އިޒްރޭލުގެ ހަތަރު ރަހީނަކު ސަލާމަތްކުރަން ރެފިއުޖީ ކޭމްޕަކުން 210 މީހުން ޝަހީދުކޮށްލައިފި
އިޒްރޭލުގެ ހަތަރު ރަހީނަކު ސަލާމަތްކުރަން ރެފިއުޖީ ކޭމްޕަކުން 210 މީހުން ޝަހީދުކޮށްލައިފި

މިދިޔަ އަހަރު ހަމާސް އިން ރަހީނުކުރި އިޒްރޭލު މީހުންގެ ތެރެއިން ހަތަރު މީހަކު ރެފިއުޖީ ކޭމްޕެއްގައި ގެންގުޅެނިކޮށް އިޒްރޭލުން މިއަދު އެތަނަށް ހަމަލާދީ 210 މީހަކު ޝަހީދުކޮށްލައިގެން އެ ހަތަރު މީހުން ސަލާމަތްކޮށްފި އެވެ.

"އިޒްރޭލުގެ އިސްތިއުމާރީ ބާރުން ނުސައިރާތު ކޭމްޕުގައި ހިންގި ގަތުލުއާންމުގައި 210 މީހަކު ޝަހީދުވެ 400 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައި،" ހަމާސް އިން ނެރުނު ބަޔާނުގައި ބުންޏެވެ.

ހަމާސް އިން މި ބަޔާން ނެރުނީ ނުސައިރާތުގައި ހިންގި އަސްކަރީ އޮޕަރޭޝަނެއްގައި ހަތަރު ރަހީނަކު ދިރިހުއްޓާ ސަލާމަތްކޮށްފައިވާކަން މިއަދު ހެނދު އިޒްރޭލުން އިއުލާނުކޮށްފައި ވަނިކޮށެވެ. އަދި މި އޮޕަރޭޝަން ކުރިއަށް ދިޔައިރު އިޒްރޭލު ސިފައިންނަށް އަމާޒުކޮށް ހަމަލާތައް ދެމުން ދިޔަ ކަމަށް ވެސް ބުންޏެވެ.

ސަލާމަތްކުރި ރަހީނުންނަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ހަމަލާދިން އިރު ކުރިއަށް ދިޔަ މިއުޒިކް ފެސްޓިވަލްގެ ތެރެއިން ރަހީނުކުރި ބައެކެވެ. އެއީ އުމުރުން 26 އަހަރުގެ މީހަކާއި 22 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކާއި 41 އަހަރުގެ މީހެކެވެ.

އިޒްރޭލުން ނުސައިރާތުގައި ހަމާސްގެ މަގާމުތަކަށް ހަމަލާ ދެމުން ދިއުމަށް ފަހު ރެފިއުޖީ ކޭމްޕަށް ހަމަލާދީ ރަހީނުން ސަލާމަތްކުރުމާ އެކު ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ ވަނީ ހަމާސް އިން ހުއްޓުމެއް ނެތި ހަނގުރާމަކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

"އަހަރެމެން އަމާންދޭކަށް ނެތިން. މުޖުރިމު ދުޝްމަނުންގެ ކުރިމަތީގައި އަހަރެމެންގެ ހައްގުތައް ހޯދަން ކުރާ މަސައްކަތް ދާނީ ކުރިއަށް،" ހަނިއްޔާ ވިދާޅުވި އެވެ.

ހަމާސް އިން ބަޔާން ނެރުމުގެ ކުރިން ވެސް ވަނީ ނުސައިރާތުގައި ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 94 މީހަކު ޝަހީދުވެފައިވާ ކަމަށް ބުނެފަ އެވެ. މި އެންމެން އަލް އަގްސާ މާތީރް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެކަމަކު ޒަހަމްވެފައިވާ މީހުން ގިނަކަމުން އެތަނުގައި އެކަށީގެންވާ ފަރުވާ ނުދެވޭ ކަމަށް ބުންޏެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހު އިޒްރޭލަށް ހަމާސް އިން ހަމަލާދީ ހާހަކަށް ވުރެ ގިނަ މީހުން މަރާލައި އެތައް ބަޔަކު ރަހީނުކުރުމުން ހަމާސް ނައްތާލަން ކަމަށް ބުނެ ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން ވަނީ 36،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ. -- އޭއެފްޕީ