރިއެވެ. އެކަމަކު އެ ސުވާލަށް ޖަވާބުދޭން ވެސް ނަޖްވާނަކަށް ފުރުސަތެއް ނުލިބުނެވެ.

"ނަޖޫއާ މެރީކޮށްގެނެއް ނޫޅެވޭނެ،" ރާއިދު ބުންޏެވެ. "ޑިވޯސް.."

އެ ފަހަރު ނަޖްވާން ގަދަކަމުން ދަނޑިވަޅެއް ހޯދިއެވެ.

"މިހާރު ވިސްނިއްޖެ!" ޖެހިލުންކުޑަ ރާގެއްގައި ނަޖްވާން ބުންޏެވެ. "ރާއިދު ތިހިރީ އަހަރެން ޑިވޯސްކުރަން ބަހަނާއެއް ނުފެނިފަ. އޯކޭ! ޕޮޒެސިވް މަންމަ ބުނާ ގޮތް ހަދައިގެން، މަންމަގެ ބޭބީ އަހަރެން ޑިވޯސްކޮށްލާ! އެކަމަކު ހަނދާންކުރައްޗޭ! ކޮންމެ މީހަކާ ރާއިދު މެރީކުރިޔަސް މަންމަ ފަނިވައްޓާނެ."

"އަހަރެން ހީ ވެސް ނުކުރަން ނަޖޫގެ ވިސްނުން ތިހާ ކަޑަވާނެކަމަކަށް." ރާއިދު ބުންޏެވެ.

"އަހަރެން ހީ ވެސް ނުކުރަން ރާއިދަކީ ތިހާ ފިނޑިމީހެއްކަމަކަށް،" ނަޖްވާން ބުންޏެވެ. "ކޮށްބަލަ ޑިވޯސް!"

ވަރިކޮށްފީމޭ ބުނާކަށް ރާއިދަކަށް ނުކެރުނެވެ. ދުލާއި ހިތް އަރާރުންވީއެވެ. ސިކުނޑި އެ ދެމެދަށް ވަނީއެވެ. ލޯބީގެ މައްޗަށް އެހެން މީހެއްގެ އަމުރެއް ތަންފީޒުކުރަން ހުއްދަނުލިބުނީއެވެ. އެހެން ވެދާނެކަމަކަށް ރާއިދު، ފަހަރެއްގައި ވެސް ހިޔެއްނުކުރެއެވެ. ދިފްލާއަށް ނަޖްވާން އެ ވާހަކަ ކިޔައިދިނީ، ޕިއްޒާ ހޫނުކުރަން މައިކްރޯވޭވަށް ލައިގެންހުރެއެވެ.

"ހަމަ ރަނގަޅަށް،" ހެމުންހެމުން ނަޖްވާން ބުންޏެވެ. "ރާއިދު ހަމަ ފްރީޒްވީ! އެތައް އިރެއްވަންދެން އަހަންނަށް ބަލަހައްޓައިގެން ހުރި. އޭނަގެ މަންމަ އެގޮތްމިގޮތަށް އޭތި ކައްކާފަ، ތެއްލާފަ، ހިލާފަ، ބާބަކިޔު ވެސް ހަދާފަ އޭނައަށް ކާންދިނީ. ތަޅުދަނޑިން ޖެހީޔޯ! ރޮއިރޮއިފަޔޯ އެ ވާހަކަ ބުނީ. ފައްކާ ޑްރާމާކްއީނެއް."

ފާއިޒާ ހުރީ އެ ހުރިހައި ވާހަކައެއް އަޑުއަހާށެވެ.

ނުނިމޭ